05 Jun 2016, 15:04
ބެއިޖިން (ޖޫން 5): ދެކުނު ޗައިނާ ކަނޑުގެ މައްސަލާގައި އުފެދި ދާނެ މައްސަލަތަކަށް ޗައިނާ އިން ބިރު ނުގަންނަ ކަމަށް އެގައުމުގެ ކަނޑުގެ ސިފައިންގެ އެޑްމިރަލް، ސަން ޖިއަންގުއޯ ވިދާޅުވެއްޖެ އެވެ.
މިލްކުވެރިކަމާ ބެހޭ ގޮތުން ދެބަސްވުންތައް އުފެދިފައިވާ ދެކުނު ޗައިނާ ކަނޑުގައިވާ ރަށްތަކުގައި ޗައިނާއިން ހިންގާ މަޝްރޫއުތައް ހުއްޓާލުމަށް އެމެރިކާއިން ގޮވާލާފައިވާ ގޮވާލުމަށް ގޮންޖެހެމަށް ފަހު ޗައިނާއިން ވަނީ އެރަށްތަކަކީ އެގައުމަށް ނިސްބަތްވާ ރަށްތަށް ކަމަށް ބުނެފަ އެވެ.
"އަޅުގަނޑުމެއް މައްސަލައެއް ނުއުފައްދަން. އަދި މައްސަލައެއް އުފެދި ދާނެތީ ވެސް އަޅުގަނޑުމެން ބިރެއް ނުގަނޭ،" ސިންގަޕޫރުގައި އޮތް އޭޝިއާގެ ސެކިއުރިޓީ ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން ސަން ވިދާޅުވި އެވެ.
ނަމަވެސް، އެހެން ގައުމުތަކުން ޗައިނާގެ ސަލާމަތަށް ގެއްލުންވާ ގޮތަށް އަމަލު ކުރާ ނަމަ އަދި ދެކުނު ޗައިނާ ކަނޑުގައި މައްސަލަތައް އުފައްދާ ނަމަ ޗައިނާ އިން މަޑުން ނޯންނާނެ ކަމަށް ވެސް ސަން ވިދާޅުވި އެވެ.
ޗައިނާ އިން ދަނީ ސައުތު ޗައިނާ ކަނޑުގައި ބިން ހިއްކުމުގެ މަޝްރޫއުތައް ކުރިއަށް ގެންދަމުންނެވެ. އަދި ރައީސް ބަރަކް އޮބާމާގެ ވެރިކަމުގައި އެމެރިކާ އިން ވަނީ އެސަރަހައްދުގައި އަސްކަރީ ތަމްރީނުތަކާއި ޕެޓްރޯލް މިޝަންތައް އިތުރުކޮށްފަ އެވެ. އޭގެ ސަބަބުން ދެކުނު ޗައިނާ ކަނޑުގައިވާ ރަށްތަކުގެ މިލްކުވެރިކަމާ ބެހޭ ގޮތުން ދެގައުމުގެ މެދުގައި އުފެދިފައިވާ ދެބަސްވުންތައް ވަނީ ހޫނުވެފަ އެވެ. (ރޮއިޓާސް)