ދ. ކުޑަހުވަދޫގައި ހުންނަ ދ. އަތޮޅު ހޮސްޕިޓަލްގައި މަސައްކަތް ކުރާ ހޭނައްތާ ޑޮކްޓަރު މި މަހުގެ 23 ވަނަ ދުވަހު ފުރާތީ ރަށުގައި ތިބި ގިނަ އަދަދެއްގެ މާބަނޑު އަންހެނުންނާއި އެމީހުންގެ އާއިލާތައް ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައި ތިބި ކަމަށް އެ ރަށުން މިއަދު ބުނެފި އެވެ.

ސިޒޭރިއަން ހަދަން ޖެހިއްޖެ ނަމަ އެ ޑޮކްޓަރުގެ އެހީއަކާ ނުލައި އެކަން ނުކުރެވޭ ޑޮކްޓަރެއް ކަމަށްވާ ހޭނައްތާ ޑޮކްޓަރު ޗުއްޓީގައި ހުންނަ މުއްދަތުގެ ތެރޭގައި ވިހާނެ ކަމަށް ޑޮކްޓަރުން ތާރީހު ދީފައިވާ ނުވަ އަންހެނުން އެބަ ތިބި ކަމަށް ދ. އަތޮޅު ހޮސްޕިޓަލް ހިންގުމާ ހަވާލުވެ ހުންނެވި އަހުމަދު ނާސިރު ރޭ ވިދާޅުވި އެވެ.

"ނުވަ މީހުން އެބަތިބި ހޭނައްތާ ޑޮކްޓަރު ޗުއްޓީގައި ހުންނަވާ މުއްދަތުގައި ވިހާނެ. އެހެންވެ އެމީހުންގެ އާއިލާތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން،" ނާސިރު ވިދާޅުވި އެވެ.

ކުޑަހުވަދޫގައި މިހާރު ވެސް މާބަނޑު 40 އަންހެނުން ތިބި އިރު އޭގެ ތެރެއިން ނުވަ މީހުން މި މަހުގެ ފަހުކޮޅާއި އަންނަ މަހުގެ ކުރީކޮޅު ވިހާނެ ކަމަށް ޑޮކްޓަރުން ތާރީހު ދީފައި ވާތީ ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގައި ތިބި ކަމަށް އެތަނުން އެކެއްގެ ފިރިމީހާ އަހުމަދު ފައިސަލް ބުންޏެވެ.

"އެންމެންނަކީ މާލެގޮސް ތަންތަން ކުއްޔަށް ހިފައިގެން ތިބެވޭނެ މީހުންނެއް ނޫން. ސިޒޭރިއަން ހަދަން ނުޖެހޭނެ ކަމުގެ ޔަގީންކަމެއް އެކަކަށް ވެސް ނޯންނާނެ. ދެން މި ރަށުގައި ހޭނައްތާ ޑޮކްޓަރަކު ނެތީމާ ދެން ކިހިނެއް ވާނީ؟،" އަހުމަދު ފައިސަލް ބުންޏެވެ.

ފައިސަލް ބުނީ ހޮސްޕިޓަލްގައި ހޭނައްތާ ޑޮކްޓަރަކު ނެތް ދުވަސްތަކަކާ ކުޑަހުވަދޫ ރައްޔިތުން ކުރިމަތިލުމަށް ތައްޔާރުވަމުން ދާއިރު ކުއްލި ހާލަތުގައި ބަލި މީހުން ގޮވައިގެން ދަތުރުކުރުމަށް ހޮސްޕިޓަލްގައި އޮންނަ ލޯންޗް ވެސް ތިލަފުށީގައި އޮންނަތާ ތިން މަސް ވެފައިވާ ކަމަށެވެ.

"ހޮސްޕިޓަލް ލޯންޗް ހަލާކުވެގެން ތިލަފުށީގައި އޮންނަތާ ތިން މަސް ދުވަސް. ދެން އޮތީ ގައުމީ އިދާރާގެ ލޯންޗް، އެ ލޯންޗް ހަލާކުވެފައި އޮންނަތާ މިހާރު އަހަރެއް ވަރު ވެދާނެ،" ފައިސަލް ބުންޏެވެ.

ހޮސްޕިޓަލްގެ ލޯންޗް ހަލާކުވެފައި އޮތްކަމަށް ހޮސްޕިޓަލުން ވެސް އެއްބަސްވެ އެވެ.

ހޭނައްތާ ޑޮކްޓަރެއް އަވަހަށް ފޮނުވައިދެއްވާތޯ ހެލްތު މިނިސްޓްރީގައި ދަންނަވާފައިވާނެ ކަމަށާއި އެކަން ވީހާ އަވަހަކަށް ހަމަޖެއްސުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓްރީން ބުނެފައިވާ ކަމަށް ދ. އަތޮޅު ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި އަހުމަދު ނާސިރު ވިދާޅުވި އެވެ.

"މިނިސްޓްރީން ބުނީ ދެގޮތަކަށް މަސައްކަތް ކުރަމުންދާ ކަމަށް، އެއްގޮތަކީ އަތޮޅުތަކުގައި ސާޖަންއެއް ނެތި ހޭނައްތާ ޑޮކްޓަރަކު ހުރި ރަށެއް އޮތްތޯ ބަލައި އެއިން ރަށަކުން ޑޮކްޓަރު ގެނައުން. އަނެއް ގޮތަކީ މާލެއިން ހޭނައްތާ ޑޮކްޓަރެއް ފޮނުވުން." ނާސިރު ވިދާޅުވި އެވެ.