މިއަދަކީ 1437 ވަނަ އަހަރުގެ ޝައުބާން މަހުގެ 29 ވަނަ ދުވަހެވެ. ފަލަކީ ހިސާބުތަކުން ދައްކާ ގޮތުގައި މިއަދުގެ އިރު ރާއްޖެއަށް އޮއްސޭއިރު، ހަނދު ފެންމަތީގައި ހުންނާނެއެވެ.

އިރު އޮއްސޭއިރު ހަނދު ފެންމަތީގައި ހުރުމުގެ މާނައަކީ ހަނދު ފެނުމުގެ ފުރުސަތު އޮތުން ކަމަށް ބެލެވޭތީ، މި އުސޫލުން ބަލާއިރު، މިރޭ ރަމަޟާން މަހުގެ ހަނދު ފެނުމުގެ ފުރުސަތު އޮތް ކަމަށް ފަލަކީ ހިސާބުތަކުން ދައްކައެވެ. އެހެންނަމަވެސް ހަމަލޮލަށް ހަނދު ފެންނާނީ އެކަމަށް އެކަށީގެންވާ ގޮތަށް ކަންތައްތައް ފުރިހަމަ ވެގެންނެވެ. މި ގޮތުން އުޑުމަތި ސާފުވުމާއި، އިރުގެ ދަޅައިން ބޭރުގައި ހަނދު ހުރުމާއި އިރުއޮއްސުމަށް ފަހު ގިނަ އިރު ވާން ދެން ހަނދު ނުއޮއްސި ހުރުން ފަދަ ކަންކަމަކީ ހނަދު ފެނުމުގެ ފުރުސަތު ބޮޑުކޮށް ދޭ ކަންކަމެވެ.

ޝަޢުބާން މަހުގެ 29 ވަނަ ދުވަހު އިރު އޮއްސުމަށް ފަހު ލޮލަށް ހަނދު ފެނިއްޖެކަން ސާބިތުވުމުން ނޫނީ ދިވެހިރާއްޖެ އާއި އަދިވެސް ވަރަށް ގިނަ އިސްލާމީ ގައުމުތަކުގައި ރަމަޟާން މަސް ފެށިއްޖެ ކަމުގައި ބަލަނީ، ޝަޢުބާން މަހުގެ 30 ދުވަސް ހަމަކޮށް އެ ދުވަހުގެ އިރު އޮއްސުމުންނެވެ. އިތުބާރު ހުރި ފަލަކީ ހިސާބަށް ބަލާއިރު، ޝަޢުބާން މަހުގެ 29 ވަނަ ދުވަހު އިރުއޮއްސުމަށް ފަހު ހަނދު ފެންމަތީގައި ނުހުންނާނެ ކަމަށް ދައްކާ ނަމަ ވެސް ޝަޢުބާން މަހުގެ 30 ދުވަސް ފުރިހަމަ ކުރާނެއެވެ.

ތުރުކީ ފަދަ އިސްލާމީ ބައެއް ގައުމުތަކުގައި އަމަލު ކުރާ އުސޫލަށް ބަލާއިރު، ހަނދާއި އިރާއި ބިން އެއް ރޮނގަކަށް އައިސް މާރަހަވުމަށް ފަހު، ދެން އިރު އަރާނީ ހަނދު މަހުގެ ފުރަތަމަ ދުވަހަށެވެ. މި ގޮތުން ބަލާއިރު މި މަހު ދުނިޔެ އާއި އިރާއި ހަނދު އެއް ރޮނގަކަށް އައިސް މާރަހަވީ، ޖޫން 5 ވީ އާދީއްތަ ދުވަހު (މިއަދު) ރާއްޖޭ ގަޑިން ހެނދުނު 07:59 ގައެވެ. މާރަހަވުމަށް ފަހު ދެން އަންނަ އަލިވިލޭ ދުވަހަކީ ހޯމަ ދުވަހެވެ. މާދަމާއެވެ. އެހެންކަމުން މިއުސޫލުން ބަލާއިރު މިއަހަރުގެ މުލަ ރޯދަ ދުވަހަކީ މާދަމާއެވެ.

ސަޢުދީ ޢަރަބިއްޔާގައި ހަނދުމަސް ފެށުމުގައި ފަލަކީ ޢިލްމުގެ އަލީގައި އަމަލު ކުރާ ގޮތަކީ، އިރު އޮއްސުމުގެ ކުރީން މާރަހަވެފައި، އިރު އޮއްސުމުގެ ފަހުން ހަނދު އޮއްސޭނަމަ، އައު މަސް ފެށުނީ ކަމަށް ބެލުމެވެ. މާރަހަވީ މައްކާ ގަޑިން މިއަދު ހެނދުނު 05:59 އެވެ. މައްކާއަށް އިރު އޮއްސޭނީ މައްކާ ގަޑިން 19:01 ގައެވެ. ހަނދު އޮއްސޭނީ 19:23 ގައެވެ.

އެހެން ކަމުން ފަލަކީ އިލްމުގެ އަލީގައި ހަނދުމަސް ފެށުމަށް ސަޢުދީ ޢަރަބިއްޔާގައި އަމަލުކުރާ އުސޫލުން ބެއްޔަސް، އަދި ތުރުކީ ފަދަ ބައެއް ގައުމުތަކުގައި އަމަލުކުރާ އުސޫލުން ބެއްޔަސް މިއަދަކީ މިއަހަރުގެ ޝައުބާން މަހުގެ އެންމެ ފަހު ދުވަހެވެ. އަދި މާދަމާ، 6 ޖޫން 2016 ވާ ހޯމަ ދުވަހަކީ 1437 ވަނަ އަހަރުގެ މުލަ ރޯދަ ދުވަހެވެ. މީގެ އިތުރުން އުތުރު އެމެރިކާގެ މުސްލިމުން ތަމްސީލު ކުރާ އެންމެ ބޮޑު އިލްމުވެރީންގެ ޖަމާއަތް ކަމަށް ވާ "އުތުރު އެމެރިކާގެ ފިޤުހު ކައުންސިލުން" ވެސް ވަނީ މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމަށް އިއުލާންކޮށްފައެވެ.