މާލެ ތެރޭގެ އަމަން ނަގާލުމުގެ ތުހުމަތުގައި، ހާއްސަ އޮޕަރޭޝަނެއްގެ ދަށުން ހުކުރު ދުވަހުގެ ރޭ ހައްޔަރު ކުރި 19 މީހުން ވެސް ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހު 14 އަހަރުގެ ދެ ކުދިން މަރާލުމާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އެ މީހުން ހައްޔަރުކޮށްފައިވާ އިރު ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ 24 ގަޑިއިރު އެމީހުން ބަންދުގައި ބޭތިއްބުމަށް ފަހު ކޯޓަށް ވެސް ނުގެންގޮސް އެ 19 މީހުން ދޫކޮށްލީ އެކަށީގެންވާވަރުގެ ހެކި ނެތިގެން ކަމަށެވެ.

އެމީހުން ހައްޔަރުކުރީ އެ ދުވަހު މާލޭގައި ހިންގި ދެ މާރާމާރީއެއްގައި 14 އަހަރުގެ ދެކުދިން ކަމަށްވާ ކ. ކާށިދޫ، ރަންފަރު، އަހުމަދު އިރުޝާމާއި މ. ސަރުމާގެ، ފާތިރު މުހައްމަދު މަރާ އެކު ހިންގި އޮޕަރޭޝަންއެއްގަ އެވެ.

މިފަހަކަށް އައިސް މާލޭގައި މިވަނީ އަނެއްކާ ވެސް މާރާމާރީތައް ހިންގަން ފަށައިފަ އެވެ. އިއްޔެ ވެސް ވަނީ 24 އަހަރުގެ ޒުވާނެއްގެ ގަޔަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލައިފަ އެވެ.