06 Jun 2016, 11:45
ރަމަޟާން މަހަކީ، ދުވާލުގެ ވަގުތުތައް ކެއުމާ ދުރުގައި ހޭދަކުރި ނަމަވެސް، ކާނާއާ ވަރަށް ގާތް ގުޅުމެއް އަހަރެމެން އުފައްދާ މަހެކެވެ. ގޭތެރޭގައި ދުވާލުގެ ވަގުތު، އެންމެން ކަހަލަ ގޮތަކަށް ކެއްކުމުގައި ޝާމިލުވެ އުޅެނީ، އިރު އޮއްސޭ ވަގުތަށް ސުފުރާ މަތި ފުރާލުމަށެވެ.
އެކި ބާވަތްތަކުގެ، އެކި ރަހަތަކުގެ އެކި އެއްޗެހި ހަދާއިރު، ރޯދަ ވީއްލާ އިރު ކާ ކެއުމަކީ މުސްލިމަކަށް އެ ދުވަހުގެ "ހެނދުނުގެ ނާސްތާ" ކަމުގައި ހަނދާން ކުރަން ޖެހެއެވެ. އެހެންކަމުން، ރަމަޟާން މަސް ނޫން މަސްތަކުގައި ހެނދުނުގެ ނާސްތާއަށް ދޭ އަހަންމިއްޔަތުކަން، ރޯދަ ވީއްލާ ވަގުތުގެ ކެއުން ނުވަތަ އިފްތާރަށް ވެސް ދޭން ޖެހޭނެއެވެ. ހެނދުނުގެ ނާސްތާގައި ހިމެނޭ ބާވަތްތައް އިފްތާރުގެ ވަގުތު ވެސް ބޭނުން ކުރަން ވާނެއެވެ.
އެގޮތުން، ތާޒާ ބާވަތްތަކުން، ނިއުޓްރިޝަން ނުވަތަ ސިއްހަތަށް ފައިދާ ކުރުވަނިވި ގޮތަކަށް ތައްޔާރު ކޮށްފައިވާ ކާނާ އެވަގުތު ކެއުމަށް އިސްކަމެއް ދޭން ޖެހޭނެ އެވެ.
1. ކަދުރު ގިނައިން ބޭނުންކުރޭ
ކަދުރަކީ ހަށިގަނޑަށް ފައިދާ ހުރި ހަކުރު، ހަށިގަނޑަށް ލިއްބައިދޭ، އަދި ރޯދައަށް ހުންނަ ވަގުތު ހަށިގަނޑުން ގެއްލިފައިވާ ވަރު އަލުން ގެނެސްދޭ މޭވާއެކެވެ. ކަދުރުގައި ފައިބަރާއި، މެގްނީޒިއަމް އަދި ޕޮޓޭސިއަމް ގިނަ އަދަދަކަށް އެކުލެވެ އެވެ.
2. ގިނައިން ފެން ބޯން ޖެހޭ
ރޯދަ ވީއްލުމަށް ފަހު، ގިނައިން ފެން ބޯށެވެ. މާދަމާ ދުވާލު ރޯދައަށް ހުންނަ ވަގުތު މާ ބޮޑަށް ކަރު ނުހިއްކާނެ ވަރަށް ފެން ބޯން ޖެހޭނެއެވެ. ރޯދަ ވީއްލާ ހިސާބުން، މާދަމާ ރޯދައަށް ހުންނަން ފަށާ ވަގުތާ ދެމެދު، އަށް ތަށި ފެން ބުއިމަށް އަމާޒު ހިފާށެވެ. އެއަށް ވުރެ ގިނަ ވިޔަސް މައްސަލައެއް ނެތެވެ.
3. ކަރު ހިއްކުވާ ކާނާއާ ދުރުވޭ
ބައެއް ކަހަލަ ކާނާ ކެއުމުން އާދަޔާ ޚިލާފަށް ކަރު ހިއްކާނެއެވެ. އޭގެ ތެރޭގައި މާ ލޮނުގަދަ ތަކެތި، ދަޅުގައި ބަންދުކުރި ކާނާ، ޕްރޮސެސް ކޮށްފައިވާ ކާނާ، މާ ބޮޑަށް ކުޅި ރަހަ ގަދަ ކާނާ ހިމެނެއެވެ. މީގެ ބަދަލުގައި، ފެން ގިނައިން އެކުލެވޭ، މޭވާ އަދި ތަރުކާރީ ކާށެވެ.
4. ރޯދަ ވީއްލާނީ މަޑުމައިތިރި ކަމާ އެކު، މާ ގަދައަށް އެއްފަހަރާ ނުކާތި!
