ކަޅުކަޅި އަކީ އަޅުގަނޑުމެންގެ ލޮލުގެ ތެރެއަށް އެޅޭ އަލި ލޮލަށް ވަދެގެންދާއިރު ފުރަތަމަ ކަޑައްތު ކުރާ ލޮލުގެ މުހިންމު ބަޔަށް ކިޔާނަމެވެ. އެކި ކުލަކުލައިގައި ކަޅުކަޅި އަޅުގަނޑުމެނަށް ފެނުނުކަމުގައި ވިޔަސް ހަގީގަތު ގައި ކަޅުކަޅި އަކީ އޭގެ ޒާތުގައި ބިއްލޫރި ކޮޅެއްފަދަ ސާފުއެއްޗެކެވެ. އަޅުގަނޑުމެންނަށް މިފެންނަކުލައަކީ ކަޅުކަޅި އާއި އިންވެގެން ވާ "އައިރިސް" ނަމަކަށް ކިޔޭ ފަށަލައެއްގެ ކުލައެވެ. ކަޅުކަޅީގެ ކުލައެއްނޫނެވެ. އެއްވެސް ހާލެއްގައި ކަޅުކަޅި ފުސްވެއްޖެނަމަ ފެނުން ވަރަށް ދަށްވެ މީހާގެ ލޯ ވަރަށް ބޮޑަށް އަނދިރިވެދާނެއެވެ. ފަހަރުގައި މުޅީން ލޯ އަނދިރި މީހަކަށް ވުމަކީވެސް އެކަށީގެންވާ ކަމެކެވެ.

އަޅުގަޑުމެންގެ ރާއްޖޭގައި ކަޅުކަޅި ފުސްވާ މީހުން މަދުނޫންކަން ފާހަގަ ކުރެވެއެވެ. މިހެން ގިނަފަހަރަށް ދިމާވަނީ ލޮލަށް ލިބޭ އަނިޔާއެއްގައި ކަޅުކަޅި ވަރަށް ބޮޑަށް މަށައިގެން ދިއުމުންނާއި، ކަޅުކަޅީގައި ޖަހާ ފާރުގަނޑެއްގެ ސަބަބުން އަދި އުފެދުމުގައި ހުރި އުނިކަމެއްގެ ސަބަބުން ކަޅުކަޅި ފުސްވެފައި ހުރުމުގެ ސަބަބުންނެވެ. މީގެ އިތުރުން ލޮލުގެ ބައެއް އޮޕަރޭޝަނަށް ފަހު ބައެއްފަހަރު ކަޅުކަޅި ފުސްވާގޮތް މެދުވެރިވެދާނެއެވެ. ރާއްޖެ ބަލީގެ ބައެއް ވައްތަރުޖެހުމުން ވެސް މަޑުމަޑުން ކަޅުކަޅި ފުސްވުމަކީ ވެދާނެކަމެކެވެ. އެކިކަހަލަ ވަރުގަދަ ވައްތަރުގެ ކެމިކަލް ތަކާއި އުވަ، ސިމެންތި ފަދަ ތަކެއްޗަކީ ވެސް ލޮލުތެރެއަށް އެޅިއްޖެ ހިނދެއްގައި ނުހަނު އަވަހަށް ކަޅުކަޅި ފުސްކޮށްލަފާނެ އެއްޗިއްސެވެ. މިޒަމާނުގައި އައިނު ނަންބަރު ކަނޑުވާލަން ކުރާ "ލޭސިކް" ނަމަކަށް ކިޔާ އޮޕަރޭޝަނުގެ ސަބަބުންވެސް ފަހަރެއްގައި ކަޅުކަޅި ކޮންމެވެސް ވަރަކަށް ފުސްވެދާނެއެވެ.

