ޤުދްސު : ފަލަސްތީނު ރައްޔިތުންގެ ބޮޑު މުސީބާތުގެ ދުވަސް (ނަކްބާ) ފާހަގަކުރުމުގެ ގޮތުން މުޒާހަރާކުރި އެތައް ބަޔަކާ ދެކޮޅަށް އިޒުރޭލުން ބާރުގެ ބޭނުންކޮށް ގިނަ ޢަދަދެއްގެ ބަޔަކު މާރާލައި އެތައް ބަޔަކު ޒަޚަމް ކޮށްލައިފި އެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ބޮޑު މުސީބާތުގެ ދުވަހަކީ ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ބިމާއި ގެދޮރާއި ވަޒަނާއި ޙައްޤުތައް ގެއްލި އިސްރާއއީލުގެ އަނިޔާވެރިކަމާއި އިސްތިޢްމާރުގެ ދަށުގައި އަޅުވެތިވެގެން ދިޔުމުގެ ހިތާމައާއި މުސީބާތުގެ ދުވަހެވެ.

މިދުވަހަށްފަހު ފަލަސްތީނުގެ ބިމުގައިވަނީ ޔޫރަޕުން ހިޖްރަކުރި ދޮން ނަސްލުގެ ޔަހޫދީން ޒަޔަނިސްޓް ޖަމާއަތްތައް ގުޅިގެން އިސްރާއީލޭކިޔޭ ޔަހޫދީ އިސްތިޢްމާރީ ދައުލަތެއް ހުޅަނގުގެ އެހީތެރިކަމާއެކު ކަނޑީގެ ބާރުގައި އުފައްދައި ފަލަސްތީނުގެ ރައްޔިތުންގެ 80 ޕަސެންޓް މީހުން އެމީހުންގެ އަމިއްލަ ވަޒަނުން ބޭރުކޮށް ރެފިއުޖީންނަށް ހަދާފަ އެވެ.

އަދި ވަޒަނުން ބޭރުކޮށްނުލެވުނު ފަލަސްތީނުގެ ރައްޔިތުންގެ އެއްބަޔަކުވަނީ އިސްރާއީލޭކިޔާ ޔަހޫދީ ޤައުމުގެ ދެވަނަ ދަރަޖައިގެ ރައްޔިތުންގެ ގޮތުގައި ހަދާފައެެވެ. އަނެއްބައި މީހުންވަނީ އިސްރާއީލުގެ އިސްތިޢްމާރުގެ ވަކިތަކުގެ ދަށުގައި އަޅުވެތިކޮށްފައެވެ.

ފަލަސްތީނުގެ ރައްޔިތުން އިއްޔެ ފާހަގަކުރީ އެ މީހުންގެ ނަކްބާ (ބޮޑު މުސީބާތް) ގެ 63 ވަނަ އަހަރީ ދުވަހެވެ. ފަލަސްތީނުގެ ނަކްބާގެ ދުވަހަކީ ފަލަސްތީނުގެ ބިމުގައި ހުޅަނގުގެ ބާރުތަކުގެ އެހީތެރިކަމާއެކު އުފައްދާފައިވާ އިސްރާއީލެވެކިޔާ އިސްތިޢްމާރީ ޤައުމުގެ މިނިވަން ދުވަހެވެ.

ނަކްބާގެ ދުވަސް ފާހަކުރުމުގެ ގޮތުން ފަލަސްތީނުގެ އެކި ކަންކޮޅުތަކުގައި އިޒުރޭލުގެ އަޅުވެތިކަމާ ދެކޮޅަށް މިނިވަންކަމުގެ އަޑުއުފުލި ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުގެ ސިފައިން ހަމަލާދިފައިވަނީ ބަޑީގެ އުންޑައިންނާއި ލަޓިބުރިންނާއި ކަރުނަ ގޭހުންނެވެ. މިކަމުގެ ސަބަބުން އިއްޔެ މަރުވި އަދި ޒަޚަމްވި ފަލަސްތީނު ރައްޔިތުންގެ ޢަދަދު 200 އަށްވުރެ އިތުރު ކަމަށް ފަލަސްތީނުން ބުނެއެވެ.

އިޒުރޭލުން ހިފާފައިވާ ސޫރިޔާގެ ގޯލާންގެ އުސް ބިންތަކުގެ ރައްޔިތުންނާއި ދެކުނު ލުބްނާނުގެ ރައްޔިތުން ވެސް އިޒުރޭލުގެ އަނިޔާވެރިކަމާ ދެކޮޅަށް އަޑުއުފުލުމުން އިޒްރޭލުންވަނީ މި ދެސަރަޙައްދުން ވެސް އެތަށް ބަޔަކު ޝަހީދުކޮށް އަދި ޒަޚަމްކޮށްލާފަ އެވެ.

