05 Jun 2016, 12:12
މިއީ ގިނަ ބަޔަކު ގެންގުޅޭ ތިއަރީއެކެވެ. ފޭސްބުކް އިން، މީހުން ދައްކާ ވާހަކަތައް ހިމެނޭ ކޮންވަޒޭޝަންތައް ފޭސްބުކްއިން ކިޔުމުގެ ހީ އެވެ. މިކަން ހަގީގަތުގައި ވެސް ފޭސްބުކްއިން ކުރޭ ބާވަ އެވެ؟ އެހެން ކަމުގައިވާ ނަމަ އެއީ ޒާތީ ކަންކަމަށް، ނުވަތަ ޕާސަނަލް އިންފޮމޭޝަނަށް އަރައިގަތުން ނޫންތޯ އެވެ؟
މި ވާހަކަ ދެކެވޭތާ ގިނަ ދުވަސްތަކެއް ވެފައިވާ އިރު، މިކަން ކުރެވޭ ގޮތާ މެދު ވެސް ބަޔަކު ވާހަކަ ދެއްކި އެވެ. ބުނެވޭ ގޮތުގައި ފޭސްބުކްއިން "ޖާސޫސު" ކުރަނީ ފޯނުގެ މައިކްރޮފޯނު ބޭނުންކޮށްގެންނެވެ.
ފޭސްބުކް އިން އެންމެ ފަހުން މިވަނީ މިކަމަށް އިޖާބައެއް ދީފަ އެވެ. އެކުންފުނިން ބުނާ ގޮތުގައި، ފޭސްބުކް ޔޫޒަރުންގެ ޕްރައިވަސީއަކީ އެ ކުންފުންޏަށް އެންމެ މުހިންމު ކަންތަކެވެ. ކަން އެހެން ހުރި އިރު، ފޭސްބުކް އިން ޔޫޒަރުންނަށް ސްޕައި ކުރާނެ ސަބަބަކާ މެދު ފޭސްބުކްއިން ވެސް ސުވާލު އުފައްދަ އެވެ.
"ފޯނުގެ މައިކްރޮފޯނުގެ ބޭނުމެއް ފޭސްބުކްއިން ނުކުރާނެ،" ފޭސްބުކްއިން ބުނެ އެވެ.
ފޭސްބުކް އިން ޔޫޒަރުންނަށް ސްޕައި ކުރާ ކަމުގެ ހީއެއް އެމީހުން ކުރަނީ، ފޭސްބުކްގެ ނިއުސް ފީޑުން ފެންނަ ބައެއް ތަކެތީގެ ސަބަބުންނެވެ. އިސްތިހާރުތަކެވެ. ޔޫޒަރުން ބުނާ ގޮތުގައި، އެމީހުން ގަޔާވާ ފަދަ އިޝްތިހާރުތައް ނިއުސް ފީޑުން އަބަދު ފެންނާތީ، ސްޕައި ކުރާހެން ހީވަނީ އެވެ.
"ފޭސްބުކް އިން އިޝްތިހާރުތައް ދައްކަނީ، ޔޫޒަރުންގެ ޝައުގު ހުންނަ ތަކެއްޗަށް. މި މައުލޫމާތު ނަގަނީ ޔޫޒަރުން ޕްރޮފައިލްގައި އާންމުކުރާ މައުލޫމާތަށް ބަލާފައި،" ފޭސްބުކް އިން ބުނެ އެވެ.
އަދި، ފޭސްބުކް ޔޫޒަރުގެ ފޯނުގެ މައިކްރޮފޯނު ފޭސްބުކް އިން ބޭނުންކުރަނީ އެކަމަށް ހުއްދަ ދިނީމާ އެކަނި ކަމަށް ފޭސްބުކްއިން ބުނެ އެވެ.
މިސާލަކަށް، ރޭޑިއޯ އަޑުއެހުން، ވީޑިއޯއެއް ރިކޯޑު ކުރުން ނުވަތަ ސްޓޭޓަސްއެއް ލިޔެލާ އިރު އެއާ އެކު އޯޑިއޯއެއް ހިމެނުން ފަދަ ކަންކަން ކުރާ އިރު އެވެ.