ފުރަތަމަ ކަދުރުން ފަށާށެވެ. ދެން ފެން ތަށްޓެއް ބޯލާށެވެ. އެއަށް ފަހު، ސޫޕް ތައްޓެއް ބުއިން ރަނގަޅު ވާނެ އެވެ. ސޫޕްއަކީ ހޫނު، ލިކުއިޑް އެއްޗެކެވެ. އޭގެ ސަބަބުން، ދުވާލުގެ ވަގުތުގައި ނިދާފައި އޮތް ތިބާގެ ހަޖަމު ކުރުމުގެ ނިޒާމުގައިވާ ގުރުދާ (އިންޓެސްޓީންސް) ހޭލައްވާލައި، މަސައްކަތް ކުރުމަށް ތައްޔާރު ކޮށްލައެވެ. ދެން، އިފްތާރުގެ "މެއިން މީލް" ކާށެވެ. ނަމަވެސް މާ ގިނައިން ނުކައްޗެވެ. ސަބަބަކީ، އޭރުން ބަނޑުގައި ރިއްސާނެ އެވެ. އުނދަގޫ ވެސް ވާނެ އެވެ. ގިނަ ބަޔަކަށް މި މައްސަލަ ދިމާވެ އެވެ.
5. މިވަގުތަށް ކޮފީ ތަށިތައް އެއްފަރާތް ކޮށްލަމާ؟
ކޮފީއަކީ އަހަރުގެ ހުރިހާ ދުވަސްވަރެއްގައި ވެސް މީހުން ބޮއި އުޅޭ، މަގުބޫލު ބުއިމެކެވެ. ނަމަވެސް ކޮފީގައި ވަރުގަދަ މާއްދާތަކެއް ހިމެނޭތީ، މިއީ ވަރަށް ބާރުގަދަ ބުއިމެކެވެ. ގަވައިދުން ކޮފީ ބޯ މީހަކު އެ ނުބޮއިފި ނަމަ ބޮލުގައި ރިއްސާ، ނިދުން ނުވަތަ ބޯ އެނބުރުން ފަދަ ކަންކަން ވެސް ދިމާވެ އެވެ. އެހެންކަމުން ރޯދަ މަހު ދުވާލުގެ ވަގުތުގައި ކޮފީ ނުބޮވޭތީ، ކޮފީގެ އަހުލުވެރިން ތިބޭނީ އުނދަގޫ ވެފައެވެ. މީގެ ހައްލަކީ، ރަމަޟާން މަސް ފެށުމުގެ ދެ ހަފްތާއެއް ވަރު ކުރިން ކޮފީ ބޯ މިންވަރު މަޑުމަޑުން މަދު ކޮށްލުމެވެ. މިހާރު ރޯދަ ފެށިފައިވާތީ، ރޭގަނޑުގެ ވަގުތުގައި ކޮފީ ބޯ މިންވަރު މަދުކޮށްލެވޭނެ އެވެ. އުނދަގޫ ވެދާނެ އެވެ. ނަމަވެސް ކެތްތެރި ވެސް ވާން ޖެހޭނެއެވެ. ރަމަޟާން މަހުގެ އެންމެ މުހިންމު އެއް އަސާސަކީ އިންސާނާގެ ކެތްތެރިކަމެވެ.
6. ރޭގަނޑުގެ ތިން ކެއުން
އާންމު މަސް މަހުގައި ރޭގަނޑު ކަނީ އެއްފަހަރު އެވެ. ނަމަވެސް ރަމަޟާން މަހު ރޭގަނޑު ދެ ފަހަރު އެބަ ކާން ޖެހެ އެވެ. އެއީ ރޯދަ ވިއްލާ ވަގުތުގެ ކެއުން (އިފްތާރު) އަދި ކުރިޔަށް އޮތް ދުވަހުގެ ރޯދައަށް ތައްޔާރު ވުމަށް ހާރު ކެއުން (ސުހޫރު) އެވެ. މި ދެ ކެއުމުގެ އިތުރުން، ތިންވަނަ ކެއުމެއް ވެސް ކާލެވިދާނެ އެވެ. އެއީ، އެ ދޭތެރޭގެ ވަގުތެއްގައި، ކޮންމެވެސް ލުއި ކާނާއެއް ކާލުމެވެ. މާ ގިނައިން ނުކައްޗެވެ. ބަނޑަށް ހެޔޮވަރު ވާ ވަރަށް ކާލުމުން ފުދޭނެ އެވެ.