ކޮންމެ ސަބަބެއް މެދުވެރިވެ ކަޅުކަޅި ފުސްވިކަމުގައި ވިޔަސް ބަލިމީހާ އަށް މިކަމުގެ ސަބަބުން އިންތިހާއަށް އުނދަގޫވެ ގިނަވޭންތަކެއް އުފުލަން ޖެހެއެވެ. ދެންއަޅުގަނޑުމެން ބަލަންޖެހޭނީ ކަޅުކަޅި ބަދަލުކުރެވިއްޖެނަމަ އޭނާގެފެނުން ކުރިއަށް ވުރެ ރަނގަޅު ކުރެވިދާނެތޯއެވެ. ކަޅުކަޅި ބަދަލު ކުރައްވާ ޑޮކުޓަރުން މިކަން ކުރައްވަނީ ބައެއްކަހަލަ ހާލަތު ތަކެއް މެދުވެރިވުމުންނެވެ. މީގެތެރޭ ގައި ފެނުން ރަނގަޅު ކުރުމަށް ކުރެވޭ އޮޕަރޭޝަނާއި، ލޮލުގެ ސިފަ ރީތި ކުރުމަށް ކުރެވޭ އޮޕަރޭޝަން ހިމެނެއެވެ. ސިފަ ރަނގަޅު ކުރަން ކުރާ އޮޕަރޭޝަނަކީ ފެންނަވަރު އިތުރުކުރުމަށް ކުރެވޭ ކަމެއްނޫނެވެ. ބައެއް މީހުން އުފެދުމުގައި ހުރި އައިބެއްގެ ސަބަބުން ކަޅުކަޅި އާދަޔާއި ޚިލާފަށް ތުނިވެ ފޫގޮސްފާނެކަމުގެ ބިރު ހީވުމުންވެސް ކަޅުކަޅި ބަދަލުކުރަން ޖެހިދާނެއެވެ. އަދި "ފަންގަސް" ފަދަ ބޭހަށް ބައެއްފަހަރު ނުގުޑާ ވައްތަރުގެ ޖަރާސީމެއް ލޮލުގައި އަށަގަނެ ލޮލުގެ އެތެރެއަށް އޭގެ އަސަރުކޮށްފާނެ ކަމުގެ ނިޝާނެއް ފެނުމަކީ ކަޅުކަޅި ބަދަލު ކުރުމަށް މެދުވެރިވާ ސަބަބެއްކަން ފާހަގަ ކޮށްލަން ޖެހެއެވެ. ކަޅުކަޅި ބަދަލުކުރުމަކީ ރާއްޖޭގައި އަދި ކުރެވޭ ކަމެއްނޫނެވެ. މިކަންކުރުމަށް ވަރަށް ބޮޑެތި ތައްޔާރީ ތަކެއް ވާންޖެހެއެވެ. މީގެތެރޭގައި މަރުވާމީހުންގެ ކަޅުކަޅި ހަދިޔާކުރުމުގެ ނިޒާމެއް ގާއިމުކޮށް، އާންމު ރައްޔިތުން ހޭލުންތެރި ކުރުވުމުގެ އިތުރުން މި ކަމަށް ބޭނުންކުރާ އާލާތްތައް ހޯދުމާއި ޑޮކްޓަރުންނާއި ނަރުހުން ތަމްރީނު ކުރެވެން ޖެހެއެވެ.

ރާއްޖޭން ބޭރުން އެންމެ ގިނައިން ދިވެހީން މިކަން ކޮށް އުޅެނީ އިންޑިޔާ ގައެވެ. މިއޮޕަރޭޝަނަށް މަދުވެގެން އިންޑިޔަން ރުޕީސްގެ ފަންސަވީސް ހާސް ވަރު ޚަރަދު ވާނެއެވެ. ކަޅުކަޅި ބަދަލު ކުރުމުގައި މުޅި ކަޅުކަޅި ބަދަލު ކުރުމާއި، ކަޅުކަޅީން ތަންކޮޅެއް ބަދަލުކުރުމުގެ އިތުރުން މިޒަމާނުގައި އަލަށް ތައާރަފު ކުރި ކަޅުކަޅީގެ އެންމެ ފުލުގައި ހުންނަފަށަލަ އެކަނި ބަދަލުކުރުން ހިމެނެއެވެ. ބަލިމީހާ އަށް މިތަނުން އެންމެ ފައިދާ ކުރާނީ ކޮންގޮތަކުންކަން ނިންމަވާނީ އޭނާ އޮޕަރޭޝަން ކުރައްވާ ޑޮކްޓަރެވެ. މިއީ ގިނަފަހަރަށް އައްސި ކޮށްގެން ކުރާ އޮޕަރޭޝަނެކެވެ. އޮޕަރޭޝަންގެ ތެރޭގައި ކަޅުކަޅީގެ ފުސްވެފައި ހުރި ބައި ކަފާ ނަގައި، ހަދިޔާ ކޮށްފައިވާ ކަޅުކަޅިއެއް އެތަނުގައި ބޭއްވުމަށް ފަހު އިސްތައްޓަށްވުރެ ހިމަ ރޮއްޖަކުން ފަހާލެވޭނެއެވެ. އަދި ދޫކޮށްލުމުގެ ކުރީން ފެހި އެއްވެސް ދިމާލަކުން ފެންލީކުވޭތޯ ވެސް ބައްލަވާނެއެވެ.

