މިއަހަރު ވެސް ރަމަޟާން މަހު ރޯދަ ވީއްލާ ވަގުތަށް، މާލެއިން ހުޅުމާލެއަށާއި ވިލިމާލެއަށް ކުރާ ފެރީ ދަތުރުތައް ކުޑަ ވަގުތުކޮޅަކަށް މެދުކަނޑާލާނެ ކަމަށް، ފެރީ ދަތުރުތައް ކުރާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އިން ބުނެފި އެވެ.

"ސަން" އަށް މައުލޫމާތު ދެއްވަމުން އެމްޓީސީސީގެ އޮފިޝަލަކު ވިދާޅުވީ، ކޮންމެ އަހަރު ވެސް ރަމަޟާން މަހުގެ ދުވަސްތަކުގައި ރޯދަ ވީއްލާ ވަގުތަށް ފެރީ ދަތުރުތައް މެދުކަނޑާލާ ކަމަށެވެ.

އެގޮތުން، ހުޅުމާލެއާ މާލެއާ ކުރެވޭ ދަތުރުތަކުގައި، ހަވީރުގެ އެންމެ ފަހު ފެރީ އޮންނާނީ 5:40 ގައި ކަމަށާއި، ދެން ފެރީގެ ޚިދުމަތް ދޭނީ އިރު އޮއްސި ހަތެއް ޖެހުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި ވިލިމާލެއާ މާލެއާ ދެމެދު ކުރެވޭ ފެރީތައް މެދުކަނޑާލަނީ އިރުއޮއްސި 6:00 އިން ފެށިގެން 7:00 އާ ދެމެދު، އެއް ގަޑިއިރުގެ މުއްދަތަކަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.