06 Jun 2016, 12:21
ގައުމީ އެއާލައިން މޯލްޑިވިއަންގެ ސީޕްލޭން ފްލީޓަށް އިތުރު ބޯޓެއް ގެނެސް، އެ ފްލީޓަށް ހަތް ސީޕްލޭން ހަމަކޮށްފި އެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސެސްގެ ހެޑް އޮފް އެޑްމިނިސްޓްރޭޝަން އަލީ ނަޝާތު ހަމީދު "ސަން" އަށް މިއަދު ވިދާޅުވީ، މޯލްޑިވިއަންގެ ހަތް ވަނަ ސީޕްލޭން ރޭ 8:30ގައި މާލޭ އިބްރަހިމް ނާސިރު އިންޓަނޭޝާނަލް އެއާޕޯޓަށް ޖައްސާފައިވާ ކަމަށެވެ.
މިއީ ޓުވިން އޮޓާ މަރުކާގެ ބޯޓެކެވެ. މި ބޯޓު އައިސްފައި ވަނީ ކެނެޑާއިންނެވެ.
ނަޝާތު ވިދާޅުވީ، މި ބޯޓުގައި ފްލޯޓު ހަރުކުރުމުގެ މަސައްކަތް މިހާރު ކުރާ ކަމަށާއި މި މަހުގެ ފަހުކޮޅު މި ބޯޓު ބޭނުންކުރަން ފެށޭ ވަރު ވާނެ ކަމަށެވެ.
މީގެ އިތުރުން ނަޝާތު ވިދާޅުވީ، މި އަހަރުގެ ޖުލައި މަހާއި އޯގަސްޓް މަހުގައި ވެސް އިތުރު ދެ ސީޕްލޭން، މޯލްޑިވިއަންގެ ފްލީޓަށް އިތުރުވެގެން ދާނެ ކަމަށެވެ.
މޯލްޑިވިއަން އިން އެންމެ ފުރަތަމަ ސީޕްލޭނެއް ގެނެސްފައި ވަނީ 2014 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގަ އެވެ. އަދި ސީޕްލޭންގެ ޚިދުމަތް އެންމެ ފުރަތަމަ ފޯރުކޮށްދީފައި ވަނީ އެ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ.