05 Jun 2016, 22:25
ސަރުކާރުގެ ހައުސިން ސުކީމުގެ ބެނެފިޝަރީޒް ލިބޭ ފަރާތްތަކުގެ ތެރޭގައި އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި މަސައްކަތް ކުރާ ޕްރޮފެޝަނަލް ސްޓާފުން ހިމެނުމަށް ސަރުކާރުން ނިންމައިފި އެވެ.
އެކަން އިއުލާނު ކުރައްވާފައި ވަނީ އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތުގެ ބިންގާ އެޅުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، އައިޖީއެމްއެޗް ގެ ޕްރޮފެޝަނަލް ސްޓާފުންނަށް އެންމެ ދަތިވާ ކަމަކަށް ވަނީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށެވެ. އެ މައްސަލަ އައިޖީއެމްއެޗްގެ މެނޭޖްމަންޓާއި، ހެލްތު މިނިސްޓްރީ އިންވެސް ރައީސް އާ ހިއްސާކުރައްވާފައިވާ ކަމަށާއި، އެ މައްސަލައަށް ހައްލެއް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ރައީސް އަބްދުﷲ ޔާމީން: އައިޖީއެމްއެޗްގެ ޑޮކްޓަރުންނާ ނަރުހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުން ނިންމާފައިވާ ކަމަށް މިރޭ ވަނީ ވިދާޅުވެފައި --- ސަން ފޮޓޯ: ފަޔާޒު މޫސާ
"ގާނޫނުން ޖާގަ ލިބޭ މިންވަރަކުން، އަޅުގަނޑުމެން ހައުސިން ސުކީމުތަކުން އޭގެ ބެނެފިޝަރީޒް ނުވަތަ ހައުސިން ސްކީމް ތައް ދޭ ފަރާތްތަކުގެ ތެރޭގައި އައިޖީއެމްއެޗްގެ ޕްރޮފެޝަނަލުން ހިމަނަން ސަރުކާރުން މިރޭ މި ނިންމީ،" ރައީސް ވިދާޅުވި އެވެ.
އެގޮތުން އެންމެ ފުރަތަމަ ސްކީމު ހުޅުވިގެންދާ އިރު، ގާނޫނު ތަންދޭ މިންވަރަކުން އައިޖީއެމްއެޗްގެ ޑޮކްޓަރުންނާ ނަރުހުންނަށް އިސްކަންދީގެން އެފަރާތްތަކަށް ބޯހިޔާވަހިކަމުގެ މަގު ތަނަވަސްކޮށްދޭނެ ކަމުގެ ޔަގީންކަން ރައީސް ވަނީ ދެއްވައިފަ އެވެ.
ރައީސް ވިދާޅުވީ އައިޖީއެމްއެޗް އަށް މިހާރު ބޮޑެތި ކުރިއެރުންތަކެއް އަންނަމުންދާ ކަމަށާއި، އެއާއެކު އެމަނިކުފާނުގެ ޒިންމާވެސް އިތުރުވާ ކަމަށެވެ. އަދި ސިއްހީ ދާއިރާ އަކީ ސަރުކާރުން އެންމެ ބޮޑަށް ތަރައްގީ ކުރަން ބޭނުންވާ ދާއިރާ ކަމާ ދޭތެރޭ އައިޖީއެމްއެޗްގައި މަސައްކަތް ކުރައްވާ އެއްވެސް ޕްރޮފެޝަނަލަކު ސުވާލު ނުއުފެއްދުމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.

އައިޖީއެމްއެޗްގެ ބައެއް މުވައްޒަފުން: އައިޖީއެމްއެޗްގެ ޑޮކްޓަރުންނާ ނަރުހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން ސަރުކާރުން ވަނީ ނިންމާފައި --- ސަން ފޮޓޯ: ފަޔާޒު މޫސާ
ރައީސް ވިދާޅުވީ، އެ ހުރިހާ މަސައްކަތެއްވެސް ކުރައްވާނީ ގާނޫނު ތަންދޭ މިންވަރަކުން ކަމަށާއި، ތަފާތު ކުރުމަކީ ސަރުކާރުން ތާއީދު ކުރާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް ހަމަހަމަ ކުރުމުގައިވެސް އިސްތިސްނާތަކެއް ހުންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.