އަންނަ އަންގާރަ ދުވަހުން ފެށިގެން މިއަހަރުގެ ފިތުރު ޒަކާތް ބަލައިގަންނަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އިސްލާމިކް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ޖޫން ހަތެއްވާ އަންގާރަ ދުވަހުން ފެށިގެން އަންނަ ޖުލައި މަހުގެ ތިން ވަނަ ދުވަހާ ހަމައަށް ފިތުރު ޒަކާތް ބަލައިގަތުމުގެ ކަންކަން ކުރިއަށް ދާނެ ކަމަށެވެ.

ފިތުރު ޒަކާތް ބަލައިގަންނާނީ އިސްލާމިކް މިނިސްޓްރީ އާއި ހުޅުމާލޭ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ވިލިމާލެ، އައްޑޫސިޓީ ކައުންސިލު އަދި ރަށްރަށުގެ ރަށުކައުންސިލު ތަކުންނެވެ.

ފިތުރު ޒަކާތް ބަލައިގަތުމުގެ ކަންކަން ކުރިއަށް ދާނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 10:30 ން 13:00 އަށް ކަމަށް މިނިސްޓްރީން މައުލޫމާތު ދެ އެވެ.

ފިތުޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. ޒަކާތް ނެރޭނީ އެބަޔަކު އަހަރުތެރޭގައި އާންމުކޮށް ކައިއުޅުނު ހަނޑުލުގެ ބާވަތަށް ބަލައިގެންނެވެ.

ރަސްމީކޮށް ޒަކާތް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2.4 ކިލޯ ހަނޑުލުގެ އަގަށްވާ ފައިސާއިން ކަމަށް މިނިސްޓްރީ އިން ބުނެ އެވެ.

އެހެންކަމުން މާލޭސިޓީގައި ދިރިއުޅޭ މީހުން ޒަކާތްދައްކާނީ އާދައިގެ ހަނޑުލުން ނަމަ، މީހަކަށް 12 ރުފިޔާ، ތައިލެންޑު ހަނޑުލުން ނަމަ މީހަކަށް 65 ރުފިޔާ އަދި ބާސްމަތީ ހަނޑުލުން ނަމަ މީހަކަށް 77 ރުފިޔާ އެވެ.

ކައުންސިލްތަކުގެ އިދާރާތަކުން ޒަކާތް ބަލައިގަންނާނީ 2.4 ކިލޯ ހަނޑޫ، އެރަށަކުން ގަންނަން ލިބޭ އަގަކުން ކަމަށް މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.