06 Jun 2016, 16:18
ރަމަޟާން މަހުގެ ހަވީރުގެ ވަގުތުތަކުގައި މާލޭގެ ގިނަ އަދަދެއްގެ ރައްޔިތުން ސައިކަލުގައި ފިނި ބުރު ޖަހަން ދާ ވަގުތުތަކުގައި ޓްރެފިކަށް ބާރުބޮޑު ވާތީ، އެކަން ހައްލުކުރުމުގެ ގޮތުން ވަކި ވަގުތުތަކެއްގައި، ބޮޑުތަކުރުފާނުމަގުގެ ވަކި ސަރަހައްދަކާއި، ކަނބާއައިސާރަނި ހިނގުމުގައި އުޅަނދުތައް ދުއްވަންޖެހޭ މިސްރާބަށް ބަދަލުތަކެއް ގެނެސްފި އެވެ.
މިއަދު އިސްކަންދަރު ބިލްޑިންގްގައި އޮތް ނޫސްވެރިންގެ ބައްދުވުމެއްގައި، ޓްރެފިކް ޕޮލިސްގެ ސަބް އިންސްޕެކްޓަރު އޮފް ޕޮލިސް މުހައްމަދު ޒުހާން ވިދާޅުވީ ރޯދަ މަހު ހަވީރު ފިނިބުރު ޖެހުމަށް ގިނަ އަދަދެއްގެ ރައްޔިތުން ނުކުންނާތީ، ޓްރެފިކް ފްލޯ އެއްގޮތެއްގައި ހިންގުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން، ބޮޑުތަކުރުފާނުމަގުގެ ވަކި ސަރަހައްދެއް ވަންވޭއަށް ދުއްވާ ގޮތަށާއި، ކަނބާއައިސާރަނި ހިނގުމުގެ ވަކި ސަރަހައްދެއް ޓޫވޭއަށް ދުއްވާ ގޮތަށް ފުލުހުން ވަނީ ހަމަޖައްސައިފަ އެވެ.
ހަވީރު 16:00 އިން 18:00 އަށް މާލޭގެ މަގުތަކުގެ ޓްރެފިކް ފްލޯއަށް އަންނަން ޖެހޭ ބަދަލުތައް
ބޮޑުތަކުރުފާނުމަގު، އައިފާނު ބިލްޑިންގްއިން ފަށައިގެން ޓަސްކަލޫސާއާ ހަމައަށް އެއީ ވަންވޭއެއް. ދުއްވޭނީ ހުޅަނގުން އިރަށް.
- ކަނބާއައިސާރަނި ހިނގުން، ތާޖުއްދީން ހިނގުމުން ފެށިގެން މަޖީދީ މަގާ ހަމައަށް ޓޫވޭއެއް. ދެކޮޅަށް ވެސް ދުއްވޭނެ.
- ކަނބާއައިސާރަނި ހިނގުމުން ބޮޑުތަކުރުފާނު މަގަށް ދާން ބޭނުންވާ ހަތަރު ފުރޮޅުލީ އުޅަނދުތައް، މަޖީދީ މަގުން ގޮސް، އޯކިޑު މަގުން ގޮސް ޗާންދަނީ މަގުން ބޮޑުތަކުރުފާނު މަގަށް ދިއުމަށް ފުލުހުން އިލްތިމާސް ކުރޭ.
ފުލުހުން އިލްތިމާސް ކުރަނީ، ހަވީރު ފިންޏަށް މާލެ ވަށައި ބުރު ޖަހާލުމަށް ދާ ފަރާތްތަކުން، މާލެ ވަށައި ކްލޮކްވައިސްކޮށް ދުއްވުމަށް އެދޭ ކަމަށެވެ.