05 Jun 2016, 11:27
މޯލްޑިވްސް ހައްޖު ކޯޕަރޭޝަންގެ ހިދުމަތްތަކަށް ފައިސާ ދެއްކުކުމުގެ ހުރިހާ ހިދުމަތެއް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) މެދުވެރިކޮށް ދެވޭނެ އިންތިޒާމް ހަމަޖައްސައިފި އެވެ.
ޗަމްޕާ ސެންޓްރަލް ހޮޓެލްގައި މިއަދު ބޭއްވި ހަފްލާއެއްގައި އެ ހިދުމަތް އިފްތިތާހުކޮށްދެއްވީ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދެވެ.
އެ ހިދުމަތާ އެކު އިސްލާމިކް ބޭންކުގެ ބުރާންޗުތައް ހުންނަ ރަށްތަށް ކަމަށްވާ ގދ. ތިނަދޫއާއި އައްޑޫ ސިޓީގެ އިތުރުން ހުޅުމާލޭ ބުރާންޗުން ހައްޖު ކޯޕަރޭޝަންއިންދޭ ހިދުމަތްތައް ކަމަށްވާ ހައްޖާއި އުމުރާގެ އިތުރުން އަގީގާ ގެ ހިދުމަތައް ފައިސާ ދެއްކޭނެ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސް ވިދާޅުވިއެވެ.
އެހިދުމަތް މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން ދިނުމަށް ވަނީ ނިންމާފައެވެ.
އެހިދުމަތް އިފްތިތާހް ކޮށްދެއްވުމަށްފަހު ވާހަކަ ދައްކަވަމުން މިނިސްޓަރު ޖިހާދު ވިދާޅުވީ ހައްޖުގެ ހިދުމަތް ބޭނުންވާ ފަރާތްތަކަށް ލުއިފަސޭހަގޮތްތައް ހޯދައިދިނުމަށް ހައްޖު ކޯޕަރޭޝަންއިން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން ހައްޖަށް ދިއުމަށް ބަހާލައިގެން ފައިސާ ދެއްކޭނެ ނިޒާމާއި މުސާރައިން ކެނޑޭގޮތަށް ފައިސާ ދެއްކޭނެ އިންތިޒާމް ހަމަޖައްސާފައިވާތީ އެކަން ފާހަގަ ކުރެއްވިއެވެ.

މީގެކުރިން ހައްޖަށް ދިއުމުގެ ކަންކަން ކުރުމަކީ ބުރައަކަށްވިނަމަވެސް ހައްޖު ކޯޕަރޭޝަންއާއެކު އެކަންކަން ފަސޭހަ ވެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެހަފްލާގައި ވާހަކަ ދައްކަވަމުން ހައްޖު ކޯޕަރޭޝަންގެ ޗެއާމަން މުހައްމަދު ރަޝިދު އިބްރާހިމް ވިދާޅުވީ އެހިދުމަތާއެކު އަތޮޅުތެރޭ ދިރިއުޅުއްވާ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދާނެ ކަމަށާއި ހަމައެއާއެކު ކުރިއަށްއޮތްތަނުގައި އަތޮޅުތެރެއަށް އެކޯޕަރޭޝަންގެ ހިދުމަތްތައް ފުޅާކުރަން ނިންމާފައިވާ ކަމަށެވެ.