ސީރިއާގައި ހިނގަމުންދާ ހަނގުރާމައިގައި ބައިވެރިވުމަށް ދާން މަސައްކަތް ކުރަނިކޮށް ތުރުކީއާއި ސީރިއާ ގުޅޭ ބޯޑަރު ކައިރިން ހައްޔަރު ކުރި ތިން މީހުންނަށް ވަކީލުން އައްޔަން ކުރުމަށް ފުރުސަތު ދީފި އެވެ.

ރާއްޖެއިން ބޭރުގައި ހިންގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ދިވެހިރާއްޖެ ދޫކޮށް ދިއުމުގެ ދައުވާ ދައުލަތުން އުފުލާފައިވަނީ ލ. މާމެންދޫ މުގުރިގެ އަހުމަދު ލަތީފުއާއި ގދ. ރަތަފަންދޫ ނީލްވިލާ އަހުމަދު ސުލައިލް މޫސާގެ އިތުރުން ތ. ގާދިއްފުށި، ސީނަރީގޭ މުނައްވަރު އަބްދުﷲގެ މައްޗަށެވެ.

އެމައްސަލައިގައި މިއަދު ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދައުވާ އިއްވަމުން ދައުލަތުގެ ވަކީލު ވިދާޅުވީ ދައުލަތުން އެ ތިން މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ސީރިއާގައި ހިނގަމުންދާ ހަނގުރާމައެއްގައި ބައިވެރިވުމަށް ރާއްޖެދޫކޮށް ދިއުމަށް މަސައްކަތްކޮށް 15 ފެބުރުއަރީ 2016 ވަނަ ދުވަހު ތުރުކީއާއި ސީރިއާ ގުޅޭ ބޯޑަރު ކައިރިން އެ ތިންމީހުން ފެނިފައިވާތީ ކަމަށެވެ.

ދައުލަތުން އެ ތިން މީހުންގެ މައްޗަށް ދައުވާ އުފުލާފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ގާނުނުގެ 16 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެމާއްދާގެ ދެވަނަ ނަމްބަރުގެ (ނ) ގެ ދަށުންނެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނުނުގެ 16 ވަނަ މާއްދާގެ (ހ)

  1. އެހެންގޮތަކަށް ސާބިތުނުވާހާ ހިނދަކު، ދިވެހި ސަރުކާރުން ހުއްދަދޭ ހާލަތްތަކުގައި މެނުވީ، އަންނަނިވި ކަންތައްތަކުގެ ތެރެއިން ކަމެއް ކުރުމަކީ ކުށެކެވެ.
  2. ރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށް ދިވެހިރާއްޖެ ދޫކޮށް ދިއުން.

މިދައުވާ ސާބިތު ވެއްޖެ ނަމަ 17 އަހަރާ 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވޭނޭކަމަށް މި ގާނޫނުގައި ބުނެފައިވެއެވެ.

މިއަދުގެ އަޑުއެހުމުގައި ދައުވާ ލިބޭ ތިން މީހުންވެސް ބުނެފައިވަނީ މައްސަލަ ކުރިއަށް ގެންދަން ބޭނުންވަނީ ވަކީލެއްގެ ހާޒިރުގައި ކަމަށެވެ.

ގާޒީ އާދަމް އާރިފު ވިދާޅުވީ، މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު ކަމަށާއި އޭގެ ކުރިން ވަކީލުން ހަމަޖެއްސުމަށް ފުރުސަތުދޭ ކަމަށެވެ. އަދި އެދުވަހުގެ އަޑުއެހުމުގައި އޮންނާނީ ޖަވާބުދާރީ ވުމާއި ހެކިން ހުށަހެޅުން ކަމަށްވެސް ގާޒީ ވިދާޅުވިއެވެ.