ކަސްޓަމްސްގެ ޤާނޫނުގެ ދަށުން އުފައްދާ ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަންގެ މެންބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

ރައީސް އޮފީހުން، ސަރުކާރުގެ ގެޒެޓްގައި ޝާއިއު ކޮށްފައިވާ އިއުލާނުގައިވާ ގޮތުން، އެ ފުރުސަތު ހުޅުވާލާފައިވަނީ، މިއަދުން ފެށިގެން މި މަހުގެ 29 ވާ އާދީއްތަ ދުވަހުގެ ނިޔަލަށެވެ.

ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަނަކީ، ކަސްޓަމްސް މުވައްޒަފުންގެ މެދުގައި ޤާނޫނާއި ގަވާއިދަށް ހުރުމަތްތެރިކޮށްހިތުން އިތުރުކުރުމާއި، ކަސްޓަމްސް މުވައްޒަފުންގެ ތެރޭގައި ހިނގާ ޤާނޫނާއި ގަވާއިދާ ޚިލާފު ޢަމަލުތައް، މިނިވަންކަމާއެކު ތަހްޤީޤުކޮށް، ޤާނޫނާ އެއްގޮތަށް ފިޔަވަޅު އެޅުމާއި، ކަސްޓަމްސް މުވައްޒަފުން ވަޒީފާ އަދާކުރުމުގައި ބޭނުންވާނޭ ޤާނޫނީ ރައްކާތެރިކަން ލިބިދިނުމާއި، ކަސްޓަމްސް މުވައްޒަފުންގެ ހިދުމަތާ ބެހޭގޮތުން ރައްޔިތުންގެ މެދުގައި އިތުބާރާއި ޔަޤީންކަން އިތުރުކުރުމުގެ މަގުސަދުގައި އުފައްދާ ކޮމިޝަނެކެވެ. އެ ކޮމިޝަނަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި، ދައުވާ ލިބިގަތުމާއި އަދި މުއާމަލާތް ކުރުމުގެ ހައިސިއްޔަތު ލިބިފައިވާ، މިނިވަން ޤާނޫނީ ޝަހުސެކެވެ.

ކަސްޓަމްސްގެ ޤާނޫނުގެ 26 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން އެކުލެވިގެންވަނީ ފަސް މެންބަރުންގެ މައްޗަށް ކަމަށެވެ. އަދި އެޤާނޫނުގެ 28 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ކޮމިޝަންގެ މެންބަރުން އައްޔަން ކުރާނީ، ރައްޔިތުންގެ މަޖިލީހުންދޭ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ އެވެ.