06 Jun 2016, 11:24
އަހަރެންގެ ނަމަކީ އެމިލީ އެވެ. ފަޚުރުވެރި އެމެރިކަން އެކެވެ. އަހަރެން އުފަންވުމާ އެކު، އާއިލާއިން އަހަރެން ހެދީ ކެތޮލިކް އަކަށެވެ. ބޮޑުވެ، ޒުވާންފުރައަށް އައީ، އެގޮތުގެ މަތީގައި، ދީންވެރިއެއްގެ ގޮތުގައެވެ. ނަމަވެސް، އަހަރެންގެ ހިތަކަށް ފިނިކަމެއް ނުލިބެ އެވެ. އަހަރެންގެ އަގީދާ ސައްހަ ނޫންކަން، އަހަރެންގެ ޟަމީރު ހަރު އަޑުން ގޮވަމުން ދިޔައެވެ. އަހަރެންނަށް އެ އަޑުތައް ސާފުކޮށް އިވެއެވެ. ނަމަވެސް ނޭނގުނީ، ދެން ހަދަންވީ ގޮތެވެ.
ކޮލެޖު ފަށައިފީމެވެ. އަމިއްލަ، ލޮބުވެތި ވަޒަނުގައެވެ. ނަމަވެސް އެތަނުން ޕާކިސްތާނު ކުއްޖަކު ރަހުމަތްތެރިއެއްގެ ގޮތުގައި ލިބުނެވެ. އޭނާގެ އުޅުމާ އަޚުލާގާއި ޝަޚްސިއްޔަތު، އަހަރެންނަށް ވަރަށް ޝައުގުވެރިވެ، ކަމުދިޔައެވެ. އޭނާގެ އަގީދާ ދަސްކުރާ ހިތް ވިއެވެ. އޭނާ ކައިރިން ކަންކަން އޮޅުން ފިލުވަން ފެށީމެވެ. އަހަރެން ކިޔަވަމުން ދިޔަ ދާއިރާގެ ސަބަބުން، ކޯހުގެ ގިނަ ކްލާސްތަކެއްގައި އިސްލާމް ދީނާއި އަރަބި ބަހުގެ ފިލާވަޅުތައް ކުރިޔަށް ދިޔައެވެ.
އެންމެ ފަހުން، އެ ކޯހުގެ އެއް ސެމެސްޓަރު މިސްރުގެ ގާހިރާގައި ހަދަން ޖެހުމުން، ގާހިރާއަށް ވެސް ގޮސްފީމެވެ. އާ މާހައުލެކެވެ. މުސްލިމުން ގިނަ، މުސްލިމު ގައުމަކަށް އަހަރެން އައިސްފީމެވެ. މި ގައުމުގައި އުޅޭ އިރު، ދިރިއުޅުމުގެ ހުރިހާ ކަމެއް އެނބުރެނީ ދީން ވަށައިގެންނެވެ. ދީނުގެ އެއްވެސް ކަމަކަށް ބުރޫ އަރާ ކަމެއް ރައްޔިތުން ނުކުރެއެވެ. މި ގޮތް އަހަރެންނަށް ވަރަށް ކަމުދިޔައެވެ.
ކިޔަވަން ދިޔަ ކޮލެޖުގައި، ޕްރޮފެސަރުން، ކީރިތި ޤުރްއާނުގެ ތަރުޖަމާ ގެންގުޅެ، އެތަކެތި އަހަރެމެންނަށް ކިޔައިދެއެވެ. ކީރިތި ޤުރްއާނުގެ މޫރިތި އާޔަތްތައް އަރަބި ބަހުން ލިޔެވި، އެއާ ޖެހިގެން އިނގިރޭސިން އޭގެ މާނަ ލިޔެފައި އޮތް ތަރުޖަމާ ފޮތެއް އަހަރެންނަށް ފުރަތަމަ ފެނުނީ އެ ކްލާސްރޫމް ތެރެއިންނެވެ. އެ ފޮތް އަހަރެންގެ ހިތް ދަމައިގަތެވެ. އެ ކިޔާލަން ކެތް މަދުވިއެވެ.
