05 Jun 2016, 20:50
ނުރައްކާތެރި ގަތުލުގެ ހާދިސާއެއް ނުވަތަ މާރާމާރީއެއް ހިންގުމުން އެވަގުތު މަގު މައްޗަށް ފުލުހުންނާއި ކުއްތާ ނެރެ ހަރަކާތްތަކެއް ދައްކާލުމަކުން މުޖުތަމައުގެ އަމާންކަމަށް ދިމާވެފައިވާ ބޮޑު މައްސަލައަށް ހަގީގީ ހައްލެއް ނުލިބޭނެ ކަމަށް އެމްޑީޕީ އިން ބުނެފި އެވެ.
ފަހަކަށް އައިސް ރާއްޖޭގައި، ހާއްސަކޮށް މާލޭގައި މާރާމާރީއާއި މީހުން މެރުން އިތުރުވަމުން އަންނާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެޕާޓީން ވަނީ މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިހާރު ހިންގަމުން އަންނަ މާރާމާރީ ތަކާއި، ގަތުުލު ކުރުމުގެ ހާދިސާތަކުން އަމަން ބެލެހެއްޓުމުގައި ސަރުކާރު ފެއިލްވެފައިވާކަން ހާމަވާ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައި ވަނީ އެއް ދުވަހެއްގައި ދެ ކުއްޖަކަށް ވަޅިން ހަމަލާދީ މަރާލައި ޖެހިގެން އައި ދުވަހު މީހަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލާފައި ވާއިރު، ރާއްޖޭގައި ހަށިފުރާނައިގެ ރައްކާތެރިކަން ނެތް މިންވަރާއި އަމާންކަން ނެތް މިންވަރު ހާމަކޮށްދޭ ކަމަށެވެ.
"ނުރައްކާތެރި މިފަދަ ގަތުލުގެ ހާދިސާއެއް ނުވަތަ މާރާމާރީއެއް ހިންގުމުން އެވަގުތު މަގު މައްޗަށް ފުލުހުންނާއި ކުއްތާ ނެރެ ހަރަކާތްތަކެއް ދައްކާލުމަކުން މުޖުތަމަޢުގެ އަމާންކަމަށް ދިމާވެފައި މިވާ ބޮޑު މައްސަލައަށް ޙަޤީޤީ ޙައްލެއް ލިބެމުން ނުދާކަން ފާހަގަވެއެވެ." އެ ޕާޓީގެ ބަޔާނުގައިވެ އެވެ.
އެމްޑީޕީ އިން އެހެން ބުނީ މިދިޔަ ހުކުރު ދުވަހު ހިނގި ދެ މާރާމާރީއެއްގައި 14 އަހަރުގެ ދެ ކުއްޖަކު މަރުވެ މާލެތެރެ ހަލަބޮލިވުމާ ގުޅިގެން ކުއްތާ އާއެކު ފުލުހުންނާއި ސިފައިން މާލެތެރެ ބަލަހައްޓަން ނުކުމެފައި ވަނިކޮށެވެ.
އަދި އެ ދެ ހާދިސާއިން ވެސް ސްކޫލްތަކާއި، އެފަދަ ކަންކަން ހައްލުކުރުމަށް އުފައްދާފައިވާ ވުޒާރާތަކާއި، ފުލުހުންގެ ޒިންމާ އެއްވެސް މިންވަރަކަށް އަދާކުރެވިފައިނުވާކަން ހާމަވެގެންދާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
"އުމުރުން 14 އަހަރުގެ ކުޑަ ދެކުދިން ނުރައްކާތެރި މާރާމާރީއެއްގައި އަނިޔާވެރިގޮތަކަށް ގަތުލު ކުރުމުން މުޅި ދައުލަތް ވަނީ ފެއިލްވެފައެވެ." އެ ޕާޓީ އިން ނެރުނު ބަޔާނުގައިވެ އެވެ.
އެ ޕާޓީ އިން ބުނީ މީހުން ގަތުލުކުރުމުގެ ނުރައްކާތެރި ހާދިސާތަކާއި ނުރައްކާތެރި މާރާމާރީ ހިންގުން އިތުރުވަމުން އަންނަ އިރު އެކަމާ މެދު ސަރުކާރުން ހަރުދަނާ ފިޔަވަޅުތަކެއް އަޅަމުންނުދާ ކަމަށެވެ.
"އަދި މިއިން އެއް ޙާދިސާ ހިނގީ ގެއެއްގެ ތެރޭގައި ކަމަށްވާއިރު ގެދޮރުގެ ރައްކާތެރިކަން އިންތިހާއަށް ގެއްލިފައިވާކަންވެސް ފާހަގަ ކުރަމެވެ." އެ ޕާޓީ އިން ބުންޏެވެ.
މިދިޔަ ހުކުރު ދުވަހު 5:45 ކަންހާއިރު ޝަހީދު އަލީ ހިނގުމާއި މަޖީދީ މަގާ ގުޅުނު ހިސާބުގައި ހިނގި މާރާމާރީއެއްގައި 14 އަހަރުގެ ކުއްޖެއްގެ ކަރަށް ވަޅި ހަރައި ވަނީ މަރާލައިފަ އެވެ.
އެ ހަމަލާގައި މަރުވެފައި ވަނީ ކ. ކާށިދޫ، ރަންފަރު، އަހުމަދު އިރުޝާން ހިލްމީ އެވެ. އިރުޝާންގެ މަރާ ގުޅިގެން މިހާރު ވަނީ 18 އަހަރުން ދަށުގެ ދެ ކުޑަކުދިން ހައްޔަރުކޮށްފަ އެވެ.
އަދި ހަމަ އެ ދުވަހުގެ ރޭވެސް ވަނީ އުމުރުން 14 އަހަރުގެ، މ. ސަރުމާގޭ ފާތިރު މުހައްމަދަށް ވެސް ވަޅިން ހަމަލާދީ ވަނީ މަރާލައިފަ އެވެ.