05 Jun 2016, 22:58
މިދިޔަ އަހަރުގެ މެއި މަހުގެ އެއް ވަނަ ދުވަހު ދެ ފިސްތޯލަ އާއި ގޮވާތަކެތި ގެންގުޅުއްވިކަން ޝަރީއަތަށް ސާބިތުވާ ކަމަށް ކަނޑައަޅައި 10 އަހަރަށް ޖަލަށް ލުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލް ޣަފޫރުގެ މައްޗަށް އިއްވި ހުކުމަކީ އިންސާފުވެރި ހުކުމެއް ނޫން ކަމަށާއި އެ މައްސަލަ އިސްތިއުނާފު ކުރާނެ ކަމަށް އެމަނިކުފާނުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.
ހުކުމް އިއްވުމާ އެކު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސިރާޖު ވިދާޅުވީ މައްސަލައަށް ތައްޔާރުވާން އެކަށީގެންވާ ވަގުތު ކްރިމިނަލް ކޯޓުން ދީފައިނުވާ ކަމަށެވެ.
"މައްސަލަ އަށް ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ކްރިމިނަލް ކޯޓުން އަދީބަށް ދެއްވާފައެއް ނުވޭ. މިހުކުމަކީ އިންސާފުވެރި ހުކުމެއް ކަމަށް އަދީބު ދެކެވަޑައިނުގަންނަވާ. އެހެންކަމުން ހައިކޯޓުގައި މި ހުކުމް އިސްތިއުނާފު ކުރަން އަދީބު ވަނީ ނިންމަވާފައި،" ސިރާޖު ވިދާޅުވި އެވެ.
ސިރާޖު ވިދާޅުވީ ޚުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުމާއި ހުކުމް އިއްވުމުގެ އަޑުއެހުމަށް ނޫސްވެރިންނާއި އާންމު ރައްޔިތުން ވެއްދުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް އަދީބު ދެކެވަޑައިނުގަންނަވާ ކަމަށެވެ.
"ހެކިބަސް ނެގިއިރު ނޫސްވެރިންނަށް ވެސް ވަދެވުނު. އާންމު ރައްޔިތުންނަށް ވެސް ވަދެވުނު. ޚުލާސާ ބަޔާން ހުށަހެޅި އަޑު އެހުމާއި ހުކުމް އިއްވުމަށް މިރޭ ބޭއްވި އަޑުއެހުން ސިއްރު ކުރަންޖެހޭ ސަބަބެއް ނުވިސްނުނު. އެ އަޑުއެހުންތައް ހުޅުވާލައިގެން ބޭއްވުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް އަދީބު ދެކެވަޑައިނުގަންނަވާ،" ސިރާޖު ވިދާޅުވި އެވެ.
ޝަރީއަތުގެ އަޑުއެހުންތައް ކަވަރު ކުރުމަކީ ނޫސްވެރިންނަށް ގާނޫނު އަސާސީން ލިބިދީފައިވާ ހައްގެއް ކަމަށާއި ނޫސްވެރިންނަށް ސިއްރުކޮށްގެން އަޑުއެހުންތައް ބާއްވާތީ އަދީބު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވެސް ސިރާޖު ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުން މިރޭ އިއްވި ހުކުމްގައި ވަނީ ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުން އެ ދައުވާ އަދީބުގެ މައްޗަށް ސާބިތުވާ ކަމަށެވެ. އަދި މެއި މަހުގެ އެއްވަނަ ދުވަހުގެ ކުރިން ވެސް އަދީބު ފިސްތޯލަ ގެންގުޅުއްވި ކަމަށް ހެކިބަސް ދިން ތިން ހެކިންގެ ތެރެއިން އެކެއްގެ ބަހުން އެނގެން އޮންނަ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.
ސިއްރުން ތިން މީހަކު ހެކިބަސްދީފައިވާ އިރު، އެމީހުން ހެކިބަސްދިނީ ސިޔާސީ މަގުސަދެއްގައި ކަމަށް އަދީބުގެ ފަރާތުން ވިދާޅުވި ނަމަވެސް އެކަން އަދީބަށް ސާބިތުކޮށްދެވިފައިނުވާ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.