01 May 2010, 15:23
14:30
ޗައިނާގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންތަކަކަށް ވިދިވިދިގެން ތިން ދުވަހު ދިން ވަޅީގެ ހަމަލާތަކާ ގުޅިގެން އެގައުމުގެ ސްކޫލްތައް ފުލުހުން ޕެޓްރޯލް ކުރަން ފަށައިފި އެވެ.
މިކަމާ ގުޅިގެން ޗައިނާގެ ޑެޕިއުޓީ އެޑިއުކޭޝަން މިނިސްޓަރ ހާއޯ ޕިންގް ވިދާޅުވީ ވިދިވިދިގެން ތިންދުވަހު ސްކޫލްކުދިންނަށް ދިން ހަމަލާތަކާ ގުޅިގެން ސްކޫލްތަކުގެ ސެކިއުރިޓީ ނިޒާމް ވަރުގަދަކުރަމުންދާ ކަމަށް. ނަމަވެސް އެގައުމުގެ ސްކޫލްތަކުގައި 270 މިލިއަން ކުދިން ކިޔަވަމުންދާއިރު އެންމެ ފުރިހަމަ ސެކިއުރިޓީ ނިޒާމެއް ގާއިމުކުރުމަކީ އުނދަގޫ ކަމެއް ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.
ހާއޯ ޕިންގް އިތުރަށް ވިދާޅުވީ އެގައުމުގެ ތައުލީމީ ނިޒާމުގައި ހުރި މިފަދަ މައްސަލަތައް ބަލައި ތަހުގީގުކުރުމަށް 22 މެމްބަރުންގެ ޓީމެއް އެކުލަވާލާފައިވާ ކަމަށެވެ.
ޗައިނާގެ ސްކޫލްތައް ފުލުހުން ޕެޓްރޯލް ކުރަން މިފެށީ އިއްޔެގެ ވަގުތެއްގައި އެގައުމުގެ ދަނޑުވެރިޔަކު ވެއިފަންގް ސިޓީގެ ސްކޫލެއްގެ ތެރެއަށް ވަދެގަނެ އެސްކޫލްގެ ކުދިންތަކަކަށާއި ޓީޗަރަކަށް މަރުތޭލަކުން ހަމަލާދިނުމަށްފަހު އަމިއްލަ ހަށިގަނޑު ރޯކޮށްލުމާ ގުޅިގެންނެވެ. މިއީ ޗައިނާގެ ސްކޫލެއްގައި ތިންދުވަސް ތެރޭ ދިން މިފަދަ ތިންވަނަ ހަމަލާއަށް ވާއިރު ފާއިތުވި އެއްމަސް ދުވަސް ތެރޭ ދިން މިފަދަ ފަސްވަނަ ހަމަލާ އެވެ.