މަދީނާގެ މުނާފިޤުންގެ ސަރުދާރުعبد اللّـه بن أبّى بن سلولމީހުންގެ ކަޅިމަތިބަލަމުން ސިއްރުސިއްރުން ޚައިބަރަށްގޮސް މަދީނާއާ ޙަމަލަދިނުމަށް ޔަހޫދީންނަށް ވާސްދިނެވެ. އޭނާ ޔަހޫދީންގާތު ބުންޏެވެ. މިއީ މުސްލިމުންގެ ބުރަކަށްޓަށް ޚަންޖަރު ގޯޅައިލަން އެންމެ މުނާސަބު ވަގުތެވެ. އެއުރެން އެތިބީ ހިތްވަރު އެލިފައެވެ. ތިޔަބައިމީހުންގެ އަތުގައި ހަތިޔާރާއި ސިފައިން މާގިނައެވެ. ވަގުތު ނަގައިނުލާށެވެ. އަވަސްކުރާށެވެ.

ކައުސާހިބާصلّى اللّـه عليه وسلّمގެ ނުހަނުމޮޅު ޖާސޫސީ ނިޒާމުގެ ސަބަބުން މިހުރިހާ ޚަބަރުތަކެއްވެސް އެކަލޭގެފާނަށް ބަރާބަރަށް ލިބިވަޑައިގަންނަވަމުންދިޔައެވެ. އިތުރު ސާހިބާ ހުދައިބިއްޔާއިން މަދީނާއަށް އެނބުރިވަޑައިގެންނެވުމަށްފަހު ލަސްތަކެއް ނުކުރައްވައި ޚައިބަރަށް ފުރާވަޑައިގަތުމަށް ހަމަޖެއްސެވިއެވެ. ޚައިބަރަށް ފުރާވަޑައިގަތުމުގެ ކުރިން އިޢުލާންކުރެއްވިއެވެ. "އަހަރެމެންނާއެކު މިދަތުރުގައި ބައިވެރިވެވޭނީ ހަމައެކަނި ޖިހާދު ކުރުމުގެ ބޭނުމުގައިދާ ބަޔަކަށެވެ." މި އިޢުލާން ނެރުއްވީ ހުދައިބިއްޔާގެ ޞުލްޙައާ ގުޅިގެން ބާވައިލެއްވިسورة الفتحގެ ފަނަރަވަނަ އާޔަތާ ގުޅިގެންނެވެ. އެ އާޔަތުގައިވަނީ:

"ޣަނީމާތަކެއް އަތުލުމަށްޓަކައި ޣަނީމާތަކަކަށް (އެބަހީ: ހަނގުރާމަޔަށް) ތިޔަބައިމީހުންގެ ފަހަތުން ތިމަންމެން ދިޔުމަށް ތިމަންމެން ދޫކޮށްލާށެވެ! އެއުރެން އެދެނީ،اللّـهގެ ބަސްފުޅު ބަދަލުކުރުމަށެވެ. ކަލޭގެފާނު ވިދާޅުވާށެވެ. ތިމަންމެންގެ ފަހަތުން ތިޔަބައިމީހުން އައިސްގެންނުވާނެއެވެ. މީގެކުރިންاللّـهއަންގަވައިފައިވަނީ އެފަދައިންނެވެ. ދެން އެއުރެން ބުނާނެތެވެ. އަދި ކިއެއްތަ! ތިޔަބައިމީހުން ތިމަންމެންނާ ޙަސަދަވެރިވަނީއެވެ. އަދި ކިއެއްތަ! ދާދިކުޑަކޮށްމެނުވީ އެއުރެންނަކަށް ނުވިސްނެއެވެ."

އެހެންކަމުން މިދަތުރުފުޅުގައި ބައިވެރިވެވަޑައިގަތީ ޙުދައިބިއްޔާއަށް ވަޑައިގެން ބައިޢަތުއްރިޟުވާނުގައި ބައިވެރިވެވަޑައިގެންނެވި ފަނަރަސަތޭކަ ބޭކަލުންނެވެ. މުނާފިޤުންގެ ތުރާލެއް މިދަތުރުފުޅަކު ނެތެވެ. އިތުރު ސާހިބާ ޙުދައިބިއްޔާއިން އެނބުރިވަޑައިގަތީ ހިޖްރައިން ހަވަނަ އަހަރުގެ ޛުލްޙިއްޖާމަހުގައެވެ. ޚައިބަރަށް ފުރާވަޑައިގަތީ ހިޖުރައިން ހަތްވަނަ އަހަރުގެ މުޙައްރަމްމަހުގައެވެ. މަދީނާގެ މައްޗަށް ވެރިކުރެއްވީسباع بن عرفطة الغفارى رضى اللّـه عنهއެވެ.

