06 Jun 2016, 01:29
މި ރަމަޟާން މަހު، "މައި އުރީދޫ" ބޭނުންކޮށްގެން ޑޭޓާ ޕެކޭޖެއް އެކްޓިވޭޓު ކުރާ ކޮންމެ ފަރާތަކަށް ވެސް، އެކްޓިވޭޓު ކުރާ ޕެކޭޖުގެ އިތުރުން، ޕެޖޭޖުގެ ޑޭޓާ އެލަވަންސްގެ 100 ޕަސަންޓު އިތުރަށް، ހިލޭ ލިބޭނެ ކަމަށް އުރީދޫއިން ބުނެފި އެވެ.
އުރީދޫ މޯލްޑިވްސްއިން ރަމަޟާން މަހަށް ޚާއްސަކޮށްގެން ހިންގާ ޕްރޮމޯޝަންތަކާ ބެހޭގޮތުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އުރީދޫއިން ވަނީ ތަފާތު، ޝައުގުވެރި ކަންތައްތަކެއް ތައާރަފު ކޮށްފައެވެ.
އެގޮތުން، މައި އުރީދޫ ބޭނުންކޮށްގެން ޑޭޓާ ޕެކޭޖު އެކްޓިވޭޓް ކުރާ ފަރާތްތަކަށް، އެ ޕެކޭޖުގެ 100 ޕަސަންޓު އިތުރު ޑޭޓާ ހިލޭ ލިބޭނެ އެވެ.
އޭގެ އިތުރުން ރަމަޟާން މަހުގެ ތެރޭގައި، 100 ރުފިޔާއަށް ވުރެ މަތިން ކުރާ ރީޗާޖަކަށް 25 ޕަސަންޓާ ހަމައަށް ބޯނަސް ކްރެޑިޓް ލިބޭނެ އެވެ. މީގެ އިތުރުން، ރަމަޟާން މަހުގެ ތެރޭގައި ރާއްޖެއިން ބޭރަށް ގުޅުމަށް 25 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭ އިރު، ހަފްތާ ބަންދުތަކުގައި އިންޑިއާ، ސްރީލަންކާ، ނޭޕާލް އަދި ސައުދީ އަރަބިއްޔާއަށް ގުޅުމަށް ޚާއްސަ އަގުތަކެއް ލިބޭނެ އެވެ.
އަދި، ސައުދީގައި އުރީދޫ ރޯމިންގ ޚިދުމަތް ބޭނުންކުރާ އިރު، އިންކަމިންގ އަދި އައުޓްގޮއިންގ ކޯލްތަކަށް ވެސް 25 ޕަސަންޓުގެ ޑިސްކައުންޓް ލިބޭނެ ކަމަށް އުރީދޫއިން ބުނެ އެވެ.
ރަމަޟާން މަހަށް އެންމެ ޚާއްސަކޮށް އުރީދޫއިން ތައާރަފު ކުރި ޚިދުމަތަކީ، ޑޭޓާ ޕެކޭޖު ހަދިޔާ ކުރުމުގެ ޚިދުމަތެވެ. "ގިފްޓް އަ ޑޭޓާ ޕެކް"ގެ ނަމުގައި ތައާރަފުކުރި މި ޕްރޮމޯޝަނުގައި، ޑޭޓާ ޕެކޭޖެއް ހަދިޔާ ކުރުމަށް #929* ޖަހައި، އުރީދޫ ޑޭޓާ ޕެކްސް ސިލެކްޓް ކުރުމަށްފަހު ގިފްޓް ޑޭޓާއިން އެކަން ކުރެވޭނެ އެވެ.
މީގެ އިތުރުން، އުރީދޫއިން ރަމަޟާން މަހަށް ޚާއްސަކޮށްގެން، އުރީދޫގެ ޚިދުމަތްތައް އާ ކަސްޓަމަރަކަށް ތައާރަފު ކޮށްދީގެން، ތިން ޖީބީއާ ހަމައަށް ހިލޭ ޑޭޓާ ލިބުމުގެ ފުރުސަތުގެ އިތުރުން، އަހަރު ދުވަހުގެ ގޭގެ ކުލީގެ ގޮތުގައި ދެއްކުމަށް، މަހަކު 16،000 ރުފިޔާގެ ރޭޓުން ކޮންމެވެސް އެއް ނަސީބުވެރިއަކަށް 200،000 ރުފިޔާ ދިނުމަށް ވެސް ހަމަޖެހިފައި ވެ އެވެ.