05 Jun 2016, 16:22
ކުރިއަށް އޮތް ސީޒަނުގައި ވެސް ޗެލްސީގައި މަޑުކުރުމަށް އެ ކްލަބުގެ ބެލްޖިއަމް މިޑްފީލްޑަރު އެޑެން ހަޒާޑް ނިންމައިފި އެވެ.
ނިމިގެން ދިޔަ ސީޒަނުގައި ހަޒާޑަށް ވަނީ ޗެލްސީގައި ރަނގަޅު ކުޅުމެއް ދެއްކޭ ގޮތް ނުވެފަ އެވެ. މިދިޔަ ސީޒަނުގައި ކުޅުނު 19 މެޗުން އޭނާ އަށް ކާމިޔާބު ކުރެވިފައި ވަނީ ހަ ލަނޑެވެ.
ޗެލްސީގައި ހަޒާޑް މަޑުކުރަން ނިންމާފައިވާ އިރު، އޭނާ ހޯދުމަށް ފްރާންސްގެ ޗެމްޕިއަން ޕެރިސް ސެއިންޓް ޖާމެއިން (ޕީއެސްޖީ) އިން ވެސް މަސައްކަތް ކޮށްފައިވެ އެވެ.
"އަހަރެން ޗެލްސީއާ އެކު ހަދާފައިވާ އެއްބަސްވުން ނިމުމަކަށް އަންނާނީ 2020 ވަނަ އަހަރު. އަހަރެން ބޭނުމެއް ނޫން މިގޮތަށް ކްލަބު ދޫކޮށް ދާކަށް. އަހަރެން ޗެލްސީ ދޫކޮށް ދާނީ 'ބޮސް' އެއްގެ ގޮތުގައި. އެއީ އަހަރެން ލިލް ވެސް ދޫކޮށްދިޔަ ގޮތް. ޕީއެސްޖީން މިހާރު އަހަރެން ހޯދުމުގެ މަސައްކަތެއް ނުކުރާނެ،"ޓެލެފޫޓްއަށް ދިން އިންޓަވިއުއްގައި ހަޒާޑް ބުންޏެވެ.
މި މަހުގެ 10 ވަނަ ދުވަހު ފްރާންސްގައި ފަށާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބެލްޖިއަމް ގައުމީ ޓީމަށް އެ މުބާރާތް ކާމިޔާބު ކުރެވޭނެ ކަމަށް އޭނާ ގަބޫލުކުރެ އެވެ.
"ސެމީ ފައިނަލުގައި ފްރާންސްއާ ދެކޮޅަށް ނުކުންނަން އަހަރެން ބޭނުން. އަދި އަހަރެމެންނަށް ފްރާންސް އަތުން މޮޅުވެވިއްޖެ ނަމަ، ފައިނަލުން މޮޅުނުވެވެންވީ ސަބަބެއް ނެތް،" ހަޒާޑް ބުންޏެވެ.
ޔޫރޯގައި ބެލްޖިއަމް އޮތީ އިޓަލީ އާއި، ރިޕަބްލިކް އޮފް އަޔަލެންޑް އަދި ސްވިޑަން އާއެކު "ގްރޫޕް އީ"ގައެވެ. އެ ޓީމު ކުޅޭ ފުރަތަމަ މެޗުގައި މި މަހުގެ 13 ވަނަ ދުވަހު ނުކުންނަން ޖެހޭނީ އިޓަލީއާ ދެކޮޅަށެވެ.