އޮޕަރޭޝަނަށް ފަހު ބޭސްއެޅުމުގެ ތާވަލަށް ހުރުމަތް ތެރިކޮށް ހިތައި ގަޑިން ގަޑިއަށް ބޭސްއެޅުން ވަރަށް މުހިންމެވެ. މިހެން ނަހަދައިފިނަމަ ބަދަލުކުރި ކަޅުކަޅި އަނެއްކާ ފުސްވާތަން އަތުވެދާނެއެވެ. ކަޅުކަޅި ބަދަލުކުރުމަށްފަހު ދިމާވާ އަނެއް ކަމަކީ ލޮލަށް ޖަރާސީމެއްވަނުމެވެ. މިހެން ވެއްޖެނަމަ ފޫނުބެއްދޭވަރުގެ ގެއްލުމެއްލިބިދާނެއެވެ. ކަޅުކަޅި ލައްވާ މީހުން މިކަމަށް ސަމާލުވުން މުހިންމުވަނީ މިހެންވެއެވެ. މިއޮފަރޭޝަނަށްފަހު ކުއްލިއަކަށް ލޯފުސްވެ، ރިއްސާ މަޑުލާން ފަށައިފިނަމަ އަވަހަށް ލޮލުގެ ޑޮކްޓަރަކަށް ދައްކަވާ ފަރުވާ ހޯއްދަވާށެވެ.

ކަޅުކަޅި ބަދަލުކުރާއިރު ވިސްނަވަންޖެހޭ އެހެން ވަރަށް މުހިންމުކަމެއް އެބައޮތެވެ. އެއީ އެމީހެއްގެ ލޮލުގެ އެހެން ބައިބައި ގައި މަސްއަލައެއް ހުރިތޯއެވެ. މިފަދަ މަސްއަލައެއް ހުރެ ކަޅުކަޅި ބަދަލު ކޮށްފިނަމަ އޮޕަރޭޝަން ކުރުމަށްފަހު ވެސް ފަހަރުގައި އޭނާގެ އެލޮލަށް ނުފެނި ހިނގައިދާނެއެވެ. ދުނިޔޭގައި ކަޅުކަޅި އަށް އެކި ކަހަލަ މަސްއަލަ ޖެހިފައިވާ ދިހަ މިލިއަނަށްވުރެ ގިނަމީހުން އެބަތިބިކަމަށް ވެއެވެ. ނަމަވެސް މިހުރިހާމީހުންނަށް ކަޅުކަޅި ހޯދުމާއި މިކަމަށް ދާ ޚަރަދު ކުރުމަކީ ވަރަށް ބޮޑު ގޮންޖެހުމެއްކަން ކަށަވަރެވެ. މިކަން ހައްލުކުރުމަށްޓަކައި ކުރިއަރާފައިވާ ގައުމުތަކުގައި ގިނަ ތަހުލީލްތައް މިހާރު ވެސް ދަނީ ކުރެވެމުންނެވެ. މީގެ ތެރޭގައި މިފަހުން ލިބުނު އެންމެ ފާހަގަ ކޮށްލަންޖެހޭ އެއް ޚަބަރަކީ ކެނެޑާ އާއި ސްވިޑްންގެ ޑަކްޓަރުން މަސްނޫއީ ކަޅުކަޅިއެއް އުފައްދައި ބައެއް މީހުންގެ ލޮލަށް ލެއްވި ޚަބަރެވެ. މިތަނުން 60 ޕަސެންޓް މީހުންނަށް ރަނގަޅު ބަދަލެއް އައިސް، ފެނުން އިތުރުވި ޚަބަރެވެ. ނަމަވެސް މިކަން ފުޅާ ދާއިރާއެއްގައި ކުރަންފެށޭނީ އަދި އިތުރު ތަހުލީލުތައް ކުރެވިގެން ކަމަށްވެއެވެ. މިހެންވީކަމުގައި ވިޔަސް މިކަމަށް އެދިއެދި ތިބި އެތައް މިލިއަން މީހުންނަށް މިއީ އުންމީދުއިތުރުވެ އުފާވެރިކަން ގެނެސްދޭ ކަހަލަ ރަނގަޅު ޚަބަރެކެވެ.