05 Jun 2016, 11:11
މުމްބާއީ (ޖޫން 5): އިންޑިއާގެ މުމްބާއީއާ ޕޫނޭއާ ގުޅުވައިދޭ އެކްސްޕްރެސްވޭ މަތީ މިއަދު ބަހަކާއި ދެކާރު އެކްސިޑެންޓުވުމުގެ ސަބަބުން 17 މީހަކު މަރުވެ، 33 މީހަކަށް އަނިޔާވެއްޖެ އެވެ.
އެކްސިޑެންޓު ހިނގީ ޓަޔަރު ބަދަލު ކުރަން އެއް ކާރު މަޑުކޮށްގެން އޮއްވާ ދެވަނަ ކާރެއް ވެސް އެތަނަށް މަޑު ކުރި ފަހުން، ބަހެއް އައިސް ދެކާރުގައި ޖެހި، ފުރޮޅާލުމުން ކަމަށް ރިޕޯޓުތަކުގައިވެ އެވެ. ފުރޮޅާލި ބަސް ވަނީ 20 ފޫޓު ފުން ވަޅުގަނޑެއްގެ ތެރެއަށް ވެއްޓިފަ އެވެ.
ފުލުހުން ބުނި ގޮތުގައި ކާރުގައި ބަސް ޖެހުނީ ބަސް ކޮންޓުރޯލު ނުކުރުވެމުގެ ސަބަބުންނެވެ.
މަރުވި މީހުންގެ ތެރޭގައި 13 ފިރިހެނުންނާއި ހަތަރު އަންހެނުން ހިމެނޭ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފައިވެ އެވެ. އަދި އެހާދިސާގައި 33 މީހަކަށް އަނިޔާވި ކަމަށާއި އެމީހުންނަށް މިހާރު ފަރުވާ ދެމުންދާ ކަމަށް ރިޕޯޓުތަކުގައިވެ އެވެ. (އިންޑިއަންއެކްސްޕްރެސް)