ދިރޭތަކެތީގެ ކަޅު ބާޒާރާ ދެކޮޅަށް ގާނޫނާއި ގަވާއިދުތައް ހަދަން ޖެހޭ ކަމަށް މިނިސްޓަރު އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ތާރިގު އެފަދައިން ވިދާޅުވީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ގުޅިގެން ދެއްވި ހިތާބުގަ އެވެ. ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ "ޒީރޯ ޓޮލެރެންސް ފޯ ދަ އިލީގަލް ވައިލްޑްލައިފް ޓްރޭޑް" ނުވަތަ ދިރޭތަކެތީގެ ވަގު ވިޔަފާރިއަށް އެއްވެސް ޖާގައެއް ނުދިނުމެވެ.

މިނިސްޓަރު ތާރިގު ވިދާޅުވި ގޮތުގައި ދިރޭތަކެތީގެ ވަގު ވިޔަފާރިއަކީ ގާނޫނާ ހިލާފަށް މަސައްކަތް ކުރާ ބައިނަލްއަޤްވާމީ ބޮޑު ވިއުގައަކުން ކުރިއަށް ގެންދާ ވިޔަފާރި އެކެވެ. އަދި އޭގެ ސަބަބުން މާހައުލީ ނިޒާމަށް ގިނަގުނަ ގެއްލުންތައް ކުރުވާ ފަދައިން ރާއްޖޭގެ މުޖުތަމައާއި އިގުތިސާދަށް ވެސް ނޭދެވޭ އަސަރު ކުރުވާ ވިޔަފާރި އެކެވެ.

އެހެންކަމުން އެފަދަ ވިޔަފާރިތައް ހުއްޓުވުމަށް ޓަކައި ގާނޫނާއި ގަވާއިދުތައް ހަދައި، އެމައްސަލައާ ބެހޭ ގޮތުން މިހާރު ގެންގުޅޭ ސިޔާސަތު ވަރުގަދަކޮށް ތަންފީޒު ކުރަން ޖެހޭ ކަމަށް މިނިސްޓަރު ތާރިގު ވިދާޅުވި އެވެ. އަދި އެކަމަށް ހާއްސަކޮށް އިންސާނީ ވަސީލަތް އިތުރު ކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި އިންވެސްޓު ކުރުމުގެ މުހިއްމު ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން، މިނިސްޓަރު ތާރިގު ވަނީ ދިރޭތަކެތީގެ ވަގު ވިޔަފާރި ހުއްޓުވުމަށް ރާއްޖެއިން ކޮށްފައިވާ ބައެއް ކަންތައްތައް ވެސް ފާހަގަ ކުރައްވާފަ އެވެ. އޭގެ ތެރޭގައި، ވެލާ، ކަހަނބު ޙިމާޔަތްކުރުމުގެ އިޢުލާނަށް އަމަލު ކުރަން ފެށުމާއި، އައު ޤާނޫނުލް އުޤޫބާތުގައި ޖަނަވާރުންނަށް އަނިޔާވެރިވާ ފަރާތްތަކަށް އަދަބު ކަނޑައެޅުމާއި، "ކޮންވެންޝަން އޮން އިންޓަނޭޝަނަލް ޓްރޭޑް އިން އެންޑެންޖާޑް ސްޕީޝީސް އޮފް ވައިލްޑް ފައުނާ އެންޑް ފޮލޯރާ (ސައިޓީސް)"އާ އެއްގޮތަށް ކަންކަން ތަންފީޒު ކުރުން ހިމެނެ އެވެ.

އަދި މިހާރު ހަދާފައިވާ ގާނޫނާއި ގަވާއިދުތަކަށް މީހުން ހޭލުންތެރި ކުރުމުގެ މުހިއްމު ކަމަށް އަލި އަޅުވާލައި މިނިސްޓަރު ތާރިގު ވަނީ ދިރޭތަކެތީގެ ވަގު ވިޔަފާރި ނައްތާލުމަށްޓަކައި، އެކަމާ ދެކޮޅަށް މަސައްކަތް ކުރާ ހުރިހާ ފަރާތްތަކުގެ މެދުގައި ގުޅުންތައް ހަރުދަނާ ކުރުމަށް ގޮވާލައްވާފަ އެވެ.