09 Jun 2016, 23:38
ސައްޙަ ނޫން ކޯޓު އަމުރެއް ނެރެގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ހައްޔަރުކުރަން އުޅުނުކަން ސާބިތުވެ ކުރީގެ ޕްރޮސިކިއުޓާ ޖެނެރަލް މުހުތާޒު މުހުސިން 17 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ދާދިދެންމެ ހުކުމް ކޮށްފި އެވެ.
މުހްތާޒުގެ މައްޗަށް މިރޭ 17 އަހަރުގެ ޖަލު ހުކުމެއް އިއްވީ، ދައުލަތުން އޭނާގެ މައްޗަށް އުފުލި ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުމާއި ބައިވެރިވުމުގެ ކުށުގެ ދައުވާ ޝަރީއަތަށް ސާބިތު ވުމުންނެވެ.
މުހުތާޒުގެ މައްޗަށް ދައުލަތުން އުފުލާފައިވާ އިތުރު ދެ ދައުވާއަށް މިރޭ ހުކުމްއިއްވާފައެއް ނުވެއެވެ.
މުހުތާނަށް އިއްވާފައި ވަނީ ޓެރަރިޒަމްގެ އާ ގާނޫނުގެ ދަށުން އެ ކުށަށް ކަނޑައެޅިފައިވާ އެންމެ ލުއި އަދަބެވެ.
ހުކުމް އިއްވުމަށް މިރޭ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ އަބްދުލް ބާރީ ޔޫސުފު ވިދާޅުވީ، މާފުށީ ކޯޓުގެ ނަމުގައި ތައްުޔާރުކޮށް މާލޭގެ ނިލޯފަރު ގޯޅީގެ ތެރޭގައި ހުރި ސައިކަލެއްގެ މަތީގައި ބާއްވާފައި އޮތް ރައީސް ޔާމީން ހައްޔަރުކުރުމަށް ތައްޔާރުކޮށްފައި އޮތް ސައްހަނޫން ކޯޓު އަމުރު ތައްޔާރުކޮށްފައި ވަނީ، މުހްތާޒުގެ ބައިވެރިވުން އޮވެގެން ކަން ޝަރީއަތަށް ސާބުތު ނުވާ ކަމަށެވެ. ނަމަވެސް މާލޭން ފުރައިގެން އދ. މާމިގިއްޔަށް ވަޑައިގެން އެރަށު ކޯޓު ހުޅުވައި އެކޯޓުގެ ތެރޭގައި ހުރި ލެޕްޓޮޕްގެ ކައިރީގައި މުހްތާޒާއި އެ ކޯޓުގެ މެޖިސްޓްރޭޓް އަހްމަދު ނިހާން ހުންނެވިކަން ހެކީންގެ ހެކިބަހުން އެނގެން އޮންނައިރު، ރައީސް ޔާމީން ހައްޔަރުކުރުމަށް ތައްޔާރުކުރަން ފަށާފައިވާ ކޯޓުއަމުރެއް ކަމަށް ދައްކުވައިދޭ ލިޔުމެއް އެކޯޓުގެ ލެޕްޓޮޕުން ފެނިފައިވާކަމަށް ކޮމްޕިއުޓަރ ފޮރެންސިކް ރިޕޯޓުން އެނގެން އޮންނަކަމަށް ގާޒީ ވިދާޅުވިއެވެ.
ހުކުމް އިއްވަމުން ގާޒީ ވިދާޅުވީ، ދައުލަތަށް ނުވަތަ ސަރުކާރަށް ނޭދެވޭ ނުފޫޒެއް ފޯރުވުމަށް މަސައްކަތް ކުރުމާއި، އާންމުންނަށް ބިރުދެއްކުމަށް ނުވަތަ ޢާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް މަސައްކަތްކުރުމާއި، ރައީސް ޔާމީން ގަދަކަމުން ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުމަށް މުހްތާޒް މަސައްކަތް ކުރައްވާފައިވާކަން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަހުންނާއި ގަރީނާތަކުން ޝަރީއަތަށް ސާބިތުވާކަމަށެވެ.
މައްސަލައިގައި ކަން ހިނގާފައިވާ ގޮތުގެ ޚުލާސާ
- ޓެރަރިޒަމްގެ ދައުވާގެ ކުރިން މުހުތާޒުގެ މައްޗަށް އުފުލީ ހުއްދަ ނޫން ގޮތުގައި މީހަކު ހިފައްޓަން އުޅުމުގެ ދައުވާ.
- ގާނޫނުލް އުގޫބާތުގެ ދަށުން އުފުލި އެ ދައުވާ އަކީ އަދަބު ކުޑަ ދައުވާއެއް.
- ހުރިހާ ދައުވާތަކަށް މުހުތާޒު ވަނީ އިންކާރު ކުރައްވާފައި.
- އެ މައްސަލަ ފުރަތަމަ ބެއްލެވީ ގާޒީ އިބްރާހީމް އަލީ.
- ހެކިބަސް ނަގަން ތާވަލްކޮށްފައި ވަނިކޮށް ގާޒީ ބާރީ ވަނީ އެ މައްސަލަ ނަންގަވައި ޝަރީއަތްތައް ކުރިއަށް ގެންގޮސްފައި.
- ވަރަށް އަވަސް ސްޕީޑެއްގައި އެ މައްސަލައިގެ އަޑުއެހުންތައް ގާޒީ ބާރީ ކުރިއަށްގެންދެވި.