ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ)ގައި ސަރުކާރުގެ ހިއްސާ ކުޑަކުރުމަށް އެސްޓީއޯއާއި އަދި ސަރުކާރުން ވެސް ބޭނުންވާ ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު ޝަހީރު ވިދާޅުވެއްޖެ އެވެ.

ރޭ ކުރުނބާ މޯލްޑިވްސްގައި ބޭއްވި އެސްޓީއޯގެ 2015 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި، އެސްޓީއޯގެ އެމްޑީ ވިދާޅުވީ، އެސްޓީއޯގައި އޮންނަ ސަރުކާރުގެ ބައެއް ހިއްސާ ވިއްކާލުމުގެ ވާހަކަ، މީގެ ކުރީގެ އަހަރީ އާންމު ޖަލްސާތަކުގައި ވެސް ދެކެވިފައި ވާނެ ކަމަށެވެ.

ޝަހީރު ވިދާޅުވީ، މިކަން ކުރުމަށް ސަރުކާރާ ވާހަކަ ދެއްކުމާ މެދު އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި މަޝްވަރާ ކުރެވިފައި ވާނެ ކަމަށެވެ.

"އެސްޓީއޯގައި ސަރުކާރުގެ ހިއްސާ ކުޑަކުރުމަށް، އެސްޓީއޯއިން އެކަންޏެއް ނޫން. ސަރުކާރުގެ ވެސް ވިސްނުމަކީ އެއީ،" ޝަހީރު ވިދާޅުވި އެވެ.

އެސްޓީއޯގައި ސަރުކާރުގެ 919،869 ހިއްސާ އޮވެ އެވެ. އެއީ 81.63 ޕަސަންޓުގެ ހިއްސާ އެވެ. ބާކީ 18.37 ޕަސަންޓަކީ އާންމު ހިއްސާދާރުންގެ ހިއްސާ އެވެ.

އެސްޓީއޯގައި ސަރުކާރުގެ ހިއްސާ ބޮޑު ކަމުން، އެކަމުގެ ޝަކުވާ އެސްޓީއޯގެ އާންމު ހިއްސާދާރުން ކުރެ އެވެ. އެގޮތުން، މައްސަލަ އެންމެ ބޮޑަށް ދިމާވަނީ، ހިއްސާގެ އަދަދަށް ބަލައި، ޖަލްސާތަކުގައި ވޯޓު ނަގާ ފަހަރުތަކުގަ އެވެ.

ރޭ ބޭއްވި ޖަލްސާގައި، ފާސްކުރަން ޖެހޭ ކަންކަމަށް ވޯޓު ލުމަށް، ސަރުކާރުން އެދިގެން ވޯޓު ލާފައި ވަނީ ހިއްސާގެ އަދަދަށް ބަލައިގެންނެވެ. ޖަލްސާ ބޭއްވުމުގެ ގަވައިދުގައިވާ ގޮތުން، ކުންފުނީގެ 10 ޕަސަންޓަށް ވުރެ ގިނަ ހިއްސާ އޮންނަ ފަރާތަކުން އެގޮތަށް އެދިއްޖެ ހާލަތެއްގައި ކަން ކުރާނީ އެގޮތަށެވެ.

އެސްޓީއޯއިން ހިއްސާދާރުންނަށް ބަހާނެ ޑިވިޑެންޑް ފާސް ކުރުމަށް ވޯޓު ނެގި ވަގުތު، ޖަލްސާއަށް ހާޒިރުވި އާންމު ހިއްސާދާރުން ވަނީ އެކަމާ ނުރުހުން ފާޅުކޮށް، ޚިޔާލު ފާޅުކޮށްފަ އެވެ. ހިއްސާދާރުން ބުނެފައި ވަނީ، ހިއްސާގެ އަދަދަށް ބަލައި ވޯޓު ލައިފި ނަމަ، އާންމު ހިއްސާދާރުން އެކަމާ ދެކޮޅު ވިޔަސް އެ ހިއްސާދާރުންގެ ޚިޔާލު ނުވަތަ ނިންމުމުގެ އެއްވެސް ބުރަދަނެއް ނޯންނާނެ ކަމަށެވެ.

އަދި ވޯޓު ލާ ގޮތް ބަދަލު ކުރުމަށް ވިސްނެވުމަށް ސަރުކާރުގެ ހިއްސާ ތަމްސީލުކުރާ ފަރާތަށް އާންމު ހިއްސާދާރުންގެ ފަރާތުން އެދުނެވެ. އެހެން ނަމަވެސް ސަރުކާރުން އެގޮތަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.

ރޭގެ ޖަލްސާގައި ސަރުކާރު ތަމްސީލުކުރާ ހިއްސާދާރުގެ އެދުމުގެ މަތިން، ހިއްސާގެ އަދަދަށް ބަލައި ވޯޓު ދިނުމުގެ ކަންކަން ކުރިޔަށް ގެންދިޔަ ނަމަވެސް، ރޭގެ ޖަލްސާއަކީ އެސްޓީއޯގެ ތާރީޚުގައި ވެސް އެންމެ ގިނަ އާންމު ހިއްސާދާރުން ބައިވެރިވި ޖަލްސާ އެވެ. އެގޮތުން، އެ ޖަލްސާގައި 392 ހިއްސާދާރުން ބައިވެރިވެފައިވާ އިރު، އޭގެ ތެރެއިން 390 ހިއްސާދާރުންނަކީ އާންމު ހިއްސާދާރުންނެވެ.