ސްރީލަންކާގެ ކޮލޮމްބޯ އަވަށުގެ ކޮސްގަމަ ޓައުނުގައި އޮންނަ މިލިޓަރީ ކޭމްޕެއްގެ ހަތިޔާރު ގުދަނުގައި އަލިފާން ރޯވެ، އެތަނުގައި ހުރި ހަތިޔާރުތައް ގޮވައި، ނުރައްކާތެރި ހާދިސާއެއް ހިނގައިފި އެވެ.

ކޮސްގަމަ އަކީ، ވެރިރަށް ކޮލޮމްބޯގެ އިރުން، 46 ކިލޯމީޓަރު ދުރުގައި އޮންނަ ޓައުން އެކެވެ.

ރޭ ފަތިހު ލަންކާ ގަޑިން 5:45 ހާ އިރު ކޮސްގަމަ ޓައުނުގައި ހުންނަ ސާލާވަ އާމީ ކޭމްޕުގައި އަލިފާން ރޯވި ސަބަބު އަދި އެނގިފައި ނުވާ އިރު، އެ އަލިފާންގަނޑުގެ ސަބަބުން އެތަނުގެ ހަތިޔާރު ގުދަނުގައި ހުރި ގިނަ އަދަދެއްގެ ބަޑިބޭސް ވަނީ ގޮވައި، އެތަނަނަށް ގެއްލުންތަކެއް ވެފަ އެވެ.

އެ ކޭމްޕު އޮންނަ ސަރަހައްދުން މިއަދު މެންދުރާ ހަމައަށް ވެސް ކުދިކުދި ގޮވުންތައް ގޮވަމުންދާ ކަމަށް ލަންކާގެ ނޫސްތަކުގައި ރިޕޯޓު ކުރެ އެވެ.

މި ހާދިސާއާ ގުޅިގެން، ކޮސްގަމަ ޓައުނާއި، އެ ޓައުން ކައިރީގައި ހުރި ކުދިކުދި އަވަށްތަކުގެ ރައްޔިތުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެތަނާ ދުރަށް ދިއުމަށް ލަންކާގެ އަސްކަރިއްޔާއިން އަންގާފައި ވެ އެވެ. އެސަރަހައްދުގައި ރައްޔިތުން ދިރިއުޅޭ ބައެއް ގޭގޭއަށް ވެސް ވަނީ، އާމީ ކޭމްޕުގައި ގޮވި ހަތިޔާރުތަކުގެ އަސަރުކޮށް، ބައެއް ތަކެއްޗަށް ގެއްލުން ވެފަ އެވެ.

އެނގިފައިވާ ގޮތުގައި މި ހާދިސާގައި އަނިޔާވީ އެންމެ މީހަކަށެވެ. އޭނާއަށް އަވިއްސާވެއްލާ ހޮސްޕިޓަލުގައި މިހާރު ދަނީ ފަރުވާ ދެވެމުންނެވެ.