މާދަމާއަކީ ރަމަޟާން މަހުގެ އެއްވަނަ ދުވަސް ކަމުގައި އިސްލާމިކް މިނިސްޓްރީން ކަނޑައަޅައި ނިންމައިފި އެވެ.

ރަމަޟާން މަހުގެ ހަނދު ސާބިތުކުރުމުގެ ޖަލްސާއަށް ފަހު ރަމަޟާން މަހުގެ ހަނދާ ބެހޭގޮތުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒިޔާދު ސޮއިކުރައްވައި ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ، ރަމަޟާން މަހުގެ ހަނދު، މިރޭ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށާއި އިސްލާމީ ބައެއް ގައުމުތަކަށް ފެނިފައިވާ ކަމުގެ ރަސްމީ ޚަބަރު ލިބިފައިވާ ކަމަށެވެ.

"އެކަން ގަބޫލުކޮށް، ރަމަޟާން މަހާ ޝައްވާލް މަހުގެ ހަނދު ބެލުމަށް ރާއްޖޭގައި އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުތަކުގައިވާ ގޮތުގެ މަތިން، މީލާދީ ސަނަތުން 2016 ވަނަ އަހަރުގެ ޖޫން މަހުން ހައެއް ވާ ހޯމަ ދުވަހަކީ މި އަހަރުގެ ރަމަޟާން މަހުގެ އެއްވަނަ ދުވަސް ކަމުގައި ކަނޑައަޅައި، ގަދަކީރިތި ވަންތަ މާތްﷲ ގެ ހަޟްރަތުން ވާގި އެދިގެން ހުރެ، ދިވެހިރާއްޖެއަށް 1437 ވަނަ އަހަރުގެ ރަމަޟާން މަހުގެ އެއްވަނަ ދުވަހަކީ މީލާދީ ސަނަތުން 2016 ވަނަ އަހަރުގެ ޖޫން މަހުން ހައެއް ވާ ހޯމަ ދުވަސް ކަމުގައި ކަނޑައަޅައިފީމެވެ،" އެ ބަޔާނުގައި އިސްލާމިކް މިނިސްޓަރު ވިދާޅުވެފައި ވެ އެވެ.

ރަމަޟާން މަސް ފެށެނީ މާދަމާ ކަމަށް ކުރި އިއުލާނާ އެކު، އެމްއެންޑީއެފުން ވަނީ ހަތް ބަޑީގެ ސަލާމެއް ވެސް ދީފަ އެވެ.