06 Jun 2016, 16:25
މިއަދު މެންދުރު ނަމާދު ވަގުތުގައި މާލޭގެ ޕެޓްރޯލް ޝެޑުތައް ބަންދުކޮށްފައި ހުރި ވަގުތު، ތެޔޮ ބައުޒަރަކުން ސައިކަލުތަކަކަށް ޕެޓްރޯލް ވިއްކި ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، މާލެ ސިޓީ ޕޮލިސްގެ ހެޑް، ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ފަތުހުﷲ ވަހީދު ވިދާޅުވީ، ޕެޓްރޯލް ޝެޑުތައް ބަންދުކޮށްފައި ހުރި ވަގުތެއްގައި ތެޔޮ ބައުޒަރަކުން ސައިކަލުތަކަށް ޕެޓްރޯލް އަޅަމުން ދިޔަކަން ފުލުހުންނަށް ފާހަގަވި ކަމަށާއި، ފުލުހުން އެކަން ހުއްޓުވާފައިވާ ކަމަށެވެ.
އަދި އެކަން ހުއްޓުވުމަށްފަހު، ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު ކަމަށް ޗީފް އިންސްޕެކްޓަރު ފަތުހުﷲ ވިދާޅުވި އެވެ.
"ފުލުހުންގެ ބެލުމުގެ ދަށަށް ބިދޭސީއަކު ވަނީ ގެނެވިފައި. އެމައްސަލަ ކަމާ ބެހޭ ފަރާތްތަކުން ކުރިޔަށް އެބަ ގެންދޭ،" އޭނާ ވިދާޅުވި އެވެ.
ރަމަޟާން މަސް މިއަދު ފަށާފައިވާ އިރު، މާލޭގެ ޕެޓްރޯލް ޝެޑުތަކުގައި ޕެޓްރޯލް ގަތުމަށް އާދަޔާ ޚިލާފަށް ބޮޑެތި ކިއުތަކުގައި އުޅަނދުތައް ހުރިކަން ފާހަގަވެފައި ވެ އެވެ. ރަމަޟާން މަހުގެ ހަވީރުގެ ވަގުތުގައި ގިނަ އަދަދެއްގެ މީހުން ފިނި ބުރު ޖެހުމަށް ސައިކަލުގައި ނުކުމެ އުޅެ އެވެ.
ފުލުހުން މިއަދު ވަނީ، ފިނިބުރު ޖަހާ ވަގުތު މާލޭގެ ޓްރެފިކް ބާރުބޮޑު ވެދާނެތީ، ފިނިބުރު ޖެހުމަށްޓަކައި ޚާއްސަ ޓްރެފިކް ފްލޯއެއް ގެނައުމަށްޓަކައި ދެ މަގެއްގައި އުޅަނދުތައް ދުއްވަންވީ މިސްރާބަށް ބަދަލެއް ގެނެސްފަ އެވެ.
ޓްރެފިކް ފްލޯއަށް ފުލުހުން ގެނައި ބަދަލު -- ސަން ފޮޓޯ/ޔޫސުފް ސޮފްވާން
ހަވީރު 16:00 އިން 18:00 އަށް މާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯއަށް އަންނަން ޖެހޭ ބަދަލުތައް
ބޮޑުތަކުރުފާނުމަގު، އައިފާނު ބިލްޑިންގްއިން ފަށައިގެން ޓަސްކަލޫސާއާ ހަމައަށް އެއީ ވަންވޭއެއް. ދުއްވޭނީ ހުޅަނގުން އިރަށް.
- ކަނބާއައިސާރަނި ހިނގުން، ތާޖުއްދީން ހިނގުމުން ފެށިގެން މަޖީދީ މަގާ ހަމައަށް ޓޫވޭއެއް. ދެކޮޅަށް ވެސް ދުއްވޭނެ.
- ކަނބާއައިސާރަނި ހިނގުމުން ބޮޑުތަކުރުފާނު މަގަށް ދާން ބޭނުންވާ ހަތަރު ފުރޮޅުލީ އުޅަނދުތައް، މަޖީދީ މަގުން ގޮސް، އޯކިޑު މަގުން ގޮސް ޗާންދަނީ މަގުން ބޮޑުތަކުރުފާނު މަގަށް ދިއުމަށް ފުލުހުން އިލްތިމާސް ކުރޭ.
ފުލުހުން އިލްތިމާސް ކުރަނީ، ހަވީރު ފިންޏަށް މާލެ ވަށައި ބުރު ޖަހާލުމަށް ދާ ފަރާތްތަކުން، މާލެ ވަށައި ކްލޮކްވައިސްކޮށް ދުއްވުމަށް އެދޭ ކަމަށެވެ.