05 Jun 2016, 10:27
އިސްލާމް އާބާދު (ޖޫން 5): ޕާކިސްތާނުގެ އަސްކަރީ ބަޖެޓް އިތުރުކުރުމަށް ނިންމިކަން އެގައުމުން ހާމަކޮށްފި އެވެ.
ޕާކިސްތާނުގެ މާލީ ވަޒީރު އިސްހާގް ދާރު ވިދާޅުވީ 2017 ވަނަ އަހަރުގެ އަސްކަރީ ބަޖެޓް 8.1 ބިލިޔަން ޑޮލަރުން 8.6 ބިލިޔަން ޑޮލަރަށް އިތުރުކުރުމަށް ނިންމާފައިވާ ކަމަށާ މިއީ ގާތްގަނޑަކަށް 11 އިންސައްތައިގެ ކުރިއެރުމެއް (ގާތްގަނޑަކަށް 500 މިލިޔަން ޑޮލަރުގެ ކުރިއެރުމެއް) ކަމުގަ އެވެ. އަސްކަރީ ބަޖެޓް އިތުރުކުރުމަށް ނިންމީ ޕާކިސްތާނަށް ކުރިމަތިވެފައިވާ ސަލާމަތީ ގޮންޖެހުންތަކާ ގުޅިގެންކަމަށް ވެސް އިސްހާގް ދާރު ވިދާޅުވި އެވެ. ޕާކިސްތާނުގެ އަސްކަރީ މަސްއޫލުވެރިއަކާ ހަވާލާދީ އޭއެފްޕީ ބުނާ ގޮތުން އިތުރުކުރާ އަސްކަރީ ބަޖެޓް އަމާޒުކުރުމަށް ހަމަޖެހިފައި ވަނީ ހަތިޔާރު އުފެއްދުމަށާއި ހަތިޔާރުގެ ޓެކްނޮލޮޖީ ތަރައްގީ ކުރުމުގެ ރީސާޗް ތަކަށެވެ.

ޕާކިސްތާނުގައި އުފައްދާ ފައިޓާ ޖެޓެއް
ޕާކިސްތާނުގެ އަމާޒަކީ އެގައުމަށް ބޭނުންވާ ހަތިޔާރުގެ 80 ޕަސެންޓް އަމިއްލަ އަށް އުފެއްދުން ކަމަށް ވެސް ނަންހާމަކުރަން ނޭދޭ ޕާކިސްތާނުގެ މަސްއޫލުވެރިޔާ ވިދާޅުވި އެވެ. ޕާކިސްތާނުގެ ސިފައިން ބޭނުންކުރާ ހަތިޔާރުތަކުގެ ތެރޭގައި އެގައުމުން އަމިއްލައަށް އުފައްދާ ހަތިޔާރުތައް މިހާރު ވެސް ވަރަށް ގިނަ އެވެ. މީގެ ތެރޭގައި ފައިޓާ ޖެޓާއި ހެލިކޮޕްޓަރާއި ޓޭންކާއި ރޮކެޓާއި ރާޑަރުތައް ވެސް ހިމެނެ އެވެ. ދުނިޔޭގައި އެންމެ ހަލުއިކަމާ އެކު މިސައިލް ޓެކްނޮލޮޖީ ތަރައްގީ ކުރާ ގައުމުތަކުގެ ތެރޭގައި ޕާކިސްތާނު ހިމެނެ އެވެ. ޕާކިސްތާނުގެ އިތުރުން މިލިސްޓުގެ ކުރީގައި އުޅެނީ އިންޑިއާ އާއި އީރާނާއި އުތުރުކޮރެޔާ އެވެ. (އޭއެފްޕީ)