މުނާފިޤުންގެ ވެރިޔާعبد اللّـه بن أبّى بن سلولއިސްލާމީ ލަޝްކަރު މަދީނާއިން ފުރިވާހަކަ ޚައިބަރަށް އެންގިއެވެ. އެހެންކަމުން ޚައިބަރުގެ ޔަހޫދީން ހަނގުރާމަޔަށް ތައްޔާރުވިއެވެ. ހާމަމައިދާނުގައި މުސްލިމުންނާ ކުރިމަތިލާން ޤަޞްދުކުރިއެވެ. ޔަހޫދީން ހީކޮށްގެންތިބީ މުސްލިމުންނަށް ޚައިބަރަށް އާދެވުމުގެކުރީން އެބައިމީހުންނަށް އެކަށީގެންވާވަރަށް ވަގުތު ލިބޭނެކަމުގައެވެ. ނަމަވެސް ކައުސާހިބާ
صلّى اللّـه عليه وسلّمގެ ޤިޔާދަތުގައި އިސްލާމީ ލަޝްކަރު ހަލުވި ދަތުރެއްކޮށް ޔަހޫދީން ހީވެސްނުކުރާހާ އަވަހަށް ޚައިބަރަށް ހިނގައްޖެއެވެ. އިތުރު ސާހިބާ މަދީނާއިން ނިކުމެވަޑައިގަތުމާއެކު، ލަޝްކަރުގެ އާރުކާޓީންގެ ގޮތުގައި ގެންނަވައިފައިވާ ދެމީހުންނަށް އެންގެވިއެވެ. ޚައިބަރުގެ އުތުރުން އެރަށުގެ ކައިރިޔަށްދެވޭނެ މަގަކުން ލަޝްކަރާއިގެން ދަތުރުކުރާށެވެ. އިތުރު ސާހިބާ ބޭނުންކުރެއްވި އަޞްކަރީ ޙިކުމަތުޢަމަލީއަކީ ޣަޠުފާނުވަންހައިގެ މީހުންނަށް ޚައިބަރުގެ ޔަހޫދީންނާ އެހީވާން ނާދެވޭގޮތަށް އެދެމެދަށް ހުރަސްއެޅުއްވުމެވެ. ހަމައެއާއެކު ޔަހޫދީންނަށް ޝާމްކަރަޔަށް ފިލައިގެން ނުދެވޭނެގޮތުން އެމަގުވެސް ބަންދުކޮށްލެއްވުމެވެ. ޔަހޫދީން އެއްރެއެއްގެ ފަތިހު ދަނޑުތަކަށްދާން ތައްޔާރުވެގެން ރަށްބޭރަށް ނިކުތްއިރު، އިސްލާމީ ލަޝްކަރުއޮތީ ރަށްބޭރުގައި ބަނޑަހަޖަހައިފައެވެ. އެހެންކަމުން ޔަހޫދީން ޤަޞްދުކުރީ ކިއްލާ ބަންދުކޮށްގެންތިބެ ހިލައާއި ދުނިން މުސްލިމުންނާ ޙަމަލަދިނުމަށެވެ.

ކައުސާހިބާصلّى اللّـه عليه وسلّمގެ އާދަފުޅަކީ އެކަލޭގެފާނު ހަނގުރާމަޔަކަށް ވަޑައިގަންނަވާނަމަ އެވަޑައިގަންނަވާ ތަނަކަށް އިރުއެރުމުގެ ކުރީން ރޭގަނޑުގެ ބައެއްގައި ވަޑައިގަތުމެވެ. ނަމަވެސް ރޭގަނޑުގެ އަނދިރީގައި އެބަޔަކާ ހަނގުރާމައެއް ނުފައްޓަވައެވެ. ހަނގުރާމަ ފައްޓަވަނީ އިރުއަރައި އަލިވުމުންނެވެ. އެބަޔަކަށް ތައްޔާރުވުމުގެ ފުރުޞަތު ދެއްވައިފައެވެ.

ޔަހޫދީން ކިއްލާތަކުގެ ފާރުމަތީން ހިލައާއި ދުނީގެ ވާރޭ ވެއްސަމުން ގެންދިޔައެވެ. ނަމަވެސް މުސްލިމުން ނުހަނު ފިރިހެންގޮތުގައި ޔަހޫދީންނާ ކުރިމަތިލިއެވެ. ދާދިފަސޭހައިން ބައެއް ކިއްލާތައް ފަތަޙަކުރިއެވެ. ޔަހޫދީންގެ އެންމެ ވަރުގަދަ ކިއްލާއަކީ ބައެއް މުއައްރިޚުން ވިދާޅުވާގޮތުގައި އަލްޤުމޫސެވެ. ނަޟީރުވަންހައިގެ ހަނގުރާމަޔަށްފަހުالسّيّدة صفيّةގެ ޢާއިލާ ވަނީ ޚައިބަރަށް ދިރިއުޅުން ބަދަލުކޮށްފައެވެ. އެ ޢާއިލާ ދިރުޅެމުންއައީ އަލްޤުމޫސުގައެވެ. އެކިއްލާގެ ވެރިޔަކީالسّيّدة صفيّةގެ ފިރިކަލުންގެ ބޮޑުބޭބެއެވެ. އެހެންކަމުންكنانةވެސް ވަނީ އެކިއްލާގެ ވެރީންގެ ތެރޭގައި ހިމެނިފައެވެ.السّيّدة صفيّةގެ ޢާއިލާއަށްވަނީ އެކިއްލާގެ ރިޔާސަތު ލިބިފައެވެ.

މުސްލިމުން މެދުކެނޑުމެއްނެތި އެތައްދުވަހަކު މަސައްކަތްކުރިއިރުވެސް އަލްޤުމޫސު ފަތަޙައެއް ނުވިއެވެ. އެހެންކަމުން ކައުސާހިބާصلّى اللّـه عليه وسلّمއެއްދުވަހެއްގެ ހެނދުނުعلى بن أبى طالبرضى اللّـه عنهބަލާފޮނުއްވައިގެން ގެންނެވިއެވެ.علىގެފާނު ވަޑައިގެންނެވިއިރު ހުންނެވީ ލޮލުރޯގާގެ އާލާސްކަންފުޅު ޖެހިވަޑައިގެންފައެވެ. ކައުސާހިބާصلّى اللّـه عليه وسلّمއެކަލޭގެފާނުގެ ދަވަފޮދުعلىގެފާނުގެ ލޯފުޅުގައި ތުރުކޮށްދެއްވިއެވެ. އެއަށްފަހު އެމާތް ސާހިބާއަށް ނަޞްރުދެއްވައި ކަންކަން ފަހިކޮށްދެއްވާ މަތިވެރިވަންތަاللّـهއަށް ދުޢާކުރެއްވިއެވެ. ކައުސާހިބާގެ ދުޢާފުޅާއި، އެކަލޭގެފާނުގެ ދަވަފޮދުގެ ބަރަކާތުން ހަމައެވަގުތުعلىގެފާނުގެ އާލާސްކަންފުޅު ފަސޭހަފުޅުވެއްޖެއެވެ.

