މާތްވެގެންވާ ރަމަޟާންމަހަށް މަރުހަބާ ކިޔާފައިވާއިރު އެންމެ ގިނަ ބަޔަކު މިހާރު ރާވަމުންދާނެ ކަމަކީ ރޯދަ ކުރުކުރަން ކުރާނެ ކަންތައްތައްކަން ޔަގީނެވެ. ފޫހިފިލުވަން ކުރާނެ ކަމެއް ނުވަތަ ވަގުތު ހޭދަކުރާނެ ގޮތްތަކެއް ރާވާނެއެވެ. ތަފާތު އެކި ވަސީލަތްތަކާއި ތަފާތު އެކިކަންތައްތައްކޮށްގެން ރޯދަ ކުރުކުރުމަށެވެ. އެނގޭހެއްޔެވެ. ނުކައި ހުރެގެން އަދި ރޯދަ ފުރިހަމައެއްނުވާނެއެވެ. ތިކުރެވޭ ބައެއް ކަންތައްތަކުގެ ސަބަބުން ރޯދަޔަށް އުނިކަން ލިބެއެވެ.

ބަސްބުނުމުގައި ހެދޭ ގޯސްތައް ގިނަ!

ކޮފީ މޭޒުތަކުގައި ދެކެވޭ ވާހަކަތަކަކަށް ރޯދަ މަހަކު ވަކި ބަދަލެއް އަންނަތަނެއް ނުފެނެއެވެ. އެގޮތުން ރޯދަކުރުކުރަން ކަމަށްބުނެ ހިތްފަސޭހަ މައިދާންތަކަށް އެއްވެ ވާހަކަ ދައްކަންތިބުމަކީ އެތައް ބަޔަކު ލޯބިކުރާކަމެކެވެ. ޒުވާންކަމުގެ ބަހުރުވަތަކުން އެކިއެކި ސަމާސާތައް ކުރުމުގައި ދައްކަންނުޖެހޭ އެތައް ވާހަކައެއް ދަށްކަވެއެވެ. ރޯދަ ކުރުކުރަން ކުރާ މިކަންތައްތަކުގައި އަމަލުކުރެވޭ ގޮތުން އެމީހެއްގެ ރޯދަޔަށް އުނިކަން ލިބެމުންދާނެ ކަމަށް ދީނީ އިލްމުވެރިން ބުނެއެވެ.

އައްޝެއިހް އަބްދުލް އަޒީޒު ހުސެއިން ވިދާޅުވިގޮތުގައި ރޯދަޔަށް ކަމަށް ބުނެ ހަމައެކަނި ބަނޑަށް ހުރެގެން ވާކަށް ނޯންނާނެއެވެ. ރޯދަ ފުރިހަމަ ކުރުމަށް ދޫ ރައްކާތެރިކުރަންޖެހޭ ކަމަށް ޝެއިހް ވިދާޅުވިއެވެ. އެގޮތުން ﷲ އަށް އުރެދޭ ކަހަލަ ބަސްތަކާއި ﷲ ހަރާމްކުރެއްވި ބަސްތައް ނުކިޔުމަށާއި މީހުންގެ ނުބައި ވާހަކަތައް ނުދެއްކުމަށް ޝެއިހް ނަސޭހަތްތެރިވެއެވެ. ހަމައެއާއެކު ދޮގު ނުހެދުމަށާއި ނުބައި ބަސްތައް ނުކިޔުމަށް ނަސޭހަތްތެރިވެއެވެ.

ޝެއިހް އަޒީޒު ސަން އަށް މައުލޫމާތު ދެއްވަނީ--- ސަން ފޮޓޯ: ފަޔާޒު މޫސާ

"ރޯދައަށް ހުންނައިރު ﷲގެ ރަސޫލާ އަންގަވާފައި މިއޮންނަނީ ނުބައި ވާހަކަތަކުންނާއި، ނުބައި އަމަލުތަކުން ރައްކާތެރިވުމަށް. ނުބައި ވާހަކަތަކާއި ނުބައި ކަންތައްތަކުން ރައްކާތެރި ނުވާ މީހަކު މާތް ނަބިއްޔާ ހަދީޘް ކުރައްވަނީ އޭނަ ކޮންމެހެން ބަނޑަށް ހުންނާނެކަމެއްނެތޭ. އޭނާ ކައިގެން ހުންނާށޭ،" ޝެއިހް ވިދާޅުވިއެވެ.

ސިޔާސީވެ ހައްދު ފަހަނައަޅާފައިވާ މިރާއްޖޭގެ ސިޔާސީ ކަންކަމަށް ރޯދަމަހެއް އަޔަސް އަދި މާކަބޮޑު ބަދަލެއް ނާދެއެވެ. ދުވާލާއި ރޭގަނޑުގެ ވަގުތުތަކުގައިވެސް ޖަގަހަ ތަކުގައި ހޫނު ބަހުސްތަކާއި މަޝްވަރާތައް ހިންގައެވެ. އެއީ މުޅިންހެން އަނެކާގެ ވާހަކަ ދައްކާމައިދާންތަކަށްވާއިރު އެއީ ވެސް ރޯދަޔަށް ހުރެގެން ހެދޭ ބޮޑު ގޯހެއް ކަމަށް ޝެއިހް ވިދާޅުވިއެވެ.

