ފޭސްބުކްގެ ފައުންޑާ އަދި ސީއީއޯ މާކް ޒަކަބާގްގެ ޓްވިޓާއާއި އެހެން ތިން ސޯޝަލް ނެޓްވޯކެއްގެ އެކައުންޓްތައް، ހެކަރުންގެ ޝިކާރައަކަށް ވެއްޖެ އެވެ.

ޓުވިޓާ، ޕިންޓްރެސްޓް، ލިންކްޑްއިން އަދި އިންސްޓަގްރާމްގައި މާކް ޒަކަބާގް ގެންގުޅޭ އޭނާގެ އެކައުންޓްތައް ހެކް ކުރީ މިއަދުގެ ވަގުތެއްގަ އެވެ. ބީބީސީ އިން ރިޕޯޓު ކުރާ ގޮތުގައި، ޒަކަބާގްގެ އެކައުންޓްތައް ހެކު ކޮށްފައި ވަނީ ސައުދީ އަރަބިއްޔާގެ ހެކަރުންގެ ގްރޫޕު "އަވާމައިން" އިންނެވެ.

އަވާމައިންއިން ޒަކަބާގްގެ އެކައުންޓްތައް ހެކު ކުުރުމަށްފަހު އޭނާއަށް ޓުވީޓު ކޮށްފައި: މި ޓުވީޓުތައް މިހާރު ވަނީ ޑިލީޓު ކޮށްފައި --

އެ ގްރޫޕުން މާކްގެ ސޯޝަލް ނެޓްވޯކް އެކައުންޓްތަކުގެ ޕާސްވޯޑް ހޯދުމަށް ފަހު، ޓުވިޓާ މެދުވެރިކޮށް އެކަން އޭނާ އަށް އެންގި އެވެ. އަދި، ޒަކަބާގް އެމީހުންނާ ކޮންޓެކްޓް ކުރުމަށް ވެސް އެމީހުންގެ ޓުވީޓުގައި، ޒަކަބާގް އަށް ބުނެފައިވެ އެވެ.

ހެކް ކުރި އެކައުންޓްތަކުގެ ތެރޭގައި ޒަކަބާގްގެ ލިންކްޑްއިން އެކައުންޓް ވެސް ހިމެނޭ އިރު، ލިންކްޑްއިންގެ 117 މިލިޔަން އެކައުންޓުގެ ޔޫޒާނޭމާއި ޕާސްވޯޑް މީގެ ހަތަރު އަހަރު ކުރިން ވަގަށް ނަގައި، އެތަކެތި ކަޅު ބާޒާރުގައި ވިއްކަމުން ދާ ކަން މިދިޔަ މަހު ވަނީ ފަޅާ އަރައިފަ އެވެ.