ކައުސާހިބާصلّى اللّـه عليه وسلّم،علىގެފާނަށް އިސްލާމީ ލަޝްކަރުގެ ދިދަދެއްވައިފައި އަލްޤުމޫސު ފަތަޙަކުރައްވަން އެންގެވިއެވެ. (ބައެއް ރިވާޔަތްތަކުގައިވާގޮތުން ކައުސާހިބާصلّى اللّـه عليه وسلّم،على كرّم اللّـه وجههފޮނުއްވީ ނާޢިމެވެ ކިޔުނު ކިއްލާ ފަތަޙަކުރެއްވުމަށެވެ. ޔަހޫދީންގެ ތެރޭގައި އެއްހާސް އަސްވާރުންނާ ނުބައްދަލު ފަހުލަވާނެއްކަމުގައި ބުނެވޭمرحبވެސް ހުރީ އެކިއްލާގައެވެ. ޚައިބަރުގެ ޔަހޫދީންގެ ދިފާޢީ އެންމެފުރަތަމަ އަދި އެންމެވަރުގަދަ "ރޮނގަކީވެސް" ނާޢިމެވެ.) އަލްޤުމޫސުގެ ދިފާޢާ ޙަވާލުވެގެންތިބި ޔަހޫދީންގެ ތެރޭގައި ގަދަފަދަކަމާއި، ހިތްވަރުގަދަކަމާއި ހަނގުރާމައިގެ ހުނަރުވެރިކަމަށް ނަންހިނގައި މަޝްހޫރުވެފައިތިބި ދެފަހުލަވާނުންނެވެ.الحارثއާއިمرحبއާ ދެމީހުންނެވެ. (الحارثގެ ބަދަލުގައި ބައެއް ރިވާޔަތްތަކުގައިވަނީياسرގެ ނަމެވެ.ياسرޤަތުލުކުރެއްވިކަމުގައި ލިޔެވިފައިވަނީالزّبير بن العوّامއެވެ.)على كرّم اللّـه وجههގެ ކުރިފުޅުމައްޗަށް އެންމެފުރަތަމަ ނިކުތީالحارثއެވެ. އޭނާގެ މަޝްހޫރުކަމުގެ އެއްވެސް ފައިދާއެއް އެދުވަހަކު ނުކުރިއެވެ. މާގިނައިރެއްނުވެذالفقارގެ މިޔަދަށުވެއްޖެއެވެ. މަޝްހޫރުمرحبއަށް އޭނާގެ ކޮއްކޮ ޤަތުލުވިތަން ފެނިފައި އަނގުރު އަލިފާން ތަވައެއްހެން ކެކެމުން ނިކުމެއްޖެއެވެ.على رضى اللّـه عنهއަމަށުން ހުންނެވިޔަނުދޭނެކަމަށްބުނެ ހުވާކުރަމުންނެވެ. ނަމަވެސް އޭނާއަށްވެސް ޖެހުނީ އޭނާގެ ކޮއްކޮއަށްވެސް ޖެހުނު ދަތުރެވެ. މާގިނައިރެއްނުވެعلىގެފާނުގެ އަތްޕުޅުން ޤަތުލުވެއްޖެއެވެ.

حيد كرّار رضى اللّـه عنهގެ މިއާދަޔާ ޚިލާފު ހިތްވަރުފުޅުން އިސްލާމީ ލަޝްކަރަށް ލިބުނީ ޙައިރާންވެ އަންތަރީސްވާފަދަ ހިތްވަރަކާއި ޖޯޝެކެވެ. މަތީގެ ފަލަކުތަކާ ހަމަޔަށް އަޑުއަރައިގެންދާފަދަ ގަދައަޑުންاللّـه أكبرގެ ނަޢުރާކުރަމުން ޔަހޫދީންނާ ޙަމަލަދެމުން ގެންދިޔައެވެ. ގިނައިރެއްނުވެ ޔަހޫދީން ބިރުން ކިއްލާއަށް ވަދެ ކިއްލާގެ ޙިމާޔަތް ހޯދައިފިއެވެ. ނަމަވެސް މުސްލިމުން އެކިއްލާގެ ދޮރާށި ހަލާކުކޮށްލުމަށްފަހު ދެމިގެންދާ ވަރުގަދަ ސައިލެއް ފަދައިން ކިއްލާއަށް ވަދެއްޖެއެވެ. މުސްލިމުންގެ ކަނޑީގެ ތޫނުކަން ޔަހޫދީންނަށް ދައްކަން ފަށައިފިއެވެ. ގިނައިރެއްނުވެ ޔަހޫދީން ހަތިޔާރުތައް އުކައިލައިފިއެވެ. ޤުމޫސު ފަތަޙަވުމުން ޚައިބަރުގެ ބާރުކެނޑިއްޖެއެވެ. ޔަހޫދީން ޞުލްޙަޔަށް އެދި އާދޭސްކުރަން ފަށައިފިއެވެ. ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި ސާހިބާ އެއުރެންގެ ހުށަހެޅުން ޤަބޫލުކުރެއްވިއެވެ. ޚައިބަރުން ލިބޭ މޭވާއާއި، ދަނޑުގޮވާމުން ލިބޭ ތަކެތީގެ ދެބައިކުޅައެއްބައި މުސްލިމުންނަށް ދިނުމުގެ ޝަރުޠުގެ މައްޗަށެވެ.

