16 May 2011, 11:36
އޮޅުވާލައިގެން ދެ ސްކޫލްން މުސާރަ ނެގި ޓީޗަރެއްގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި އެންޓިކޮރަޕްޝަން ކޮމިޝަން )އޭސީސީ( އިން ނިންމައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް )ޕީޖީ(އަށް ފޮނުވައިފި އެވެ.
އޭސީސީން ބުނަނީ އެ ކޮމިޝަނުން ދައުވާ ކުރަން ބޭނުންވާތީ ޕީޖީ އޮފީހަށް ފޮނުވީ އދ. ދަނގެތީ ތޯތާގޭ އައިޝަތު އިފާޝާގެ މައްސަލައެއް ކަމަށެވެ. އިފާޝާގެ މައްޗަށް ދައުވާ ކުރަން ބޭނުން ވަނީ އޭނާ، ދަނގެތީ މަދަރުސާގެ ޓްރައިންޑް ލީޑިން ޓީޗަރުގެ މަގާމުގައި ހުރެ 18 ޖޫން 2009 ން 31 ޖުލައި 2009 އަށް ދަނގެތީ މަދަރުސާއިން އާއިލީ ޒިންމާގެ ޗުއްޓީ ނަގައި ގަވައިދުން މެޑިކަލް ސެޓްފިކެޓް ހުށަހެޅުމަށްފަހު ޗުއްޓީގެ މުއްދަތުގައި ޣިޔާސުއްދީން ސްކޫލުގެ ވަޒީފާއަށް ނުކުމެ ދެ ސްކޫލުން ވެސް މުސާރަ ނަގާފައިވާތީ ކަމަށް ވެސް ކޮމިޝަނުން ބުންޏެވެ.
އޭސީސީން ބުނީ އާއިލީ ޒިންމާގެ ޗުއްޓީގައި އިފާޝާ ހުރެ، ދެ ސްކޫލުން މުސާރަ ނެގި ނެގުމަކީ މަކަރު ހެދުމާއި އޮޅުވައިލުން ކަމަށް އޭސީސީގެ ތަހުގީގަށް ސާބިތުވާ ކަމަށެވެ. އިފާޝާ މުސާރައިގެ ގޮތުގައި 11072ރ. ނަގާފައިވާ ކަމަށް ވެސް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ އިފާޝާގެ މި އަމަލަކީ ސިވިލްސާވިސްގެ ގަވައިދުގެ ރޫހާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށާއި އޭނާ ސަލާމް ބުނެފައިވާ މުއްދަތުގައި އަދާކޮށްފައި ވަނީ ސިވިލްސާވިސްގައި އޭނާ އަދާ ކުރަންޖެހޭ ވަޒީފާއާ އެއްފަދަ ވަޒީފާއެއް ފުރިހަމަ ސިއްހަތުގައި ހުރެގެން ކަމަށެވެ. އަދި އެ މުއްދަތުގައި އެހެން ވަޒީފާއެއް އިފާޝާ އަދާކޮށްފައި ވަނީ ސިވިލްސާވިސްގެ މުވައްޒަފުންގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރުމުގައި މަކަރާއި ހީލަތް ހެދުމުގެ އަމަލުތަކާއި ހިނާޔަތުގެ އަމަލުތަކާ ދުރުވެގެން ތިބެ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައިވާ ކޯޑް އޮފް ކޮންޑަކްޓްސްއާ ހިލާފަށް ކަމަށް ވެސް އޭސީސީން ބުންޏެވެ.