"ނެތިނުބައި އަޅުގަނޑުމެންނަށް އެބަކިޔޭ. މިއީ ﷲ ހަރާމް ކުރައްވާފައިވާ ކަމެއް. މިކަންތައްތައް ރޯދަޔަށް ހުރެގެން އަހަރެމެންނަށް އެބަކުރެވޭ. ޒުވާބު ކުރުމަކީވެސް ގޯސްކަމެއް. އަރައިރުން ވުމަކީވެސް ގޯސްކަމެއް. އެހެންވީމަ ކަމު ނުދިޔައީތާ،" ޝެއިހް އަޒީޒު ވިދާޅުވިއެވެ.

ފޫހިފިލުވުމަށް ފިލްމު ބެލުމާއި މިއުޒިކް އަޑުއެހުމަކީވެސް ހެދޭ ގޯހެއް!

ރޯދަމަސް ދިވެހިންގެ ތެރޭގައި މަޝްހޫރުވެފައިވަނީ މުނިފޫހި ފިލުވާ މަހެއްގެ ގޮތުގައެވެ. މީޑިއާތަކުން ތަފާތު ޕްރޮގުރާމުތަކާއި ތަފާތު އުފެއްދުންތައް ރޯދަޔާ ދިމާކޮށް އުފައްދައެވެ. ގިނަ ބަޔަކު އޭގެ އަވާގައިޖެހެއެވެ. ހަމައެއާއެކު ރޯދަޔަށްހުރެ އަވަހަށް ވަގުތު ދުއްވުމަށް ތަފާތު ސީރީޒްތައް ބެލުމާއި ފިލްމު ބެލުމަކީ ގިނަބައެއްގެ އާދައެކެވެ. ހަމައެއާއެކު މިއުޒިކް އަޑު އެހުމަކީ ގިނަ ބަޔަކު ލޯބިކުރާކަމެކެވެ.

ޝެއިހް އަޒީޒު ވިދާޅުވީ މިއުޒިކަކަކީ ގިނަ އިލްމުވެރިން އެއްބަސްވެވަޑައިގަންނާގޮތުގައި ހަރާމްކަމަކަށްވާއިރު އެއީ ރޯދަ ފަދަ މާތް އަޅުކަމެއް ކުރާއިރު ކުރަން ނުޖެހޭ ކަންކަން ކަމަށާއި އެކަންކަމުގެ ސަބަބުން އެމީހެއްގެ ރޯދަޔަށް އުނިކަން ލިބިގެންދާނެ ކަމަށެވެ.

ރޯދައަށް އުނިކަން ލިބޭ އިތުރު ކަންތައްތައް ފާހަގަ ކުރައްވަމުން ޝެއިހް ވިދާޅުވީ މުނިފޫހިފިލުވުމަށް ކަމަށްބުނެ ރޯދަ މަހު ހަރާމް ކަންތައްތަކުގައި ބައެއް މީހުން ވަގުތުތައް ހޭދަކުރާ ކަމަށެވެ. އެގޮތުން ޝެއިހް ފާހަގަ ކުރެއްވި ކަންކަމުގެ ތެރޭގައި މިއުޒިކް އަޑުއެހުމާއި ފިލްމު ނުވަތަ ޓީވީން ތަފާތު އެކިއެކި މިއުޒިކީ ޕުރޮގުރާމްތައް ބެލުމަކީ ރޯދަޔަށް އުނިކަން އަންނާނެ ކަމެއްކަމަށް ވިދާޅުވިއެވެ.

"މިއުޒިކް އަޑުއެހުން ފިލްމު ބެލުން މިއީ ހަރާމް ކުރައްވާފައިވާ ކަންތައްތައް. އިލްމުވެރިންގެ އިއްތިފާގުން ހަރާމް ވެފައި އޮތްކަމެއް. މަދުބަޔަކު އެހުއްދަ ކުރާ އެއްޗެއް. ޖުމްހޫރު ދަންނަބޭކަލުން ހަރާމް ކުރައްވާފައިވާ ކަމެއް. އެހެންވީމަ އެ ހަރާމް އެތީގެ ތެރެއަށް، ޝައްކުވާ އެއްޗެއްގެ ތެރެއަށް ވަންނަ ކަމަށްވަންޏާ އެއޮތީ ރޯދަޔަށް އުނިކަން އައިސްފައި،" ޝެއިހް ވިދާޅުވިއެވެ.

ތިމާކުރާ އަޅުކަންތައް އިސްތިހާރު ނުކުރޭ!

