05 Jun 2016, 09:55
އެއްވެސް އާލާތެއް ބޭނުންނުކޮށް، މުޅި ހަށިިގަނޑަށް ފައިދާވާ ގޮތަށް ކުރެވޭނެ އެންމެ ރަނގަޅު ކަސްރަތަކަށް ވާނީ ސްކުއަޓްސް ހެދުމެވެ. ދުވަހުގެ ކޮންމެ ވަގުތެއްގައި ވެސް ކުރަން ރަނގަޅު ސްކޮއަޓްސް އަކީ މުޅި ހަށިގަނޑުން އޭގެ ނަތީޖާ ފެނިގެންދާ ފަދަ ކަސްރަތެކެވެ. ސްކުއަޓްސް ހެދުމުން ލިބޭ ފައިދާތަކުގެ ތެރޭގައި:
ހަށިގަނޑުގެ މަސްތައް ބިލްޑުކޮށްދޭ
ސްކުއަޓްސް ހެދުމުން ހަށިގަނޑުގެ މަސްތައް، ހާއްސަކޮށް ފައިގެ މަސްތައް ބިލްޑް ކޮށްދިނުމުގެ އިތުރުން، މީހާގެ ހެދި ބޮޑުވުން ކޮންޓްރޯލް ކުރާ ހޯމޯންތައް ހަށިގަނޑު ތެރެއަށް ރިލީޒް ކުރުމަށް މަގުފަހި ކުރެ އެވެ. އޭގެ ސަބަބުން މީހާގެ މަސްތައް ވަރުގަދަވެ އެވެ.
އާއްމު ދިރިއުޅުމުގެ ކަންތައްތައް ފަސޭހަކޮށްދޭ
ކޮންމެ ބާވަތެއްގެ ކަސްރަތު ކުރުމަކީ ވެސް އާއްމު ދިރިއުޅުމުގެ ކަންތައްތައް ކުރުމަށް ފަސޭހަ ކޮށްދޭ ކަމެކެވެ. ސްކުއަޓްސް ހެދުމަކީ އޭގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ކަސްރަތެވެ. އޭގެ ސަބަބުން ހަށިގަނޑުގެ މަސްތައް ވަރުގަދަވުމުން، މީހާ ހެލިފެލިވެ އުޅުމަށް ފަސޭހަކޮށްދެ އެވެ.
ހަށިގަނޑުގައިވާ ސަރުބީތައް ވިރުވައިދޭ
މަސުލް ބިލްޑު ކުރުމަކީ ހަށިގަނޑުން ކެލޮރީސްތައް ބޭނުން ކުރާ މިންވަރު އިތުރުވާ ކަމެއް ކަމުން، ސަރުބީ ވިރުވަން އެންމެ ރަނގަޅު ގޮތަކީ ހަށިގަނޑުގެ މަސްތައް ބިލްޑު ކުރުމެވެ. އެހެންކަމުން، ސްކުއަޓްސް ހެދުމަކީ ސަރުބީ ވިރުވަން ވެސް ފަސޭހަ ގޮތެކެވެ.
ހަށިގަނޑުން ނަޖިސް ނައްތާލުމަށް ފަސޭހަކޮށްދޭ
ސްކުއަޓްސް ހެދުމަކީ ހަށިގަނޑުގެ ތެރޭގައި ލޭ ދައުުރު ކުރުމާއި، ގޮހޮރުގެ މަސައްކަތް ފަސޭހަކޮށްދޭ ކަސްރަތެކެވެ. އެހެންކަމުން ސްކުއެޓްސް ހެދުމަކީ ހަށިގަނޑުގެ ބޭރުފުށުގެ އިތުރުން އެތެރެހަށްޓަށް ވެސް ރަނގަޅު ކަސްރަތެކެވެ.
އާއްމުކޮށް ސްކުއަޓްސް ހެދުމަކީ ހަށިގަނޑަށް ގިނަގުނަ ފައިދާތައް ލިބޭނެ ކަމެކެވެ. ނަމަވެސް، ސްކުއެޓްސް ހަދާ ގޮތަކުން ބައެއް ފަހަރު ކަކުލަށް ނުވަތަ ހަށިގަނޑުގެ އެހެން ތަނަކަށް ގެއްލުން ވުމަކީ އެކަށީގެންވާ ކަމެއް ކަމުން، ސްކުއެޓްސް ހަދަން ދަސްކުރުން އެންމެ ރަނގަޅީ ކަސްރަތު ކުރަން ދަސްކޮށްދޭ ފަރާތެއްގެ އެހީއާ އެއްކޮށެވެ. އަދި އޭގެ ފަހުން ގަވައިދުން ކަސްރަތު ކުރަމުން ދިޔުމުން އޭގެ ރަނގަޅު ނަތީޖާ ހަށިގަނޑުން ފެނިގެންދާނެ އެވެ.
މައުލޫމާތު: އޯގޭނިކްމެނުއަލް