ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަނަށް މިދިޔަ އަހަރު ލިބުނު ފައިދާއިން، ހިއްސާއަކަށް 57 ރުފިޔާ ބަހަން އެކުންފުނިން ނިންމައިފި އެވެ.

ކުރުނބާ މޯލްޑިވްސްގައި މިރޭ ކުރިޔަށްދާ އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި، ހިއްސާއަކަށް 57 ރުފިޔާ ބެހުމަށް ފާސްކުރީ 945،200 ވޯޓާ އެކު އެވެ. މި އަދަދާ ދެކޮޅަށް ވޯޓު ދިނީ 8068 ވޯޓެވެ.

އެ ވޯޓު ނަގާފައި ވަނީ، ހާޒިރުވި ހިއްސާދާރުންގެ ހިއްސާގެ އަދަދަށް ބަލައިގެންނެވެ. އެގޮތަށް ނިންމީ، އެގޮތަށް ކަންތައް ކުރުމަށް، ސަރުކާރުގެ ހިއްސާ ތަމްސީލުކުރާ ފަރާތަކުން އެދުމުންނެވެ. ޖަލްށާ ބޭއްވުމުގެ ގަވައިދުގައިވާ ގޮތުން، ކުންފުނީގެ 10 ޕަސަންޓަށް ވުރެ ގިނަ ހިއްސާ އޮންނަ ފަރާތަކުން އެގޮތަށް އެދިއްޖެ ހާލަތެއްގައި ކަން ކުރާނީ އެގޮތަށެވެ.

އެސްޓީއޯގައި ސަރުކާރުގެ 919،869 ހިއްސާ އޮވެ އެވެ. އެއީ 81.63 ޕަސަންޓުގެ ހިއްސާ އެވެ.

މިކަމާ ގުޅިގެން ވޯޓުލުން ކުރިޔަށް ދިޔަ ވަގުތު، ޖަލްސާއަށް ހާޒިރުވި އާންމު ހިއްސާދާރުން ވަނީ އެކަމާ ނުރުހުން ފާޅުކޮށް، ޚިޔާލު ފާޅުކޮށްފަ އެވެ. ހިއްސާދާރުން ބުނެފައި ވަނީ، ހިއްސާގެ އަދަދަށް ބަލައި ވޯޓު ލައިފި ނަމަ، އާންމު ހިއްސާދާރުން އެކަމާ ދެކޮޅު ވިޔަސް އެ ހިއްސާދާރުންގެ ޚިޔާލު ނުވަތަ ނިންމުމުގެ އެއްވެސް ބުރަދަނެއް ނޯންނާނެ ކަމަށެވެ. އަދި ވޯޓު ލާ ގޮތް ބަދަލު ކުރުމަށް ވިސްނެވުމަށް ސަރުކާރުގެ ހިއްސާ ތަމްސީލުކުރާ ފަރާތަށް އާންމު ހިއްސާދާރުންގެ ފަރާތުން އެދުނެވެ. އެހެން ނަމަވެސް ސަރުކާރުން އެގޮތަށް ބަދަލެއް ގެނެސްފައެއް ނުވެ އެވެ.

މި ޖަލްސާގައި ޖުމްލަ 392 އާންމު ހިއްސާދާރުން ބައިވެރިވެފައިވާ އިރު، މިއީ އެސްޓީއޯގެ ތާރީޚުގައި ވެސް އެންމެ ގިނަ އާންމު ހިއްސާދާރުން ބައިވެރިވި ޖަލްސާ އެވެ.

އެސްޓީއޯއަށް މިދިޔަ އަހަރު ސާފު ފައިދާގެ ގޮތުގައި ލިބުނީ 435 މިލިޔަން ރުފިޔާ އެވެ. މިއީ 2014 ވަނަ އަހަރުގެ ސާފު ފައިދާއާ އަޅާ ބަލާއިރު 9.25 ޕަސަންޓު ދަށް އަދަދެކެވެ. ދެހާސް ސާދަ ވަނަ އަހަރު އެސްޓީއޯއަށް ސާފު ފައިދާގެ ގޮތުގައި 573 މިލިޔަން ރުފިޔާ ލިބުނު އިރު ހިއްސާއަކަށް 76 ރުފިޔާ ބަހާފައިވެ އެވެ.

އެސްޓީއޯގެ ސާފު ފައިދާ މިދިޔަ އަހަރު ދަށަށް ދިޔަ ސަބަބެއް ކަމުގައި އެސްޓީއޯ އިން ބުނެފައިވަނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދިޔުމުން ތެޔޮ ވިއްކައިގެން ލިބުނު އާމްދަނީ މަދު ވުމެވެ.