16 May 2011, 11:57
ހަދަމުންދާ ރިޒޯޓެއްގައި އިންދަން ލ. އިސްދޫން 600 އަށް ވުރެ ގިނަ ރުއް ބޭރުކޮށްފި އެވެ.
ނަން ހާމަނުކުރުމަށް އެދި ލ. އިސްދޫއިން ވާހަކަދެއްކި ބައެއް މީހުން މިއަދު ބުނީ ހައިމާކް ބޭނުކޮށް، ކޮނެެގެން އެ ރަށުން ބޭރުކުރަމުން ދަނީ ބޮޑެތި ރުށް ކަމަށާއި އެ ރަށުން ނަގާފައިވާ ރުއް އަރުވައި ބަރުކޮށްފައި މުދާ އުފުލާ ބޮޑު ދޯންޏެއް މިހާރު ވެސް އިސްދޫ ބަނދަރުގައި އެބަ އޮތް ކަމަށެވެ.
"އަޅުގަނޑުމެން ވާނީ އެންވަޔަރްމެންޓް ޕްރޮޓެކްޝަން އެޖެންސީގެ ސަމާލުކަމަށް ވެސް މިކަން ގެނެސްފައި، ނަމަވެސް ރުއް ހިފައިގެން މިހާރު ފުރަން ތައްޔާރުވަމުން އެދަނީ އަށްވަނަ ދޯނި،" އިސްދޫން ވާހަކަ ދެއްކި އެކަކު ބުންޏެވެ. "ރުއްތައް ގެންދަނީ އެ ރުއްތަކުގެ ވެރިންނަށް އަގު ދީފައި، އެކަމަކު މީހުން އުޅޭ ސަރަހައްދުންނާއި ވަލުތެރެއިން އެހާ ގިނަ ރުއް ނެގުމަކީ ރަށުގެ ތިމާވެއްޓަށް ވަރަށް ނޭދެވޭ އަސަރެއް ކުރާނެ ކަމެއް ކަމަށް އަޅުގަނޑުމެންނަށް ފެންނަނީ، އެހެންވެ ރަށުގެ ގިނަ ބަޔަކު އެކަމާ ކަންބޮޑުވޭ،"
ރުއް އަރުވާ ބަރުކޮށްފައިވާ ދޯނި އިސްދޫއިން ފުރަން ތައްޔާރުވަމުންދާ ކަމަށް އިސްދޫން ވާހަކަ ދެއްކި މީހުން ބުނިނަމަވެސް އިސްދޫ ރަށުކައުންސިލުން އެކަން ދޮގު ކުރެ އެވެ. ކައުންސިލްގެ ރައީސް އިބުރާހިމް ހަލީލު މިއަދު ވިދާޅުވީ ތަންކޮޅެއް ކުރިން އިސްދޫން ކޮންމެވެސް ވަރަކަށް ރުއް ބޭރުކޮށްފައިވާ ކަމަށާއި ނަމަވެސް މިހާރު އެކަން ހުއްޓާލާފައިވާ ކަމަށެވެ. ބޭރުކޮށްފައި ވަނީ ކިހާ ރުކެއްކަން އެނގިވަޑައި ނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރުއް ބޭރުކުރަމުން ދިޔަ ފަރާތަށް އަޅުގަނޑުމެން އިލްތިމާސްކޮށްފައި ވާނީ އެންވަޔަރްމަންޓް އެސެސްމެންޓް ރިޕޯޓް ނުހަދައި އެކަން ނުކުރުމަށް، ފުލުހުން މިހާރު ވަނީ އެކަން ހުއްޓުވާފައި،" ހަލީލު ވިދާޅުވި އެވެ.
ރުއް އަރުވާ ބަރުކޮށް އިސްދޫ ބަނދަރުގައި އޮތްކަމަށް ބުނާ ދޯންޏާ ބެހޭ ގޮތުން ހަލީލު ވިދާޅުވީ އެއީ މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ހުއްޓުވާފައިވާ ދޯންޏެއް ކަމަށެވެ.
ފުލުހުން ބުނީ އިސްދޫން ގިނަ އަދަދެއްގެ ރުއް ބަރުކޮށްގެން ފުރަން އުޅުނު ދޯންޏެއް މިދިޔަ ބުރާސްފަތި ދުވަހު ހިފަހައްޓާފައިވާ ކަމަށެވެ.
ލ. އިސްދޫން ނަގައިގެން ރުއް ގެންގޮސްފައި ވަނީ ކޮން ރިޒޯޓަކަށް ކަމާއި އެ ފަރާތުން ރުއް ގަނެފައި ވަނީ ކޮން އަގަކަށް ކަމެއްވެސް އަދި ސާފެއް ނުވެ އެވެ.