16 May 2011, 11:27
ސަރުކާރާއި ރައްޔިތުން ހިއްސާވާ ސަރުކާރުގެ ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަންގެ ސާފު ފައިދާ މިދިޔަ އަހަރު 15 ޕަސެންޓް ދަށްވެ، 118.9 މިލިއަން ރުފިޔާ އަށް ވެއްޓިއްޖެ އެވެ.
އެސްޓީއޯ އިން އިއްޔެ އާއްމު ކުރި އެ ކުންފުނީގެ އަހަރީ ރިޕޯޓުގައިވާ ގޮތުގައި، 2009 ވަނަ އަހަރު އެކުންފުންޏަށް ލިބުނު 140 މިލިއަން ރުފިޔާގެ ސާފު ފައިދާ ވަނީ މިދިޔަ އަހަރު 118.9 މިލިއަން ރުފިޔާ އަށް ދަށަށް ގޮސްފަ އެވެ. އޭގެ ތެރޭގައި ޒަކާތަށް އުނިކުރި 4.9 މިލިއަން ރުފިޔާ ނުހިމެނެ އެވެ.
އެހެންކަމުން ހަގީގަތުގައި ސާފު ފައިދާގެ ގޮތުގައި އެސްޓީއޯ އަށް މިދިޔަ އަހަރު 123.8 މިލިއަން ރުފިޔާ ލިބިފައިވީ ނަމަވެސް، ޒަކާތަށް 4.9 މިލިއަން ރުފިޔާ އުނިކުރުމަށް ފަހު ހިއްސާދާރުންގެ އާމްދަނީގެ ގޮތުގައި ޖެހެނީ 118.9 މިލިއަން ރުފިޔާ އެވެ. އެއިން ހިއްސާއަކަށް ޖެހެނީ 106ރ. އެވެ. ހިއްސާއަކަށް ޖެހޭ އަގު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 14.5 ޕަސަންޓް ދަށްވެފަ އެވެ.
އެސްޓީއޯގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރު އެކުންފުނީގެ ވިޔަފާރި އާމްދަނީ ހަތަރު ޕަސަންޓް އިތުރުވެ، ހަތަރު ބިލިއަން ރުފިޔާ އަށް ވަނީ އަރައިފަ އެވެ. ދެހާސް ނުވަ ވަނަ އަހަރު އެކުންފުނިން ކޮށްފައި ވަނީ 3.8 މިލިއަން ރުފިޔާގެ ވިޔަފާރި އެވެ. އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ތެލާއި ލުބްރިކެންޓުގެ ވިޔަފާރިކޮށްގެން ކަން އެސްޓީއޯން ފާހަގަކުރެ އެވެ.
އާމްދަނީ އިތުރުވުމާއެކު، އެސްޓީއޯ އިން މިދިޔަ އަހަރު ޒަކާތަށް ދެއްކި އަދަދު ވެސް ވަނީ އިތުރުވެފަ އެވެ. އެގޮތުން 2009 ވަނަ އަހަރު ޒަކާތު ފައިސާގެ ގޮތުގައި 2.2 މިލިއަން ރުފިޔާ ދައްކައިފައިވާއިރު މިދިޔަ އަހަރު ޒަކާތަށް 4.9 މިލިއަން ރުފިޔާ ދައްކައިފައިވެ އެވެ.
އެސްޓީއޯގެ ޑިރެކްޓަރުންގެ ބަޔާނުގައިވާ ގޮތުގައި، ކުންފުންޏަށް ލިބުނު ސާފު ފައިދާ މިދިޔަ އަހަރު ދަށްވީ އިދާރީ ހިންގުމުގެ ހަރަދުތަކާއި ފައިނޭންސިން ހަރަދުތައް މައްޗަށް ދިއުމާ ގުޅިގެންނެވެ. އިދާރީ ހިންގުމުގެ ހަރަދު 129 މިލިއަން ރުފިޔާ އިން 158.9 މިލިއަން ރުފިޔާއަށް ބޮޑުވީ މުވައްޒަފުންނަށް އިނާޔަތް ދިނުމަށް ބޮޑު ހޭދައެއް ކުރަން ޖެހުމުންނާއި ތެލުގެ ހަރަދު ބޮޑުވުމުން ކަމުގައި އެ ބަޔާނުގައިވެ އެވެ. އެގޮތުން ތެލުގެ އަހަރު މިދިޔަ އަހަރާ އަޅާބަލާއިރު 130 ޕަސަންޓް އިތުރުވެ، 10.9 މިލިއަން ރުފިޔާއިން 25 މިލިއަން ރުފިޔާ އަށް މައްޗަށް ވަނީ ޖެހިފަ އެވެ. އަދި އިނާޔަތާއެކު ބައެއް މުވައްޒަފުން ވަކިކުރުރުމަށް 20 މިލިއަން ރުފިޔާ ހޭދަކުރަން ޖެހުމުން މުވައްޒަފުންގެ ހަރަދުތައް 16 ޕަސަންޓް އިތުރުވެ، 140.8 މިލިއަން ރުފިޔާ އަށް އަރައިފައިވެ އެވެ. އަދި ދަތުރުފަތުރުގެ ހަރަދުތައްވެސް އެ މުއްދަތުގެ ތެރޭ 22 ޕަސަންޓް ބޮޑުވެ، 6.8 މިލިއަން ރުފިޔާ އަށް އަރައިފައިވެ އެވެ.
މީގެ އިތުރުން، މާކެޓިން އެންޑް ޑިސްޓްރިބިއުޝަނަށް އެސްޓީއޯން 2009 ވަނަ އަހަރު 149.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ އިރު، މިދިޔަ އަހަރު އެބަޔަށް 180 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
އެސްޓީއޯން ބުނަނީ، ފާއިތުވި އަހަރުގެ ސާފު ފައިދާ ދަށްވެފައިވާ ނަމަވެސް، ކުންފުނީގެ މާލީ ހާލަތު ރަނގަޅުވެފައިވާ ކަމަށެވެ. ކުންފުނީގެ ސާފު ފައިދާގެ މާޖިން 2009 ވަނަ އަހަރެކޭ އެއް ގޮތަށް ތިން ޕަސެންޓުގައި ހިފެހެއްޓިފައިވާއިރު، ބާޒާރުގައި އެންމެ ރަނގަޅު އަގެއް ލިބިފައިވަނީ ވެސް އެސްޓީއޯގެ ހިއްސާ އަށެވެ. އެގޮތުން މިދިޔަ އަހަރު އެންމެ އަގުބޮޑުކޮށް ހިއްސާއެއް 600ރ. އަށް ވިކިފައިވާއިރު އެންމެ ދަށުން ވިކިފައިވަނީ 400ރ. އަށެވެ.