05 Jun 2016, 14:57
ރޯދަ ފެށެން ހަފްތާއަކަށްވުމުން ހުޅުމާލެއަށް ދިޔަ ގިނަ ބަޔަކަށް ތަފާތުކަމެއް ފާހަގަވާނެ އެވެ. އެއީ އެ ރަށުގެ އެކި ސަރަހައްދުތަކުގައި ދިގު މޭޒްތައް ބަހައްޓައި ގިނަ އަދަދެއްގެ ކާބޯތަކެތި އަތުރާފައި ހުންނަ ކަމާއި އަދި އެތަކެތި ކެއުމަށް ގިނަ އަދަދެއްގެ ބަޔަކު ހަރަކާތްތެރިވާތަނެވެ. މިއީ ކިހިނެއްވާކަމެއްކަން އެނގޭ ހެއްޔެވެ.
ހުޅުމާލޭގައި ދިރިއުޅޭ ގިނަ ބަޔަކު ކަންކުރާ ގޮތުގައި އެ ސަރަހައްދެއްގައި އުޅޭ އެންމެން އެކީގައި މާހެފުމެއް ރާވަނީ އެވެ. އެގޮތުން ވަކިދުވަހަކާއި ވަކި ވަގުތެއް ކަނޑައެޅުމަކަށް ފަހު އެ ސަރަހައްދެއްގެ ހުރިހާ ގެއަކުން ކާބޯތަކެތި ގެނެސް އެސަރަހައްދުގައި ދިރިއުޅޭ އެންމެން އެކީގައި ކަނީ އެވެ.
މި ރޯދައަށް ވެގެން ހުޅުމާލޭގައި ބޭއްވި މާހެފުމެއްގެ ތެރެއިން--- ސަން ފޮޓޯ
"ބައެއް ފަހަރު ވަކި ވަކި ތަކެތި ގޭގެއަށް ހަވާލުކުރަނީ، އަނެއްބައި ފަހަރު ހަމަ އެގެއަކަށް ފެންނަ އެއްޗެއް ގެންނަ ގޮތަށް އޮންނަނީ." އެފަދަ މާހެފުން އިންތިޒާމްކުރަން އުޅޭ އައިމިނަތު ރައިޝާން ބުންޏެވެ.
އެގޮތަށް ގެންނަތަކެތި އެއްމޭޒެއްގައި އެތުރުމަށް ފަހު އެސަރަހައްދެއްގައި އުޅޭ ކުދިބޮޑު އެންމެންނޭ ބުނެވޭ ގޮތަށް ކެއުމުގައި ބައިވެރިވެ އެވެ. އަދި އެގަޑިތަކުގައި އެހެން ދާ ފަރާތްތަކަށް ގޮވައި ދައުވަތުދީ ކާންދެ އެވެ.
"މިސަރަހައްދުގައި ދިރިއުޅޭ މީހުންގެ އާއިލާތަކުގެ މީހުން ވެސް އާދޭ، ވަރަށް އުފާވާ ވަގުތެއް އެއީ." އެމާހެފުމުގައި ހަރަކާތްތެރިވާ ފަރާތަކުން ބުންޏެވެ.

މި ރޯދައަށް ވެގެން ހުޅުމާލޭގައި ބޭއްވި މާހެފުމެއްގެ ތެރެއިން--- ސަން ފޮޓޯ
ހުޅުމާލޭ އެކި ސަރަހައްދުތަކުގައި އެފަދަ މާހެފުންތައް އޮވެ އެވެ. ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ އިތުރުން އަމިއްލަ ގޭތަކުގައި ދިރިއުޅޭ ފަރާތްތަކުން ވެސް އަވައްޓެރިންނާ އެކު އެގޮތަށް މާހެފުންބާއްވަ އެވެ.
ސިޔާސީވެ ބައިބައިވެފައިވާ ދިވެހި ރާއްޖޭގެ ވެރިކަން ކުރާ މާލޭގެ ހަ ވަނަ އަވަށުން މިދައްކަނީ ރީތި އާދައެކެވެ. މިއީ ކާބަފައިން ދެއްކި ނަމޫނާއެވެ. އާދެ ހުޅުމާލޭ މާހެފުންތަކަކީ ހަމަ ނަމޫނާއެކެވެ.