މީގެއިތުރުން ފަލަސްތީނުގެ ބިމުގައި އިޒްރޭލު އުފެއްދުމާގުޅިގެން އިޒްަރޭލުގެ ރައްޔިތުންގެ ގޮތުގައި ހަމަޖެހިގެންދިޔަ ފަލަސްތީނު ރައްޔިތުން ވެސް އެކިރައްރަށުގައިވަނީ ނަކްބާގެ މުސީބާތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އިޒްރޭލުގެ އަނިޔާވެރިކަމާއި އަޅުވެތިކަމާ ދެކޮޅަށް އަޑުއުފުލުމުން އިޒްރޭލުންވަނީ އެމީހުންނާ ދެކޮޅަށް ވެސް ބާރުގެ ބޭނުންކޮށްފަ އެވެ.

1948 ގައި ފަލަސްތީނުގެ ބިމުގައި އިޒްރޭލުގެ ޔަހޫދީ ދައުލަތް އުފެއްދީ ނާޒީ ޖަރުމަނުގެ އަތްދަށުން ޔޫރަޕްގެ ޔަހޫދީންނަށް ލިބުނުކަމަށް ބުނާ ހޮލޮކޯސްޓްގެ އަނިޔާތަކަށް ބަދަލެއް ދިނުމަށްޓަކައި ދެވަނަ ބޮޑު ހަނގުރާމައިގެ ސެޓްލްމެންޓެއްގެ ގޮތުން ހުޅަނގުގެ ބާރުތަކާއި ކުރީގެ ކޮމިއުނިސްޓް ސޮވިއެޓް ޔުނިޔަން ގުޅިގެންނެވެ.
އެހެންކަމުން ނާޒީ ޖަރުމަނުގެ މައްޗަށް ކާމިޔާބުހޯދި ބާރުތައް ގުޅިގެން އެ ހަނގުރާމައަށްފަހު ދުނިޔޭގައި އުފައްދާފައިވާ ނިޒާމުން ގެންދަނީ އިޒްރޭލް ޙިމާޔަތްކޮށް ދެމެހެއްޓުމަށް އާދަޔާ ޚިލާފު މަސައްކަތްތަކެއް ކުރަމުންނެވެ. ދެވަނަ ބޮޑު ހަނގުރާމައަށްފަހު ދުނިޔޭގައި އުފައްދާފައިވާ ނިޒާމް ރޫޅިގެން ނޫނީ އިޒްރޭލް ނެތިގެން ނުދާނެ ކަމަށް ފަލަސްތީނު ރައްޔިތުންނާއި ޢަރަބިން ދެކެއެވެ.

އިޒްރޭލުން ގެންދަނީ ފަލަސްތީނުގެ ބިމުގެ އެންމެ 30 ޕަސެންޓް ބިމުގައިވެސް ފަލަސްތީނުގެ ރައްޔިތުންނަށް މިނިވަން ދައުލަތެއް އުފެއްދުމަށް ދެކޮޅު ހަދަމުންނެވެ. އަދި ވަޒަނުން ބޭރުކޮށްލެވިފައިވާ ފަލަސްތީނުގެ އެތައް މިލިޔަން މީހުން އެނބުރި ވަޒަނަށް ރުޖޫޢަވުމުގެ އިންސާނީ ޙައްޤަށް އިޒުރޭލުން ގެންދަނީ ފާޅުގައި އިންކާރު ކުރަމުންނެވެ.

ފަލަސްތީނުގެ ބިމުގައި އިޒުރޭލް އުފެދުމުގެ ކުރިންނާއި އޭގެ ފަހުންވެސް ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒުރޭލުން އެތައް ޤަތުލު ޢާންމެއް ހިންގައި ފަލަސްތީނުގެ އެތައް ހާސްބަޔަކު ވަނީ މަރާފަ އެވެ.
އަދި ފަލަސްތީނާ ދެކޮޅަށް ވޭތުވެދިޔަ 60 އަށް އަހަރުގެ ތެރޭ އިޒްރޭލުން ހިންގަމުން ގެންްދިޔަ ހަނގުރާމަތަކާއި ޢުދުވާނީ ޙަމަލާތަކުގައި ފަލަސްތީނުގެ މިލިޔަނެއްހާ މީހުން މަރުވެފައިވާ ކަމަށް އިންތިފާޟާގެ ދިރާސާތަކާބެހޭ ފަލަސްތީނުގެ ޤައުމީ މަރުކަޒުން ބުނެއެވެ.

ފަލަސްތީނުގެ ރައްޔިތުންގެ ބޮޑު މުސީބާތުގެ ދުވަސް ކަމަށްވާ ނަކްބާގެ ދުވަސް އިސްލާމީ ޤައުމުތަކުގައާއި ހުޅަނގުގެ ބައެއް ޤައުމުތަކުގައާއި ލެޓިން އެމެރިކާގެ ބައެއް ޤައުމުތަކުގެ ރައްޔިތުންގެ ގެންދަނީ ފާހަގަ ކުރަމުންނެވެ. -- އަލްޖަޒީރާ، ނޫސްއެޖެންސީތައް