އިންޑިއާގެ މެޑިޓްރިނާ ހޮސްޕިޓަލްސް އާ ހަވާލުކޮށްގެން، ހިތުގެ ބަލިތަކަށް ފަރުވާ ދިނުމަށް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގައި ގާއިމު ކުރި 'ނެޝަނަލް ކާޑިއަކް ސެންޓަރު' މިރޭ ހުޅުވައިފި އެވެ.

އައިޖީއެމްއެޗްގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ނެޝަނަލް ކާޑިއަކް ސެންޓަރު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެވެ.

ކެތުލެބުގެ އުމްރާނީ މަސައްކަތްތައް ކޮށްފައި ވަނީ ދިވެހި ސަރުކާރުގެ ބަޖެޓުންނެވެ. އެ މަސައްކަތަށް ގާތް ގަނޑަކަށް 7.5 މިލިޔަން ރުފިޔާ ހަރަދުވާނެ ކަމަށް ކުރިން ވަނީ އަންދާޒާ ކޮށްފައެވެ.

ނޭޝަނަލް ކާޑިއެކް ސެންޓަރު -- ފޮޓޯ: ރައީސް އޮފީސް

އޭގެ އިތުރުން ރައީސް ވަނީ މިރޭ އައިޖީއެމްއެޗްގެ ކޮންފަރެންސް ފެސިލިޓީ "އޯކިޑް"، ވެސް ހުޅުވައިދެއްވައިފައެވެ. އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ކޮންފަރެންސް ސެންޓަރަކީ އެންމެ ޒަމާނީ ވަސީލަތްތަކާ އެކު ތަރައްގީ ކުރެވިފައިވާ ސެންޓަރެއް ކަމަށެވެ.

އައިޖީއެމްއެޗް ގެ ކޮންފަރެންސް ފެސިލިޓީ "އޯކިޑް" --- ފޮޓޯ: ރައީސް އޮފީސް

އެގޮތުން "އޯކިޑް" ފަރުމާ ކުރެވިފައި ވަނީ މުވައްޒަފުންގެ ކުރިއެރުމަށް، މުވައްޒަފުންގެ ތަމްރީނުތަކާއި، މަސައްކަތު ބައްދަލުވުންތަކާއި މައުރަޒުތަކާއި އަދިވެސް އެހެނިހެން މުނާސަބާތައް ބޭއްވޭ ގޮތަށް ކަމަށް އެ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

އޭގެ އިތުރުން ކޮންފަރެންސް ހޯލް ފަރުމާކޮށްފައި ވަނީ ގިނަ ބަޔަކު އެއްފަހަރާ ވާހަކަ ދައްކަން ފެށުމުން އެކޯ ނުވާނެ ފަދަ ގޮތަކަށް ކަމަށްވެސް އައިޖީއެމްއެޗް އިން ބުނެ އެވެ.