05 Jun 2016, 10:37
ރައިސުލްޖުމްހޫރިއްޔާ އަބްދުލް ޔާމީން އަބްދުލް ގައްޔޫމް ދަތުރުފުޅު ކުރެއްވި ރިޔާސީ ލޯންޗުކޮޅު ފިނިފެންމާގައި އެއްޗެއް ގޮވި މައްސަލައިގެ އަޑުއެހުން ވެސް ގައުމީ ސަލަމާތަށް ޓަކައި ކަމަށް ބުނެ، ސިއްރުކޮށްފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުނެފި އެވެ.
ކްރިމިނަލް ކޯޓުގެ އިންފޮމޭޝަން އޮފިސަރު އަހުމަދު މުހައްމަދު މަނިކު ސަންއަށް ވިދާޅުވީ މިއަދު 01:00ގައި ބާއްވާ އެއަޑު އެހުން ސިއްރު ކުރީ ގައުމީ ސަލާމަތަށް ޓަކައި ކަމަށެވެ. ނަމަވެސް، ނޫސްވެރިންނާއި އާއްމު ރައްޔިތުން އެއަޑުއެހުމަށް ވަނުމުން ގައުމީ ސަލާމަތަށް ނުރައްކާ ވަނީ ކޮން ގޮތަކުން ކަމެއް ކުރިމިނަލް ކޯޓުން ނުބުނެ އެވެ.
މިއަދުގެ އަޑު އެހުމުގައި އޮންނާނީ ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެއްކެއްގެ ހެކި ބަސް ނެގުމެވެ. އޭނާ ހެއްކެއްގެ ގޮތުގައި ހުށަހަޅާފައި ވަނީ ލޯންޗުކޮޅު ގޮއްވާލުމުގެ އަޑީގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު ކަން ސާބިތުކޮށް ދިނުމަށް ކަމަށް ދައުލަތުން ވަނީ ބުނެފަ އެވެ. އަދީބުގެ އިތުރުން އެ މައްސަލައިގަ ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ އެމަނިކުފާނުގެ ކުރީގެ ދެބޮޑީގާޑުން ކަމުގައިވާ މއ. ސިގުމާ، ހަސަން ރިކާޒު އާއި ލ. ދަނބިދޫ އަފުޒާ، އަހުމަދު އާމިރުގެ މައްޗަށެވެ.
އެންމެ ފަހުން ބޭއްވި އަޑު އެހުމުގައި ހެކި ބަސް ނެގިއިރު މިއަދު ހެކި ބަސް ނަގަން ހަމަޖެހިފައިވާ މީހާގެ ހެކި ބަސް ނުނެނގުނީ އޭނާ ރާއްޖެ އިން ބޭރުގައި ހުރުމުންނެވެ. ފިނިފެންމާ ލޯންޗުކޮޅުގައި އެއްޗެއް ގޮވާފައި ވަނީ ސައުދީ އަރަބިއާ އަށް ކުރެއްވި ދަތުރުފުޅު ނިއްމައްވާލެއްވުމަށް ފަހު ރައީސް ޔާމީން މާލެ ވަޑައިގަންނަވަން އިއްޒުއްދީން ފާލަމަށް ކައިރި ކުރައްވަން އުޅުމުގެ ތެރޭގަ އެވެ.
ނޫސްވެރިންނާއި އާއްމުން ވެސް ވައްދައިގެން އެންމެ ފަހުން ބޭއްވި އަޑުއެހުމަށް ސިއްރުން ހެކި ބަސް ދިން ސިފައިންގެ މީހަކު ބުނެފައި ވަނީ އަދީބުގެ އެދިވަޑައިގަތުމަށް އޭނާ އައިއީޑީއެއް ތައްޔާރުކޮށް އެމަނިކުފާނާ ހަވާލުކޮށްފައިވާނެ ކަމަށެވެ. އެއައިއީޑީ ތައްޔާރު ކުރީ ރެހެންދި ފްލެޓުގައި ހުންނަ އަދީބުގެ އެޕާޓުމެންޓުގައި އެކި ފިޔަވަހިތަކަށް ބަހާލައިގެން ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އެއައިއީޑީ ތައްޔާރު ކުރަނީ ގަލްފް ކްރާފްޓް ލޯންޗެއް ގޮއްވާލަން ކަމަށް އަދީބު ވިދާޅުވި ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ލޯންޗުކޮޅު ހާދިސާއަށް ފަހު ފޯނުން ގުޅުއްވައި އޭގައި ގޮވީ އޭނާ ތައްޔާރުކޮށްދިން އައިއީޑީ ކަމަށް އަދީބު ވިދާޅުވެފައިވާ ކަމަށް ވެސް ސިއްރުން ހެކި ބަސް ދިން އެސިފައިންގެ މީހާ ވަނީ ބުނެފަ އެވެ.
ލޯންޗުކޮޅު ހާދިސާއަށް ފަހު އޭނާ އަށް ގުޅުއްވައި ސައިލެންޓުކޮށް ހުރުމަށާއި ފުލުހުން ތިމަން މަނިކުފާނޭ ކިޔައިގެން ސުވާލު ކުރިޔަސް ދެމީހުންގެ ދެމެދުގައި އުފެދިފައިވާ ރައްޓެހިކަމަކީ ހަވާއެރުވުމުގެ ކަންތަކާ ގުޅިގެން އުފެދިފައިވާ ރަހުމަތްރެރިކަމެއް ކަމަށް ފުލުހުން ގާތު ބުނުމަށް އަދީބު އެދިފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.
ސިފައިންގެ އެމީހާއަށް އިޝާރާތްކޮށް އޭނާއަކީ ވަރަށް ރަނގަޅު މީހެއް ކަމަށާއި އެއީ ފިނިފެންމާ ކަންތަކާ ގުޅުމެއް އޮތް މީހެއް ނޫން ކަމަށް ފޯނުން ގުޅުއްވައި އަދީބު ވިދާޅުވި ކަމަށް ދެފުލުހަކު ވަނީ ސިއްރުން ހެކިބަސް ދީފަ އެވެ.
މިއަދުގެ އަޑުއެހުން ސިއްރުކޮށްފައިވާ އިރު ދައުލަތުގެ ފަސް މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި ކަމަށް ބުނި އަދީބު އާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު އާއި މ. ޝުރާ މަންޒިލް، ހާމިދު އިސްމާއީލްގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާގެ ހުލާސާ ބަޔާން ހުށަހެޅުމުގެ އަޑުއެހުން ވެސް އިއްޔެ ބާއްވާފައި ވަނީ ސިއްރުކޮށްގެންނެވެ.
ހަމަ އެހެންމެ، މިދިޔަ އަހަރުގެ މޭ މަހުގެ އެއް ވަނަ ދުވަހު އަދީބު ދެފިސްތޯލަ އާއި ގޮވާ ތަކެތި ގެންގުޅުއްވި ކަމަށް ބުނެ އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގެ ހުލާސާ ބަޔާން ހުށަހެޅުމަށް ޓަކައި އިއްޔެ ބޭއްވި އަޑުއެހުންވެސް ގައުމީ ސަލާމަތަށް ޓަކައި ކަމަށް ބުނެ ބާއްވާފައި ވަނީ ސިއްރުންނެވެ.