06 Jun 2016, 14:14
ދިމިޝްގު(ޖޫން 6): ސޫރިޔާގެ ރައީސް ބައްޝާރުލްއަސަދުގެ އަނބިކަނބަލުން އަސްމާގެ ބޮޑީގާޑު (ހަށިފާރަވެރިޔާ) ޓެރަރިސްޓް ހަމަލާއެއްގައި އަވަހާރަކޮށްލި ކަމުގެ ޚަބަރުތަކެއް ފެތުރިއްޖެއެވެ.
ބައެއް ރިޕޯޓްތައް ބުނާގޮތުން އަސްމާގެ ހަށިފާރަވެރިޔާ އަލާއު މަޚްލޫފު އަވަހާރަވީ އޭނާއަށް ބަޑީގެ ހަމަލާއެއް ދީގެންނެވެ. ނަމަވެސް އަނެއްބައި ރިޕޯޓްތައް ބުނާގޮތުން މަޚްލޫފް އަވަހާރަކޮށްލީ ކާރުބޮމުގެ ހަމަލާއެއް ދީގެންނެވެ. އަދި މަޚްލޫފު އަވަހާރަވީ ސޫރިޔާގެ ވެރިރަށް ދިމިޝްގާއި އެގައުމުގެ އެހެން ރަށެއްކަމަށްވާ ސުވައިދާ އާ ދެމެދުގައިވާ ހައިވޭގައި ކާރުގައި ދަތުރުކުރައްވަނިކޮށް ހިނގި އެކްސިޑެންޓެއްގައި ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެއެވެ. މިއިން އެއްވެސް ޚަބަރެއް ސޫރިޔާގެ ރަސްމީ މީޑިޔާއިންވެސް އަދި އެގައުމުގެ މަސްއޫލުވެރިއަކުވެސް ހާމަކޮށްފައެއް ނުވެއެވެ.

ޢަލާ މަޚްލޫފު
ރަޝިޔާގެ އިނގިރޭސި ނޫސް ޗެނެލްއެއް ކަމަށްވާ "ރަޝިޔާޓުޑޭ" އިންވަނީ ކޮންމެވެސް ސަބަބަކާ ގުޅިގެން އަލާ މަޚްލޫފު ވަރަށް ބޮޑަށް ޒަޚަމްވެ ދިމިޝްގުގެ ހޮސްޕިޓަލެއްގައި އެނދުމަތިކޮށް ފަރުވާދެމުން ގެންދަނިކޮށް މިދިޔަ އާދީއްތަ ދުވަހު އޭނާ އަވަހާރަވިކަން ކަށަވަރުކޮށްދީފައެވެ. އަލާ މަޚްލޫފަކީ ސޫރިޔާ ސިފައިންގެ ކޮމާންޑޯސްގެ އޮފްސަރެއްގެ ގޮތުގައި ކުރިން ޚިދްމަތްކުރެއްވި ބޭފުޅެކެވެ.
ސޫރިޔާ ސަރުކާރާ ގުޅުންއޮންނަ އިލެކްޓްރޯނިކް ނިއުސް ސައިޓެއްކަމަށްވާ "ޝަބަކަތު ޝާމް" ބުނާގޮތުން އަލާ މަޚްލޫފު އަވަހާރަވީ ދިމިޝްގާއި ސުވައިދާ އާ ދެމެދުގައިވާ ހައިވޭން ދަތުރުކުރައްވަމުން ދަނިކޮށް ސޫރިޔާގެ އިދިކޮޅު ޖަމާއަތެއްގެ ބަޔަކު ދިން ކާރުބޮމުގެ ޙަމަލާއެއްގައެވެ. (އާރުޓީ)