05 Jun 2016, 21:14
އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ދެކުނަށް އޮންނަ ބިމުގައި އަޅާ އެ ހޮސްޕިޓަލްގެ 25 ބުރީގެ އިމާރާތުގެ ބިންގާ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން މިރޭ އަޅުއްވައިދެއްވައިފި އެވެ.
އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް އެޅުމަށް ސަރުކާރުން ހަވާލުކޮށްފައި ވަނީ ސިންގަޕޫރުގެ ޝެންހުއާ ނަމަކަށް ކުންފުންޏަކާއެވެ. އެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ މާރިޗު މަހު އެވެ.
އެއިމާރާތް އެޅުމަށް 140 މިލިޔަން ޑޮލަރު (2.1 ބިލިޔަން ރުފިޔާ) ހަރަދުވާ އިރު އިމާރާތް ކުރުމުގެ އަގު ޝެންހުއާ ކުންފުންޏަށް ދައްކަން ޖެހޭނީ ތިން އަހަރު ދުވަހަށް ބަހާލައިގެންނެވެ.
ޝެންހުއާ ކުންފުންޏާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން 25 ބުރީގެ އިމާރާތުގެ އިތުރުން 10 ބުރީގެ އިމާރާތެއް ވެސް އެޅުމަށް ވަނީ ހަމަޖެހި ފައެވެ.
ފަންސަވީސް ބުރީގެ އެ އިމާރާތުގެ ހަ ފަންގިފިލާ ހާއްސަ ކުރެވޭނީ ނޭޝަނަލް ޑައިގްނޯސްޓިކް ފެސިލިޓީއަށް ކަމަށް ސަރުކާރުން ކުރިން ވަނީ ބުނެފަ އެވެ. އޭގެ އިތުރުން ޑޮކްޓަރަށް ދެއްކުމާއި އެކަމާ ގުޅިގެން ކުރަން ޖެހޭ ހުރިހާ ތަޙުލީލުތަކެއް ވެސް އެ އިމާރާތަށް ބަދަލު ކުރެވިގެން ދާނެ ކަމަށް އައިޖީއެމްއެޗް އިން ވަނީ ކުރިން ބުނެފަ އެވެ.
ހަމައެއާ އެކު އެ އިމާރާތުގައި ޗައިލްޑް ކެއާ ސެންޓަރަކާއި ޖިމާއި ރިހެބިލިޓޭޝަން ސުއިޓެއް ވެސް ހިމެނެ އެވެ. އެ އިމާރާތުގެ ފަސް ފަންގިފިލާއެއް ހާއްސަކޮށްފައި ވަނީ ހޮސްޕިޓަލުން ހިދުމަތް ލިބިގަންނަ ފަރާތްތަކަށް ޕްރައިވެޓް އެކަމޮޑޭޝަން ހަމަޖެއްސުމަށް އައިޖީއެމްއެޗުން ބުނެ އެވެ. އަދި އެ އިމާރާތުގެ މަސައްކަތް 2018 ނިމުމުގެ ކުރިން ނިމި ބޭނުން ކުރަން ފެށޭނެ ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.