ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ "ރެގޭލިއާ" ފަރުމާކުރުމުގެ މުބާރާތް އިއުލާނު ކޮށްފި އެވެ.

އެމްއެންޔޫއިން ބުނީ އެއީ އެ ޔުނިވާސިޓީއަށް ޒިޔާރާތްކުރާ އިއްޒަތްތެރިންނާއި، ޔުނިވާސިޓީން ބޭރުގެ ގައުމުތަކަށް ކުރާ ދަތުރުތަކުގައި ބައްދަލުވާ އިއްޒަތްތެރިންނަށް އެރުވުމުށާއި، ޔުނިވާސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ބޭނުންކުރުމަށާއި، ޔުނިވާސިޓީ ތަމްސީލު ކުރުމުގެ އެހެނިހެން ބޭނުންތަކަށް "ހަނދާނީ" ހަދިޔާތަކެއް އުފެއްދުމުގެ މަގުސަދުގައި ކުރިއަށް ގެންދާ މުބާރާތެއް ކަމަށެވެ.

އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ޔުނިވާސިޓީގެ ހުރިހާ ދަރިވަރުންނާއި މުވައްޒަފުންނަށް މިހާރު ވަނީ ހުޅުވާލައިފައެވެ. އެ މުބާރާތަށް ފަރުމާ ހުށަހެޅުމުގެ ސުންގަޑި އަކީ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށެވެ.

އެ މުބާރާތުގައި ފަރުމާ ހިމެނުމަށް ތިން ގިންތިއެއް ވަނީ ކަނޑައަޅައިފައެވެ. އެ ތިން ގިންތި އަކީ، ޓައި، ސްކާފް އަދި ހަނދާނީ ހަދިޔާ އެވެ.

އެއިން ކޮންމެ ގިންތިއަކުން އެއް ވަނަ ހޮވައި، 5،000 ރުފިޔާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ހަމަ އެއާއެކު، މުބާރާތުގައި ބައިވެރިކުރާ ހުށަހެޅުންތަކުގެ ތެރެއިން 50 ޕަސެންޓަށް ވުރެ މަތިން މާކްސް ލިބޭ ފަރާތްތަކަށް "ރެގޭލިއާ" ފަރުމާކުރުމުގެ މުބާރާތުގައި ބައިވެރިވިކަން އަންގައިދޭ ހަނދާނީ ލިޔުމެއް ދެވޭނެ ކަމަށް އެމްއެންޔޫ އިން ބުނެ އެވެ.