06 Jun 2016, 15:40
ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅު "ފިނިފެންމާ" ގައި އެއްޗެއް ގޮވި މައްސަލައިގެ އެންމެ ފަހު އަޑުއެހުން މާދަމާ ބާއްވަން ތާވަލް ކޮށްފި އެވެ.
މީގެކުރިން ބޭއްވި އަޑުއެހުމެއްގައި ސިއްރުން ހެކި ބަސް ދިން ސިފައިންގެ މީހަކު ބުނެފައި ވަނީ އަދީބުގެ އެދިވަޑައިގަތުމަށް އޭނާ އައިއީޑީއެއް ތައްޔާރުކޮށް އެމަނިކުފާނާ ހަވާލުކޮށްފައިވާނެ ކަމަށެވެ. އެއައިއީޑީ ތައްޔާރު ކުރީ ރެހެންދި ފްލެޓުގައި ހުންނަ އަދީބުގެ އެޕާޓުމެންޓުގައި އެކި ފިޔަވަހިތަކަށް ބަހާލައިގެން ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެއައިއީޑީ ތައްޔާރު ކުރަނީ ގަލްފް ކްރާފްޓް ލޯންޗެއް ގޮއްވާލަން ކަމަށް އަދީބު ވިދާޅުވި ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ލޯންޗުކޮޅު ހާދިސާއަށް ފަހު ފޯނުން ގުޅުއްވައި އޭގައި ގޮވީ އޭނާ ތައްޔާރުކޮށްދިން އައިއީޑީ ކަމަށް އަދީބު ވިދާޅުވެފައިވާ ކަމަށް ވެސް ސިއްރުން ހެކި ބަސް ދިން އެސިފައިންގެ މީހާ ވަނީ ބުނެފަ އެވެ.
ލޯންޗުކޮޅު ހާދިސާއަށް ފަހު އޭނާ އަށް ގުޅުއްވައި ސައިލެންޓުކޮށް ހުރުމަށާއި ފުލުހުން ތިމަން މަނިކުފާނޭ ކިޔައިގެން ސުވާލު ކުރިޔަސް ދެމީހުންގެ ދެމެދުގައި އުފެދިފައިވާ ރައްޓެހިކަމަކީ ހަވާއެރުވުމުގެ ކަންތަކާ ގުޅިގެން އުފެދިފައިވާ ރަހުމަތްރެރިކަމެއް ކަމަށް ފުލުހުން ގާތު ބުނުމަށް އަދީބު އެދިފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
ސިފައިންގެ އެމީހާއަށް އިޝާރާތްކޮށް އޭނާއަކީ ވަރަށް ރަނގަޅު މީހެއް ކަމަށާއި އެއީ ފިނިފެންމާ ކަންތަކާ ގުޅުމެއް އޮތް މީހެއް ނޫން ކަމަށް ފޯނުން ގުޅުއްވައި އަދީބު ވިދާޅުވި ކަމަށް ދެފުލުހަކު ވަނީ ސިއްރުން ހެކިބަސް ދީފަ އެވެ.