ޓޫރިޒަމް ތަރައްގީކޮށް، ޓޫރިސްޓުންގެ މަގުބޫލުކަން ހޯދުމުގެ ގޮތުން، އާޓިފިޝަލް ޑައިވިން ރީފެއް ހެދުމަށް ތުރުކީ ވިލާތުން އެއާބަސް، އޭ 300 މަރުކާގެ މަތިންދާ ބޯޓެއް ކަނޑުފައްތައިފި އެވެ.

ތުރުކީގެ ކުށަޑާސީ ޕޮރުވިންސުގެ ކަނޑަށް އެ ބޯޓު ފެއްތީ ހޮނިހިރު ދުވަހުގެ މެންދުރު ފަހު އެވެ. އެ ބޯޓުގެ ދިގު މިނުގައި 177 ފޫޓު ހުންނަ އިރު ފިޔަގަނޑާ އެކު ފުޅާ މިނުގައި 144 ފޫޓު ހުންނަ 36 އަހަރު ވެފައިވާ މަތިންދާ ބޯޓެކެވެ.

އެޖެންސީ ފްރާންސް ޕްރެސް (އޭއެފްޕީ) އިން ބުނި ގޮތުގައި ކުށަޑާސީ ޕޮރުވިންސުގެ ލޯކަލް ސަރުކާރަށް، އޭވިއޭޝަން އިންޑަސްޓްރީ އިން އެ ބޯޓު ގަތީ ގާތްގަނޑަކަށް 100،000 ވަރަކަށް ޑޮލަރަށެވެ.

ތުރުކީ ވިލާތުގައި ޓޫރިސްޓުންގެ މަގުބޫލުކަން ހޯދުމަށް މިފަދަ ހަރަކާތެއް މި ފެއްޓީ، މައްސަލަތައް ބޮޑުވެ، ޓޫރިޒަމަށް އޭގެ ނޭދެވޭ އަސަރުތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގަ އެވެ. އެފަދަ ހަރަކާތްތަކުގެ ސަބަބުން ޓޫރިސްޓުންގެ މަގުބޫލުކަން އަނބުރާ ހޯދެނެ ކަމަށް ރަސްމީ ފަރާތްތަކުން ދެކެ އެވެ.