06 Jun 2016, 01:13
ދިވެހި މުޖުތަމައުގައި ޖިނާއީ ބޮޑެތި ކުށްތައްކުރުން އިތުރުވަނީ، ތަހުގީގު މަރުހަލާ އާއި ޝަރުއީ މަރުހަލާ ދިގުދެމިގެން ދާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވުމަށް ފަހު އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ، ރާއްޖޭގައި މީހުން މެރުމާއި، މީހުންނަށް ޖިސްމާނީ ބޮޑެތި ގެއްލުން ލިބޭ ކުށްތައް އާންމު ވުމަކީ އެމަނިކުފާނު އެއްވެސް ހާލެއްގައި ބޭނުންފުޅުވެވަޑައިގަންނަވާ ކަމެއް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ، އެފަދަ ކަންކަން ހުއްޓުވަން ސަރުކާރަށް ކުރެވޭނެ މަސައްކަތްތަކެއް ހުންނާނެ ކަމަށާއި ސަރުކާރުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއިންނާއި ޝަރުއީ މަރުހަލާތަކުގެ ތެރެއިން ވެސް މަސައްކަތްތަ ކުރަމުން އަންނަ ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
"އެހެން ނަމަވެސް މި ހުރިހާ މަސައްކަތްތަކެއް އަވަސް ވެގެން، ތަންފީޒީ ހިސާބަކަށް އަޅުގަނޑުމެންނަށް ގެންދެވިގެން ނޫނީ މި ހިނގާ ބޮޑެތި ޖިނާއީ ކަންތައްތަކެއް އަޅުގަނޑުމެންނަކަށް ނުހުއްޓުވޭނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިހާރު ސުޕްރީމް ކޯޓުގައި ހުރި މަރުގެ މައްސަލަތަކާއި ޖިނާއީ ކޯޓަށް ހުށަހެޅިފައި ހުރި މަރުގެ މައްސަލަތައް ވަރަށް އަވަސް މުއްދަތެއްގައި ނިމޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ.
ނަމަވެސް އެއީ ރައީސް ވިދާޅުވެގެން ކުރަން ޖެހޭ ކަންކަން ނޫން ކަމަށާއި، އެއީ ރައްޔިތުންގެ ހައްގުގައި އެކަމެއް ބެލުމުގެ ޒިންމާ އުފުލަން ޖެހޭ މުއައްސަސާއަކުން އެ ކަމަށް ޒިންމާ ވާން ޖެހޭ ކަންކަން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ހިތާމައާ އެކު ހަމަ ފާހަގަ ކުރަން ޖެހެނީ މިކަންކަމާ ދޭތެރޭގައި މި އޮންނަ މަރުހަލާތައް ދިގުލައިގެން ދާތީ މިކަހަލަ ކަންކަމަށް އަރައިގަތުން، ކުށްތަކަށް އަރައިގަތުން އިތުރުވެގެން މި ދަނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، މީހުންނަށް ޖިސްމާނީ ބޮޑެތި އަނިޔާ ލިބޭ ހައްގުތަކަށް އަރައިގަތުން ސަރުކާރުން ޓޮލެރޭޓެއް ނުކުރާނެ ކަމަށާއި ނަމަވެސް އެކަންކަން ހުއްޓުވޭނީ ރަނގަޅު ޓެމްޕޯ އެއްގައި ސަރުކާރު މަސައްކަތް ކޮށްގެން ކަމަށެވެ.
އަދި ޖިނާއީ ކުށްތަކަށް އަރައިގަންނަ ފަރާތްތައް ކުރާ ކަންކަން ދިވެހި މުޖުތަމައު އިން ވެސް ޓޮލެރޭޓް ނުކުރާނެ ކަމަށާއި، އެފަރާތްތަކަށް އެކަން ގަބޫލު ކުރެވޭނީ ޝަރީއަތުގެ މަރުހަލާތަކުގައި ހުރި މައްސަލަތައް އޭގެ އަވަސް މިނުގައި ހިނގައިގެން އަދި ތަންފީޒު ވެގެން ދިއުމުން ކަމަށް ރައީސް ވިދާޅުވި އެވެ.
"މިރޭ ވެސް އަޅުގަނޑު ދަންވާލަން ބޭނުންވޭ، މި ސަރުކާރު ދެމި އޮތްހާ ދުވަހަކު މަރުގެ ހުކުމް ތަންފީޒު ކުރާނެ. އެކަމާ ދޭތެރޭގައި ދެވަނަ ވިސްނުމެއް. ދެވަނަ ހިޔާލެއް ކުށް ތަކަށް އަރައިގަންނަ ފަރާތްތައް ދެވަނަ ހިޔާލެއްގައި ތިބި ނަމަ، އެ ހިޔާޅު ދޫކޮށްލާ. ކުށްތައް ކުރުން ހުއްޓާލާ. އެކަހަލަ ޖިނާއީ ބޮޑެތި ކުށްތައް ކުރުން ހުއްޓާލާ" ރައީސް ވިދާޅުވި އެވެ.