ތަރާވީސް ނަމާދު ކުރި ވާހަކައާއި ނުވަތަ ދަމުނަމާދު ކުރި ވާހަކަ ނުވަތަ ގުރުއާން ކިޔެވި ވާހަކަ އާންމުކޮށް މީހުން ކައިރީ ދަށްކައި އުޅުމަކީ ބައެއް މީހުންގެ އާދައެކެވެ. ދީނީ އިލްމުވެރިން ވިދާޅުވާގޮތުގައި އެއީ އެމީހެއް ކުރި އަމަލަށް އުނިކަން ލިބިގެންދާނެ ކަމެކެވެ.

ޝެއިހް ވިދާޅުވީ، ﷲ ވަޙީ ކުރައްވަނީ އެމީހަކު ދެއްކުންތެރިކަން އަތުވެއްޖެއްޔާމު އެމީހަކާ އެމީހެއްގެ އަމަލު ދޫކޮށްލައްވާނެ ކަމަށް ކަމަށެވެ.

"ރޭގައި އަހަންނަން ދަމުނަމާދު ނުކުރެވުނޭ. ނުވަތަ ރޭގައި އަހަރެން ހަތިމުން 12 ފޮތް ކިޔާލީމޭ. މިކަހަލަ ވާހަކަތައް މިއީ އެކަކު އަނެކަކަށް ފަހުރުވެރިވުމަށްޓަކައި މިބުނަނީ. އެހެން ބުނުމުގެ ސަބަބުން މިވަނީ ރޯދަމަހު ރޯދަޔަށްހުރެ އޭނާ އެކުރި ހެޔޮކަންތައް ބޭކާރުވެގެން ދިޔައީ. އެއީ ދެއްކުންތެރިކަން އައުމުން،" ޝެއިހް ވިދާޅުވިއެވެ.

ކުޅިވަރާއި މަޖަލުގައި ނޫޅެ އަޅުކަމުގައި އުޅެމާ!

ތަފާތު މުބާރާތްތައް ބާއްވައި ތަފާތު އެކިއެކިކަންކަމުގެ ތެރެއިން ރޯދަ މަހަކީ މަޖާކުރަން އޮތް މަހެއްކަމަށް ބައެއް މީހުންނަށް ގަބޫލް ކުރެވޭ ކަމަށާއި ނަމަވެސް އެއީ ރަނގަޅު ގޮތް ނޫން ކަމަށް ޝެއިހް ވިދާޅުވިއެވެ. ރޯދަ މަހަކީ ފަރުޟު ފަސް ނަމާދުކޮށް ޒިކުރުކޮށް ގުރުއާން ކިޔެވުމުގައި ވަގުތުތައް ހޭދަކުރަންވީ މަސް ކަމަށް ޝެއިހް ވިދާޅުވިއެވެ. މިއީ ހަޒާނާގެ ބަހެއް ކަމަށާއި އެކަންކަން ހޯދަންވީ ކަމަށް ޝެއިހް ވިދާޅުވިއެވެ.

ބައިބަލާ މުބާރާތުގެ މެޗެއްގެ ތެރެއިން: ސަން ފައިލް ފޮޓޯ

"މިމަހަކީ ދީނީ މަހަކަށް ވާންޖެހޭނީ. މިމަހަކީ މިއުޒިކީ، މިމަހަކީ ކުޅިވަރުގެ މަހަކަށް ވެގެންނުވާނެ. ހިތާމައަކަށް ދަންނަވަންޖެހޭނީ އަޅުގަނޑުމެން މުޖުތަމައުގައި މަޖާ މަހެއްގެ ގޮތުގައި މުނިފޫހި ފިލުވާ މަހެއްގެ ގޮތުގައި މިމަސްވެފައިވަނީ. އެއަށްވުރެ ސީރިއަސްމަހެއް މިއީ،" ޝެއިހް ވިދާޅުވިއެވެ.

ގިނަ ވަގުތުތަކުގައި ނިދާފައި އޮތުމާއި އަރާމު ކުރުމުގައި ގިނަ ވަގުތު ހޭދަނުކޮށް އަޅުކަމުގައި ވަގުތު ހޭދަކުރުމަށް ޝެއިހް ނަސޭހަތްތެރިވެއެވެ.

އިސްވެ މިފާހަގަކުރި ބައެއް ކަންތައްތަކަކީ ރޯދަ ކުރުކުރުމުގެ ނަމުގައި ދިވެހިން އާންމުކޮށް ކުރަމުންދާ ކަންކަން ކަމަށްވާއިރު އެއީ ހެދޭގޯހެއް ކަމަށް އިލްމުވެރިން ދަނީ ވިދާޅުވަމުންނެވެ. އިލްމުވެރިން ވިދާޅުވަނީ އެއަމަލުތަކުގެ ސަބަބުން އެމީހެއްގެ ރޯދަޔަށް އުނިކަން ލިބޭ ކަމަށެވެ. އެހެންކަމުން ރޯދަމަހުގެ ސަވާބާއި ދަރުމަ ލިބިގަތުމަށް އެފަދަ ކަންތައްތަކުން ދުރުހެލިވާންޖެހެއެވެ.