ޚައިބަރު ހަނގުރާމައަކީ ޔަހޫދީންނަށް ލިބުނު ވަރުގަދަ ފިލާވަޅެކެވެ. އެހަނގުރާމައިގައި ޔަހޫދީންގެ 93 މީހުން ޤަތުލުވެ އެތައްބަޔަކު ހައްޔަރުވިއެވެ. ހައްޔަރުވި މީހުންގެ ތެރޭގައިالسّيّدة صفيّةވެސް ހިމެނިވަޑައިގެންނެވިއެވެ. ޤަތުލުވި މީހުންގެ ތެރޭގައި އެބައިމީހުންގެ އެންމެ ނަންކުރެވޭ ފަހުލަވާނުންނާއި ކުރިޔަށްތިބި އަޝްރާފުން ހިމެނެއެވެ. މިހަނގުރާމައިގައި މުސްލިމުންގެ ތެރެއިން ޝަހީދުވީ ފަނަރަ ބޭކަލުންނެވެ.

ޣަނީމާއާއި އަސީރުން ޖަމާކުރެއްވުން

ހަނގުރާމަޔަށްފަހު ހުރިހާ ޣަނީމާއާއި އަސީރުން އެއްތަނަކަށް ޖަމާކުރެވުނެވެ.السّيّدة صفيّةއެކަމަނާގެ ތިމާގެފުޅު އެހެން އަންހެނަކު ހައްޔަރުކުރައްވައިގެން ގެންނެވީبلال رضى اللّـه عنهއެވެ. އެކަލޭގެފާނު އެބޭކަނބަލުން ގެންނެވީ ޤަތުލުވެ ލެޔާތަތްތެޅިފައިތިބި ޔަހޫދީންގެ ހަށިތަކުގެތެރެއިން ލައްވައިގެންނެވެ.السّيّدة صفيّةއެހަށިތަކާ ދިމާޔަށް ހިތާމަވެރި ނަޒަރަކުން ބައްލަވައިލެއްވިއެވެ. އެކަމަނާ އަމިއްލަފުޅު ނަފުސުގެ މައްޗަށް ބާރުފޯރުއްވައި ކެތްތެރިވެވަޑައިގެންނެވިއެވެ. ނަމަވެސް އެކަމަނާގެ އަރިހުގައި ގެނެވުނު އަނެއް އަންހެނާއަކަށް ކެތެއް ނުކުރެވުނެވެ. ވަރަށްބާރަށް ރޮއިގިސްލާން ފެށީއެވެ. އިތުރު ސާހިބާصلّى اللّـه عليه وسلّمގެ އަރިހަށް އެދެބޭކަނބަލުން ގެނެވުނުހިނދު އެ އަންހެނާ ރޯތީ ވަރަށް ދެރަފުޅުވިއެވެ. އޭނާ އެހެންފަރާތަކަށް ގެންދަން އެންގެވިއެވެ. އޭނާ ފޮނުއްވައިލެއްވުމަށްފަހުبلالގެފާނާ ސުވާލުކުރެއްވިއެވެ. "ކަލޭގެފާނުގެ ހިތްޕުޅުގައި ރަޙްމެއް ނެތީހެއްޔެވެ؟ މިއަންހެނުންތައް ތިޔަގެންނެވީ އެމީހުންގެ ބައްޕައިންނާއި ބޭބެއިންގެ ލެޔާއި ހިރަފުހާ ތަތްތެޅިފައިވާ ހަށިތަކުގެ ތެރެއިންނެވެ."السّيّدة صفيّةވަޑައިގެންނެވިގޮތަށް ވަޑައިގެން އެއްފަރާތެއްގައި މަޑުމަޑުން އިށީނދެވަޑައިގެންނެވިއެވެ.

ޣަނީމާ ބައްސަވަން ފެއްޓެވުމުން ޞަޙާބީންގެ ބައެއް ބޭކަލުންالسّيّدة صفيّةގެ ރީތިފުޅުކަމުގެ ވާހަކަ ދެންނެވިއެވެ. ނަމަވެސް އިތުރު ސާހިބާصلّى اللّـه عليه وسلّمއެކަމަކަށް ސަމާލުކަމެއް ނުދެއްވިއެވެ. އެވަގުތު ކައުސާހިބާގެ އަރިސް ޞަޙާބީއެއްކަމުގައިވާدحية الكلبى رضى اللّـه عنهޚާދިމާއަކު ބޭނުންފުޅު ވާހަކަ ވިދާޅުވިއެވެ. އިތުރު ސާހިބާصلّى اللّـه عليه وسلّمއަސީރުންގެ ތެރެއިން ޚާދިމާއަކު ނެންގެވުމަށްدحية الكلبى رضى اللّـه عنهއަށް އިޚްތިޔާރުދެއްވިއެވެ. އެކަލޭގެފާނު ޚިޔާރުކުރެއްވީالسّيّدة صفيّةއެވެ.

(ނުނިމޭ)