އަރަބި ބަސް ދަސްކޮށް، ކީރިތި ޤުރުއާން އަމިއްލައަށް ކިޔަވައިލެވޭ ހިސާބަށް އަހަރެންގެ ހުނަރު ކުރިއަރައި ދިޔައެވެ. އަރަބި ދަސްވުމާ އެކު، އަހަރެންގެ ހިތާއި ސިކުނޑި ބަދަލުވި ފަދައެވެ. އަހަރެންނަކީ ހަގީގަތުގައި މުސްލިމެއްގެ ގޮތުގައި ގަބޫލު ކުރެވެން ފެށުނެވެ.
އަހަރެން އަބަދުވެސް އިސްލާމް ދީނަށް އިހްތިރާމު ކުރީމެވެ. ރީތި، މާތް ދީނެކެވެ. ދުނިޔޭގެ ތެރޭގައި ގެއްލިފައި ހުރި އަހަރެންނަށް، ދެން ހަދާނެ ގޮތެއް އެނގިގެން ދިޔައީ، ކީރިތި ޤުރްއާން ކިޔެވުމުންނެވެ.
މުސްލިމުންގެ ތެރޭގައި އުޅޭ އިރު، އެމީހުން ކޮންމެ ފަހަރަކު ކަމެއް ކުރާ އިރު، ކަލާނގެ މަތިން ހަނދުމަ ކުރާ ކަމީ އަހަރެންނަށް ވަރަށް ކަމުދިޔަ ކަމެކެވެ. އުފާވެރި ކަމެއް ވުމުން އަލްހަމްދުލިﷲ ކިޔުމާ، ފަހުން ފަހުން ދިމާވާނަމޭ ބުނެ އިންޝާﷲ ބުނުން ފަދަ ކަލިމަތައް އެމީހުން ގިނަ ގިނައިން ކިޔާތީ، އެމީހުންގެ ހަޔާތުގައި މާތްﷲ އަދި އިސްލާމް ދީނުގެ މުހިންމުކަން އޮތް މިންވަރު ހާމަވިއެވެ.
މި ހުރިހާ ކަމެއް ލޮލުން ފެނި، އަތުން ހިފުމަށް ފަހު އަހަރެން ޝަހާދަތުގެ ދެކަލިމަ ކިޔައި، އިސްލާމް ކަމުގެ އިގުރާރު ވުމަށް ނިންމީމެވެ. ގާހިރާއަށް އައިތާ ތިން އަހަރު ފަހުން އަހަރެން އެކަން ކުރީމެވެ. ޤުރުއާނުން ދަސްވާން ހުރި ހުރިހާ ކަމެއް ދަސްކޮށް، ނަމާދު ކުރުމަށާއި މާތްﷲ އަށް ޝުކުރު ކުރުމަށް އަވަސްވެގަތީމެވެ.
މިހާރު އަހަރެންނަކީ މުސްލިމެކެވެ. އަހަރެންގެ ގައުމުގައި ގިނަ މީހުންނަކީ މިނިވަން ޚިޔާލުގެ ބަޔަކު ކަމަށް ދައުވާ ކުރިޔަސް، އިސްލާމް ދީނޭ ނުވަތަ މުސްލިމެކޭ ބުނާ ހިސާބުން ބައެއް މީހުންގެ މިނިވަން، މުސްތަގިއްލުކަން ހުއްޓޭ ކަހަލައެވެ. އެހެން ނަމަވެސް، އަހަރެންގެ އަގީދާގައި ހިފެހެއްޓުމަށް ހިތްވަރުދޭ ބަޔަކު ވެސް ހަމަ އުޅެ އެވެ. އެމީހުންނަށް ފަށްފަށުން އަހަރެން ޝުކުރުވެރި ވަމެވެ.
އަހަރެން އެންމެ ނުތަނަވަސް ވަނީ، އަހަރެންގެ އާއިލާގެ ގާތުގައި ބުނާނެ އެއްޗަކާ މެދުއެވެ. އެމީހުން މި ޚަބަރަށް އިޖާބަ ދޭނެ ގޮތެއް ނޭނގެއެވެ. ކަންކަން ގޯހުން ގޯހަށް ވެސް ދިއުމަކީ ނުވާނެ ކަމެކޭ ނުބުނެވޭނެއެވެ. އިންޝާﷲ، އަހަރެންގެ ލޮބުވެތި އާއިލާއަށް ވެސް މި ޚަބަރު ދޭނަމެވެ. މާތްﷲ އިރާދަކުރެއްވިއްޔާ އަހަރެންގެ އާއިލާއިން ވެސް އަހަރެން ބަލައިގަންނާނެއެވެ.