07 Jun 2016, 03:15
މިދިޔަ ހޮނިހިރު ދުވަހު ނިޔާވި އެމެރިކާއަށް އުފަން މަޝްހޫރު ބޮކްސިން ލެޖެންޑް މުހައްމަދު އަލީގެ ޖަނާޒާގައި ދުނިޔޭގެ އިސް ބައެއް ފަރާތްތަކުން ބައިވެރިވެވަޑައިގަންނަވާނެ ކަމަށް މުހައްމަދު އަލީގެ އާއިލާ އިން ބުނެފި އެވެ.
އަލީގެ ޖަނާޒާ އޮންނާނީ އަންނަ ހުކުރު ދުވަހު، އޭނާގެ އުފަން ސަހަރު ލުއީވިލްގެ ކެންޓަކީގައެވެ. ގިނަ ބަޔަކު އޭނާގެ ޖަނާޒާގައި ބައިވެރިވާނެ ކަމަށް މިހާރު ވެސް ވަނީ ބެލެވިފައެވެ.
އަލީގެ އާއިލާގެ ތަރުޖަމާން ބުނީ، އަލީގެ ޖަނާޒާގައި ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުޣާން އާއި ޖޯޑަންގެ ރަސްގެފާން ކިންގް އަބްދުﷲ ބައިވެރިވެވަޑައިގަންނަވާ ވާހަކަފުޅުދައްކަވާނެ ކަމަށެވެ. މީގެ އިތުރުން އެމެރިކާގެ ކުރީގެ ރައީސް ބިލް ކުލިންޓަން އާއި އެކްޓަރު ބިލީ ކްރިސްޓަލް ވެސް ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
ހެވީ ވެއިޓް ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ އުމުރުން 74 އަހަރުގެ އަލީ ނިވާޔީ ނޭވާލާން އުނދަގޫވެ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށެވެ. އޭނާ މަރުވެފައި ވަނީ، އެމެރިކާގެ ފީނިކްސް ސިޓީގެ އެރިޒޯނާ ސްޓޭޓްގެ ހޮސްޕިޓަލެއްގަ އެވެ.
އަލީގެ ޖަނާޒާގެ ކަންތައް އިންޓަނެޓް މެދުވެރިކޮށް ދުރަށް ފޮނުވަން ހަމަޖެހިފައިވާއިރު، އޭނާގެ ޖަނާޒާގެ ކަށުކަމާ ކެމީގެ ކަންތައް ކުރިއަށްގެންދާނީ ކެލިފޯނިއާގެ އިމާމެއް ކަމަށްވާ ޒައިދް ޝާކިރެވެ. އަދި އަލީ ވަޅުލުމުގެ ކުރިން ކެންޓަކީގެ މަގުތަކުގައި ސަންދޯކު ގެންދަން ހަމަޖެހިފައިވާ ކަމަށް އޭނާގެ އާއިލާ އިން ބުނެއެވެ.