16 May 2011, 12:01
އާ ޓެކްސް ތައާރަފް ކުރުމަކީ އިގްތިސާދު ރަނގަޅު ކުރަން އޮތް ހައްލު ނޫން ކަމަށާއި، ސަރުކާރުގެ ހަރަދު ކުޑަކުރަން ޖެހޭ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް [އައިއެމްއެފް]އާ ހަވާލާދީ ރައްޔިތުންގެ މަޖިލީހުގެ ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ބުނީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އައިއެމްއެފްގެ ވަފްދުން މާލިއްޔަތު ކޮމިޓީއާ އެކު އިއްޔެ ބޭއްވި ބައްދަލު ވުމުގައި، ރާއްޖޭގެ އިގްތިސާދު ހަރުދަނާކޮށް ދައުލަތުގެ މާލިއްޔަތުގެ ދުޅަހެޔޮކަން އިތުރު ކުރުމަށް މިހާރު ތައާރަފްކޮށްފައިވާ ޓެކްސްގެ އިތުރުން އާ ޓެކްސް ތައާރަފް ކުރުމުގެ ބަދަލުގައި ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމަކީ މާލީ ސިޔާސަތުގެ ބަޔަކަށް ހެދުމުގެ މުހިއްމުކަން ފާހަގަކޮށްފައިވާ ކަމަށެވެ.
"މި ބައްދަލުވުމުގައި ރާއްޖޭގެ އިޤްތިސާދު ހަރުދަނާ ކުރުމާއި ސަރުކާރުގެ އިޤްތިސާދީ ސިޔާސަތާ ގުޅޭ ގޮތުން ސަރުކާރާ އެކު ކުރެވެމުންދާ މަޝްވަރާތަކުގެ މަޢުލޫމާތު ކޮމިޓީ އަށް ދިން. އަދި ރާއްޖޭގެ އިޤްތިޞާދުގެ އަސާސްތައް ހަރުދަނާ ކުރުމަށް ޓަކައި މިހާރުން މިހާރަށް އަޅަން ޖެހޭ ފިޔަވަޅުތަކާއި ރާއްޖޭގެ ރަސްމީ ރިޒާވް ދިފާއު ކުރުމަށް ޓަކައި އެކްސްޗޭންޖް ރޭޓްގެ ސިޔާސަތަށް ގެނެވުނު ބަދަލުގެ އިތުރުން މަނިޓަރީ ޕޮލިސީ އާއި ފިސްކަލް ޕޮލިސީ އަށް ހަރުދަނާ މުހިއްމު ބަދަލުތަކެއް ގެންނަން ޖެހިފައިވާކަން ފާހަގަކުރެއްވި،" ރައްޔިތުންގެ މަޖިލީހުން ބުނެފައިވެ އެވެ.
މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ އައިއެމްއެފްގެ ވަފްދުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދާ ވެސް ވަނީ ބައްދަލުކޮށްފަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީޙުން ބުނީ އެ ބައްދަލު ކުރެއްވުމުގައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ނިންމަވާފައިވާ އިގްތިސާދީ އިސްލާހީ ބަދަލުތައް މަޖިލީހުން ފާސްވުމަކީ، އައިއެމްއެފް އިން ރާއްޖޭގައި ހިންގާ އެހީގެ ޕްރޮގްރާމް އަލުން ފެށުމަށް އެޅިގެންދާނެ ވަރަށް މުހިންމު ފިޔަވަޅަކަށް ވެގެންދާނެ ކަމަށެވެ.