މި ރަމަޟާން މަހު، އުރީދޫއަށް އާ ކަސްޓަމަރަކު ތައާރަފު ކޮށްގެން، އެއް އަހަރު ދުވަހު ގޭގެ ކުލި އުރީދޫއިން ހިލޭ ލިބުމުގެ ފުރުސަތު އެބަ އޮތް ކަމަށް އުރީދޫއިން ބުނެފި އެވެ.

ރަމަޟާން މަހަށް އުރީދޫއިން ތައާރަފު ކުރާ ރޯދަ ހަދިޔާތައް އިއުލާން ކުރުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އުރީދޫގެ އެސިސްޓަންޓް މެނޭޖާ ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރަހިމް ޒާހިރު ވިދާޅުވީ، ރޯދަ މަހުގެ އެންމެ ޚާއްސަ ހަދިޔާއަކީ، އުރީދޫއިން ތައާރަފުކުރާ "ރިފަރ އެންޑް ވިން" ޕްރޮމޯޝަން ކަމަށެވެ.

މި ޕްރޮމޯޝަނުގެ ދަށުން، އުރީދޫގެ ޚިދުމަތްތައް، އެހެން މީހަކަށް ތައާރަފު ކުރުމުން، އެ ފަރާތަކުން ސަބްސްކްރައިބް ކުރާ ޕެކޭޖެއް ނުވަތަ ޚިދުމަތަކަށް ބަލައި، ހިލޭ ޑޭޓާ އެލަވަންސެއް ދެ ފަރާތަށް ވެސް ލިބޭނެ އެވެ. އެގޮތުން، މިފަދައިން ތިން ޖީބީއާ ހަމައަށް ހިލޭ ޑޭޓާ، ލިބުމުގެ ފުރުސަތު އޮންނާނެ އެވެ.

މި ޕްރޮމޯޝަނުގެ ދަށުން، އުރީދޫގެ ޚިދުމަތަށް އަލަށް ގުޅުނު ކަސްޓަމަރާއި އެ ކަސްޓަމަރަށް އުރީދޫ ތައާރަފު ކޮށްދިން ފަރާތަށް ވެސް ބޮޑު އިނާމު ލިބުމުގެ ފުރުސަތު އޮންނާނެ އެވެ. ދެ ފަރާތް ވެސް ލަކީޑްރޯއެއްގައި އުރީދޫއިން ބައިވެރި ކުރާ އިރު، ގުރުއަތުން ހޮވޭ ފަރާތަކަށް، އެއް އަހަރު ދުވަހުގެ މުއްދަތަކަށް، އެފަރާތެއްގެ އެޕާޓްމެންޓަށް ދައްކާ ކުލި އުރީދޫގެ ފަރާތުން ދޭނެ އެވެ. އެގޮތުން، މަހަކު 16،000 ރުފިޔާގެ މަގުން، މުޅި ޖުމްލަ 200،000 ރުފިޔާ އެފަރާތަކަށް ދިނުމަށް އުރީދޫއިން ވަނީ ނިންމާފަ އެވެ.

އުރީދޫއިން މައުލޫމާތު ދޭ ގޮތުގައި، ރޯދަމަސް ފެށިގެން، އޮގަސްޓް މަހުގެ ނިޔަލަށް ކުރިޔަށްދާ ޕްރޮމޯޝަނުގައި ބައިވެރިވުމަށް REFER ޖަހާފައި 5959 އަށް މެސެޖު ކުރުމުން ލިބޭ ކޯޑު، އުރީދޫއަށް އަލަށް ގުޅޭ ކަސްޓަމަރު މެދުވެރިކޮށް އުރީދޫއާ ހަވާލު ކުރަން ޖެހެ އެވެ.

މީގެ އިތުރުންވެސް އުރީދޫއިން ތަފާތު ޕްރޮމޯޝަންތަކަކާއި ފަސޭހަތަކެއް ރޯދައަށް ޚާއްސަކޮށްގެން ތައާރަފު ކުރުމަށް ވަނީ ނިންމައިފައެވެ.